Monday, March 5, 2012

ރައީސް ވަހީދުގެ ހާއްސަ އިންޓަވިއު:





ސިނާން: ފެބްރުއަރީ ހަތް ވަނަ ދުވަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން މަނިކުފާނާ ގުޅުއްވިތޯ؟
ރައީސް: އިސްތިއުފާ ދެއްވާނެ ވާހަކައެއްވެސް ދެއްވަން ގަސްތުކުރާ ވާހަކައެއްވެސް އަދި އެއްވެސް ފަރާތަކުން އިސްތިއުފާ ދޭން ރައީސް އަށް ދެންނެވި ވާހަކައެއްވެސް މިކަހަލަ އެއްވެސް ވާހަކައެއް ރައީސް ނަޝީދު އަޅުގަނޑަކާ ހިއްސާއެއް ނުކުރައްވާ. އަދި އަޅުގަނޑަކާ ފޯނުކޮށެއްވެސް ނުލައްވާ. އިސްތިއުފާ ދެއްވުމުގެ ކުރިއަކުންނެއް އަޅުގަނޑު ކައިރީގަ އެއްވެސް ފަރާތަކުން އެއްވެސް ހާލެއްގަ މަޖުބޫރު ވެގެނޭ އިސްތިއުފާ ދެއްވަން އުޅުއްވަނީ ވިދާޅުވިނަމަ އަޅުގަނޑު ހަމަގައިމުވެސް އެމަގާމަކާ ހަވާލުވާކަށް ނުދިޔައީމުސް. އެގާތްކަމެއް ރައީސް ނަޝިދު އަޅުގަނޑަކާ ނުބާއްވަވާ. އަޅުގަނޑަށް ހީވަނީ ރައީސް ނަޝީދުގެ ވާޖިބެއްހެން އެމަނިކުފާނު މަގާމުން ދުރުވެވަޑައިގަތުމުގެ ކުރިން އަޅުގަނޑާ ގުޅުއްވާފަ އެވާހަކަ ވިދާޅުވުންވެސް. އަޅުގަނޑަށްވެސް ފަހުން އެނގިފަ އޮތީ ވަރަށް ގިނަ އެހެން ބޭބޭފުޅުންނާ މަޝްވަރާކުރެއްވިކަން އަދި ފޯނުކުރައްވާފަ ވިދާޅުވިކަން އަދި ކެބިނެޓުގެ ޖަލްސާއެއްވެސް ރައީސް އޮފީހުގަ ބޭއްވެވިކަން އެހެން ނަމަވެސް އެޖަލްސާއަކަށް އަޅުގަނޑަކަށް ނުކިޔާ. އަޅުގަނޑު ނުވެސް ދެނަހުރިން ކެބިނެޓް ޖަލްސާއެއް ބޭއްވެވިކަން ވެސް އަޅުގަނޑަށް ޓީވީން ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން އެތާ ތިއްބެވިތަން ފެނުމުގެ ކުރިއަކުންނެއް، އެއީ ވަރަށް ދެރަކޮށް ދިމާވިކަމެއް އަޅުގަނޑަށް ރައީސް ނަޝީދަށް އެހީއެއްވެދެވުނީހީވެސް އަޅުގަނޑު ކައިރި ވިދާޅުވިނަމަ އަޅުގަނޑަށް އަންގަވައިލެއްވިނަމަ.

އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފެނިގެން މިދިޔައީ މަނިކުފާނު ރައީސް ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިކަންތައްތަކާ މީޑިއާ އާ މައުލުމާތު ހިއްސާކުރެއްވިތަން. އިސްތިއުފާ ދެއްވިރޭނޫން ކުރީރޭ ގާތްގަނޑަކަށް 10 ޖެހީއިރުންސުރެއް ފެށިގެން މެނދުރުފަހާ ހަމައަށް ދިގުދެމިގެން ދިޔަ މި ހާދިސާގައި މަނިކުފާނު އެއްވެސް ވަރަކަށް މަސައްކަތް ކުރެއްވިންތޯ ރައީސް ނަޝީދަށް ގުޅުއްވަން؟

އަޅުގަނޑަކަށް އެއްވެސް ވަރަކަށް ނޭނގެ ރައީސް ނަޝީދު އެތެރޭގަ ކަންތައްކުރައްވަމުން ގެންދެވި ގޮތެއް އެދުވަހަކު، އަދި ރޭއްވެވިގޮތެއްވެސް އެހެންވީމަ އެކަމާ ގުޅޭގޮތުން އަޅުގަނޑަށް ސުވާލުކުރާކަށް ފުރުސަތެއްވެސް ނުލިބޭ. ރައީސް ނަޝީދު އަޅުގަނޑުމެންނަށް މިފެނުނީ އެދުވަހު ހެނދުނު ފުލުހުންނާ ބައްދަލުކުރައްވަން ޖުމްހޫރީ މައިދާނަށް ނުކުމެ ވަޑައިގެންނެވިތަން ޓީވީން. އޭގެފަހުން އަނެއްކާވެސް އެތެރެއަށް ވެދެވަޑައިގަތީ ދެންވީގޮތެއްނޭނގެ. އަޅުގަނޑު ސީދާ ރައީސް ނަޝީދާ ގުޅޭތޯއެއް ނުބަލަން. އެހެން ނަމަވެސް އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ ޖަލީލާ ގުޅޭތޯ ބެލިން. އެހެން ނަމަވެސް އަޅުގަނޑު ފޯނުކޯލަކަށްވެސް ފޮނުވި މެސަޖަކަށްވެސް ޖަވާބެއް ނުދެއްވާ. އެހެންވީމަ އަޅުގަނޑަކަށް އެކަމާބެހޭ އެއްވެސް ބޭފުޅަކަށް ވާހަކަދެއްކޭ ގޮތެއްނުވި. 

ޑިފެންސް މިނިސްޓަރ ނޫނީ ޕޮލިސް ކޮމިޝަނަރ އާ މުއާމަލާތްކުރެއްވިންތޯ؟
ނޫން އެބޭފުޅުންނަކާ ނުގުޅަން. 

މި މަހުގެ އެއްވަނަ ދުވަހު މަނިކުފާނު ރިއާސީ ބަޔާން އިއްވަވަން މަޖިލީހަށް ވަޑައިގަތުމުން ކުރިމަތިވި، ހާދިސާއާ ގުޅިގެން މަޖިލިސް ތެރޭ ހިނގާދިޔަ ކަންތައްތަކާ ގުޅީގެން ސުލްހައިގެ ވާހަކަތައް މިވަނީ ހުއްޓިފަ. މިވާހަކަތަކުގަ ބައިވެރިވަމުން ދިޔަ ބޮޑެތި ބައެއް ޕާޓީ ތަކުން މިވަނީ ވަކިވެފަ. މިވާހަކަތައް އިތުރަށް ކުރިއަށް ގެންދިއުމުގައި ވިސްނުންފުޅަކީ ކޮބައިތޯ؟

ވާހަކަތައް ކުރިއަށް ގެންދިއުމަށް އަޅުގަނޑު އެދެނީ. އަޅުގަނޑު ގަބޫލުކުރާގޮތުގަ ވާހަކަދައްކައިގެން ނޫނީ ހައްލެއް ނުހޯދޭނެ. އެހެންވީމަ އަޅުގަނޑުގެ އިސްނެގުމެއްގެ މަތިން ވާހަކަދެއްކުން ވިލަރެސްކުރުމަށް ޓަކައި މީހަކު ކަނޑައަޅާ ހުރިހާ ޕާޓީތަކުގެ ބޭފުޅުން ގެނެސްގެން ވާހަކަދައްކަމުން މިގެންދިޔައީ. އެހެން ނަމަވެސް ކަންދިމާވިގޮތުން މިމަހު އެއް ވަނަ ދުވަހު މަޖިލިސް ހުޅުވުމަށް އެމްޑީޕީން ހުރަސް އެހާބޮޑު އަޅުއްވައި އެކަން ވިޔަ ނުދިނުމުގެ ސަބަބުން ދެ ޕާޓީއަކުން އަޅުގަނޑަށް ހީވަނީ ވިދާޅުވެއްޖެހެން މަޖިލިސް ހުޅުވުމަށް ހުރަސް އަޅަންޏަކާ ދެން ކޮންމެހެން ވާހަކަދެއްކުމުގެ ބޭނުމެއްނެތޭ. އެހެން ނަމަވެސް އަޅުގަނޑު އުއްމީދުކުރަން މާލަހެއްނުވެ މަޖިލިސްވެސް ހުޅުވޭނެކަމަށް އަދި ވާހަކަތައްވެސް ފެށޭނެކަމަށް. ދެން އޯލްޕާޓީ ޓޯލްކްސް ކުރިއަށްދާއިރުގަ އަޅުގަނޑުގެ އުއްމީދަކީ ރައްޔިތުންގެ މަޖިލިސް ތެރޭގަ މި މަޝްވަރާތައް ކުރުން، ކޮށްގެން ރައްޔިތުންގެ މަޖިލީހުގަ މިކަމަށް ހައްލެއް ހޯދުން. 

އެހެންވީމަ މަނިކުފާނު ތިވިދާޅުވަނީ ކުރިން މަޝްވަރާތައް ކުރިއަށް ގެންދިޔަގޮތަށް ޕާޓީތަކުގެ މެދުގަ ވަކިން މަޝްވަރާތައް ބޭއްވުމުގެ ބަދަލުގަ މަޖިލިސް ހުޅުވިގެން މަޖިލިސް ތެރޭގަ ކުރިއަށްގެންދާ ގޮތަށްތޯ؟

އަޅުގަނޑަށް ހީވަނީ ދެގޮތަށްވެސް މަޝްވަރާ ގެންދިޔުން ހަމަ މުހިންމުހެން މަޖިލިސް ތެރޭގަ ކުރިއަށް ގެންދާއިރު އޯލް ޕާޓީސް ޓޯލްކް ބޭރުންވެސް ހިންގުން ހަމަ މުހިންމުހެން. އެއީ އަޅުގަނޑު ބޭނުންވޭ ވީހާވެސް ފުޅާދާއިރާއެއްގަ މަޝްވަރާ ކުރެވެން. މިހާރު މަޖިލިސް މެންބަރުން ނެތް ޕާޓީތައް ވެސް އެބަހުރ. އެހެންވީމަ އެމިހުންނަށް ވެސް ފުރުސަތުތަކެއް އޮންނަންޖެހޭނެ. އޭރުން އަޅުގަނޑުމެންނަށް މުޅި މުޖުތަމައު މިއާ އެކީގަ ގެންދެވޭނީ. އެހެންނޫނީ ހަމައެކަނި މަޖިލީހުގެ މެންބަރުން ތިބި ޕާޓީތަކުން ގޮތެއް ނިންމީމަ އެހެންޕާޓީތައް ހިތްހަމައެއް ނުޖެހޭނެ، އެހެންވީމަ އަޅުގަނޑަށް ހީވަނީ މި ދެޓްރެކް ކުރިއަށް ގެންދަން އެބަޖެހޭހެން.

ފެބްރުއަރީ ހަތް ވަނަ ދުވަހު މިހިނގި ހާދިސާގެ މަދު ރެއެއްކުރިން އިދިކޮޅު އިއްތިހާދުގެ އިސްބޭފުޅުންނާ މަނިކުފާނާ ބައްދަލުވުމެއް އޮތް. އެވާހަކަތައް މީޑިއާއަށްވެސް އައި އަދި އެމީހުން އެބައްދަލުވުމަށް ފަހު މީޑިއާގަ ވާހަކަދައްކަމުން މަނިކުފާނު ހުރީ ރައީސް ކަމާ ހަވާލުވެވަޑައިގަންނަވާ ގޮތަށޭ ދެން ހަމަ އޭގެ ވަރަށް މަދު ދުވަސް ކޮޅެއްގެ ތެރޭގަ މިހާދިސާތައް ހިނގާ މިދިޔައީ. ބައެއްފަރާތްތަކުން މީޑިއާގަ އެބަ ތުހުމަތުކުރޭ މީ ރޭވިގެން އައިކަމެއްކަމަށް މަނިކުފާނުކަމަށް މިކަމުގެ އަޑީގަ ހުންނެވީ ހާއްސަކޮށް އެމެޑީޕީގެ ބޮޑެތި ބައްދަލަވުންތަކުގަ ޕޯޑިއަމްތަކުގަ މިވާހަކަ އެބަދެކެވޭ. މިކަމުގެ އެއްވެސް ވަރެއްގެ ހަގީގަތެއް އެބައޮތްތޯ އެރޭ ދެކުވުނު ވާހަކަތަކާ އެކަމާ ގުޅުމެއް އެބައޮތްތޯ އެކަހަލަ ހުށަހެޅުންތަކެއް އައިތޯ؟

އަޅުގަނޑު ފުރަތަމަވެސް ދަންނަވަން އެއްވެސް ބަޔަކު ރާވައިގެން އެދުވަހު ހިންގިކަމެއް ނޫން އެއީކީ. އެއީ ހަމަ ރައީސް ނަޝީދު ކަންތައްކުރެއްވި ގޮތުން އެބޭފުޅާގެ ކޮންޓްރޯލް ނައްޓައިގެން ގޮސް ވީކަމެއް އެދުވަހު ވެގެން އެދިޔައީ އަޅުގަނޑަކަށް ހިޔެއްނުވެ ދިވެހިރާއްޖޭގެ އެއްވެސް ބަޔަކުވެސް އެއްވެސް މީހަކުވެސް އެބާވަތުގެ ކަމެއް އެގޮތަށް ރާވައިގެންގޮސް އެހެން ހެދުމުގެ ގާބިލިއްޔަތުކަން ހުރި ކެޕޭސިޓީ ހުރި ބަޔަކު ތިބިހެނެއް. އެދުވަހު ހިނގި ހާދިސާތައް އެކުވެގެން ގޮސް އޭގެތެރެއިން ނުކުތް ނަތީޖާ އެއީ އެންމެ ފަހުވަގުތާ ޖެހެންދެންވެސް ހުރިހާކަމަށް އޯޑަރުދެއްވަމުން އެކަންކަން ހިންގަވަމުން ގެންދެވީ ނަޝީދުގެ ބެއްލެވުމުގެ ދަށުން. އެހެންވީމަ އެކަން ގޯސްވުންވެސް އަޅުގަނޑަށް ހީވަނީ ނަޝީދުހެން އެކަމަށް ޒިންމާވެވަޑައިގަންނަވަން ޖެހޭނީ ބައެއްގެ އިސްތަށިފުޅުގަ އެކަމުގެ ޒިންމާ އަޅުވަން އުޅުމަކީ އަޅުގަނޑަށް ހީވަނީ އެއީވެސް ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްހެން. އެނގިވަޑައިގްނަންވާނެ ފަދައިން ރައީސް ނަޝިދު ކަންތައްކުރައްވަމުން ގެންދެވިގޮތުން ރައްޔިތުން ހިތްހަމަ ނުޖެހޭ އެއީ ދީނީ ކަންކަމާ ބެހޭ ގޮތުންވެސް އަދި ސިޔާސީ ކަންކަމާ ބެހޭގޮތުންވެސް، އިންސާނީ ހައްގުތަކާ ބެހޭ ގޮތުންވެސް ކުރައްވަމުން ގެންދެވި ކަންތަކާ ބެހޭ ގޮތުން ރައްޔިތުން ގެ ތެރެއިން ވަރަށް ގިނަ ބަޔަކު ހިތްހަމަ ނުޖެހިގެން އެކަމާބެހޭ ގޮތުން މުޒާހަރާކުރަމުން ގެންދާތާ ތިން ހަފްތާއެއްހާ ދުވަސް ވެފަ އޮތީ. ވެފަ އޮތް އިރުގާ ދެފަހަރެއްގެ މަތިން އެކަމުގަ އިސްކޮށްއުޅުނު ޕާޓީތަކުގެ ފަރާތުން އަޅުގަނޑާ ބައްދަލުކުރަން ބޭނުންވި. ފުރަތަމަ ފަހަރު އެމީހުން ބައްދަލު ކުރަން އެދުމުންވެސް އަޅުގަނޑު ރައީސްއަށް ދެންނެވިން އެމިހުން އަޅުގަނޑާ ބައްދަލުކުރަން އެބައުޅޭ މިބައްދަލުވުމަށް ރައީސް އޮފީހުން ބޭފުޅުން ފޮނުއްވައިދެއްވާށޭ. އެކަމަކަށް ޖަވާބެއް ނުދެއްވާ ދެވަނަ ފަހަރަށް އެމީހުން ބައްދަލުކުރަން އަޅުގަނޑަށް އެދުން އެދުވަސް ވަރަކީ ވަރަށް ދަންވަންދެން އެމީހުންގެ ޖަލްސާތަކާ މުޒާހަރާތައް ބާއްވަމުން ދިޔަ ދުވަސްވަރެއް އެހެން ވީމަ އެމީހުން އެކުރާކަމެއް ނިންމާލަމުން އަޅުގަނޑާ ބައްދަލުކުރަން އެދުނީމަ އަޅުގަނޑު ބުނިން އެންމެ ރަނގަޅޭ، އެރޭ އެމީހުން އަޅުގަނޑާ ބައްދަލު ކުރި، ކޮށްފަ އެމީހުން އަޅުގަނޑު ކައިރީ އެހީ އަޅުގަނޑުގެ ޤާނޫނީ ވާޖިބު އަދާ ކުރަން އަޅުގަނޑު ހުރީ ތައްޔާރަށްތޯ މިހާރު އަޅުގަނޑުމެން ރައީސް ނަޝީދު އިސްތިއުފާދެއްވުމަށް ތަކުރާކޮށް ގޮވަމުންނޭ މިދަނީ އެއީ ޕޮސިބިލިޓީއެކޭ އެހެންކަމަށްވެއްޖިއްޔާ ވަހީދަށް މިކަން ކުރެވޭނެހެއްޔޭ، އަޅުގަނޑު ދެންނެވިން އަޅުގަނޑު ނައިބުރައީސެއްގެ ހުވާކުރީ މިކަހަލަ ހާލަތެއް އައިސްފިއްޔާ އެކަން ކުރަން ކެރޭނެތީއޭ. އެކަމަށް ކުރިމަތިލައިގެން ހުރެ ނައިބު ރައީސެއްގެ މަސްއޫލިޔައްތެކޭ ޤާނޫނީ ގޮތުން މިފަދަ ހަދިސާއެއް ކުރިމަތިވެއްޖިއްޔާ އެކަމަށް ތައްޔާރުވެގެން ހުރުން. އެގޮތަށް އަޅުގަނޑު ދެންނެވިން ދެން އެބޭފުޅުންގެ ކަމެއް އަޅުގަނޑަށް ސަޕޯޓުކޮށްގެން ނޫނިއްޔާ އަޅުގަނޑު ނެރެން ވާހަކަތަކެއް ދެއްކިދެއްކުމަކީ. އެއީ އަޅުގަނޑާ ބެހޭ ކަމެއް ނޫން. އަޅުގަނޑު އެބޭފުޅުންނަށް ދަންނަވައިގެނެއް ވެސް ނޫން އަނެއްކާ އެނގިވަޑައިގަންނަވާނެ އަޅުގަނޑުގެ ޕާޓީއަކީ ވަރަށް ކުޑަ ކުޑަ ޕާޓީއެއް. އިއްތިހާދުތެރޭގަ އެބަތިބި ވަރަށް ގިނަ ޕާޓީތައް އެބޭފުޅުންނަކީވެސް އެބޭފުޅުންގެ ސިޔާސީ ފިކުރުތަކާ ހިޔާލުތައް ވަރަށް ތަފާތުބޭފުޅުން. އެހެންވީމަ އަޅުގަނޑަށް ހުރިހާ ޕާޓީތަކަށް އަޅުގަނޑުގެ ވިސްނުން ވިސްނައިދީގެން އެއީ އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއްނޫން. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުގެ ބޮލުގަ މިކަން އަޅުވަން އުޅޭ ބަޔަކު އެއުޅެނީ މީގަ ހަދާނެ އެހެން ގޮތެއް ނެތިގެން ރައީސް ނަޝީދު ނަންގަވަންޖެހޭ މަސްއޫލިއްޔަތެއް އެބޭފުޅާއަށް ނުނެންގެވުމުގެ ސަބަބުން މިކަން މިގޮތަށް ދިމާވީމާ އަމިއްލަ ފުޅަށް އިސްތިއުފާ ދީފަ ވަޑައިގެންނެވީމަ އެހެން ނަމަވެސް ޕާޓީގެ މީހުން އެކަމާ ހިންހަމަނުޖެހިގެން ޕްރެޝާ ކުރީމާ އަނެއްކާވެސް އެނބުރި ވަޑައިގަންނަވަން މަސައްކަތް އެކުރަނީ. މީގެ ކުރިން ރައީސް ނަޝީދު މިކަހަލަ ކަންތައް ކުރައްވާފަ އެބަހުރި މިސާލަކަށް މުޅި ކެބިނެޓުގަ ވިދާޅުވި ހުރިހާމީހުން އިސްތިއުފާ ދޭށޭ، އެދުވަހުވެސް އަޅުގަނޑު އެކަމާ ދެކޮޅުހެދިން އަޅުގަނޑު ކަނޑައެޅިގެން ދެންނެވިން ކެބިނެޓުގެ ހުރިހާ ވަޒީރުން އިސްތިއުފާދިނީމަ ކޯޗެއްތޯއޭ ހާސިލް ކުރައްވަން ތި އުޅުއްވަނީ ވިދާޅުވަނީ ރައްޔިތުންނަށް ޝޮކެއްދޭށޭ، އެފަހަރުވެސް ދެންވެގެން ދިޔަ ގޮތް އެނގިލައްވާނެ، އަނެއްކާވެސް ބޮޑު ހައިޖާނުގަނޑެއް ގެ ތެރެއަށް ގައުމު މިދަނީ މިފަހަރުވެސް މިހެއްދެވީ އެހެން. ކޮންމެ ފަހަރަކުވެސް މިބޭފުޅާ ބޭނުންވަނީ އެބޭފުޅާ ކުރައްވާ ކަމެއްގަ އަޅުގަނޑާ މަޝްވަރާ ނުކުރައްވާ އެހެން ނަމަވެސް އަޅުގަނޑު މިބޭފުޅާ ބޭނުންގޮތަކަށް ކަންތައް ކުރާނެކަމަށް އެސިއުމް ކުރަނީ މިފަހަރުވެސް އެބޭފުޅާ ވިސްނައިގެން ހުރީ އެބޭފުޅާ އިސްތިއުފާ ދެއްވީމަ އަޅުގަނޑުވެސް އިސްތިއުފާދެއްވަންޖެހޭނޭ އެއްގޮތަކަށްވެސް އަޅުގަނޑާ މަޝްވަރާކުރެއްވުމެއް ނެތް، މީގެ ކުރިން ވެސް އެއްފަހަރު އެހެން ހައްދަވަން އުޅުއްވި އެންމެ ޕްރެޝާ ބޮޑުވެގެން މިޑްޓަރމް އިލެކްޝަނެއްގެ ވާހަކަ ދެވުނު ދުވަސްވަރުގަ އެބޭފުޅާ ވިސްނެވި އިސްތިއުފާދެއްވަން. އެފަހަރުވެސް އަޅުގަނޑަކާ މަޝްވަރާއެއް ނުކުރައްވާ. ހައްތަހާވެސް ވިދާޅުވަނީ އެހެންމީސް މީހުން އެބައަހައޭ ވަހީދު ކިހިނެއްހޭ ހައްދަވަނީ ދެން ވަހީދު ހަދާ ގޮތެއްވެސް އެނގޭނީ ވަހީދާ މަޝްވަރަކުރެއްވީމަނޫންތޯ، އެއްދުވަހު އިނގިރޭސި ސަފީރާ އެކީގަ އަޅުގަނޑުމެން އެއްޖަލްސާއެއްގަ ތިބެގެން އަޅުގަނޑުވެސް އިންދާ އިނގިރޭސި ސަފީރު ކައިރީ ތިންހަތަރު ފަހަރަށް މި ވިދާޅުވަނީ ތިމަންނަ އިސްތިއުފާދޭށޭ މިހިރީ އެހެންނަމަވެސް ނައިބުރައީސް ހަދާނެ ގޮތެއް އަދި ނޭނގޭ. އެންމެ ފަހަރަކުވެސް އަޅުގަނޑުކައިރީ ވިދާޅެއްނުވޭ ވަހީދުވެސް ތިމަންނައާ އެއްކޮށް އިސްތިއުފާ ދޭންވީނޫންހޭ އެބޭފުޅާ އެސިއުމް ކުރައްވަނީ އެބޭފުޅާ ކުރައްވާ ކޮންމެ ކަމެއްގައިވެސް އަޅުގަނޑު ހުންނާނީ އެބޭފުޅާ ހެއްދެވިގޮތަކަށް ހެދިގެންނޭ. އަޅުގަނޑަށް ހީވަނީ މިފަހަރުވެސް އެގޮތަށް ވިސްނަވައިގެން ދެމީހުން އިންތިހާބަކަށް ގޮސްގެން އަވަހަށް އެނބުރި އަންނަގޮތަށް ވިސްނުންފުޅުގަ އޮތީ ކަމަށް ވެދާނެ. ދެން އެބޭފުޅާ އަށް އެނގިވަޑައިގަންނަވާނީ ވިސްނަވާފަ އޮތް ގޮތެއް.

ފާހަގަ ކުރައްވައިފި ވަކި ގޮތަކަށް ހީފުޅުކުރައްވައިގެންނޭ، އަޅުގަނޑު ހިތަށްއަރަނީ އިސްތިއުފާ ދެއްވާފަ 24 ގަޑިއިރު ވެސް ނުވަނީސް، އިސްތިއުފާ ދެއްވީ ގަން ޕޮއިންޓްގަ ކަމަށް ވިދާޅުވުމުގަ ކޮން ސަބަބެއްތޯ އޮންނަންވީ؟ 

ރައްޔިތުންގެ ގިނަ ބަޔަކު ވޯޓު ދިނީ ކޯލިޝަންއަށް، ވޯޓުދީގެން މިބޭފުޅާ ރައީސްއަކަށް އަޅުގަނޑު ނައިބުރައީސް އަކަށް ހޮވުނީ. އެބޭފުޅާއަށް ލިބިވަޑައިގެން ކޮންމެ ވޯޓެއް އަޅުގަނޑަށްވެސް ލިބުނު. އަޅުގަނޑުމެން މިހާ ހިސަބަށް މިއައީ ޓީމެއްގެ ގޮތުގަ. އައިއިރުގަ ހަމަ އެކަނި އެމްޑީޕީގެ މީހުންނަށްނޫނިއްޔާމު ވަޒީފާއެއްވެސް ނުލިބޭގޮތަށް، ހަމަ އެކަނި އެމްޑީޕީ މީހަކަށް ނޫނިއްޔަމު ސަރުކާރުން ޕްރޮޖެކްޓެއްވެސް ނުލިބޭގޮތަށް މީތި މުޅިން ބައްޓަންވެގެން ވަރަށް ގިނަބަޔަކަށް ފައިދާތަކެއް ލިބޭގޮތަށް ހަމަޖެހިގެން މިދިޔައީ. އެއަށްފަހު މީނަ އެކަންކަން ވިސްނާ ވަޑައެއް ނުގަތް، ކުއްލިޔަކަށް ވެރިކަން ދޫކޮށްލުން، އެނގިވަޑައެއް ނުގަތްބާއޭ އަޅުގަނޑު ހިތަށް އަރަނީ ދެންތިބި މީހުނަށް ކުރާނެ އަސަރެއް. އެއީ އެބޭފުޅާގެ ފަހަތުގަ ތިބި މީހުނަށްވެސް ދެވުނު ވަރަށްބޮޑު އިހާނެތިކަމެއް އެއީ. މީހަކު ކުރަންވާވަރުގެ ކަމެއްވެސް ނޫން އެހާ ފަސޭހައިން އިސްތިއުފާދެއްވުން. ވިދާޅުވަން ކީއްތޯވީ ތިމަންނައަށް މަޖުބޫރުވެގެންނޭ މިހާރު މި އިސްތިއުފާދެއްވަނީ، ވިދާޅެއްނުވޭ އެހެނެއް، ތިމަންނައަށް ބަޔަކު މަޖުބޫރުކޮށްފިއެކޭވެސް ވިދާޅެއް ނުވޭ. ލައިވް ޓެލެވިޒަންގެ ކުރިމަތީގަ އޭނަގެ އަރިހުގަ ކެބިނެޓު މެންބަރުން ތިއްބެވި. މިހާރުވެސް ހަމަ ހަޅޭއްފަޅޭ ލަވާމީހުން އޭރުގަވެސް ކެބިނެޓްގަ ތިބީ. ކީއްތޯވާނީ އެންމެ މީހަކު ހަޅޭލަވައިގަންނަން ތިމަންނަމެންނަކަށް މަޖުބޫރެއް ނުކުރުވޭނޭ. އެކަކުވެސް ނުބުނޭނޫންތޯ. އެހެންވީމަ އެއީކީ އަޅުގަނޑުމެން މިދަންނަ އެމްޑީޕީގަ ތިއްބަވާ ބޭފުޅުން އެހާ ފަސޭހަކޮށެއް ދޫކޮށެއް ނުލައްވާނެ ރައީސަކަށް ހުންނަ މިހާ އަމިއްލަފުޅަށް ދޫކޮށްލެއްވީމަ ނޫނިއްޔަކާ. މީ ވިސްނަންޖެހޭ ކަމެއް ދެން އެވަރުގެ ބޮޑު ގޯހެއް، ކޮހެއް ހައްދަވާފާ ގެއަށް ވަޑައިގެން އަންނާނީ ކިހާބޮޑު ޕްރެޝަރެއްތޯ؟ ބަޔަކަށް އެވަރުގެ ބޮޑު ލަނޑެއް ދޭކަށްވެސް ނުވާނެނޫންތޯ. އޭރުގަ ޕްރޮޖެކްޓްތައް ދިން ހުރިހާ އެންމެން އިސް މަގާމުތައްދިން ހުރިހާ މީހުން އޭނަގެ ފަހަތުން ނިކުންނަން ޖެހިވަޑައިގަންނަ ވާނެކަން އެނގެންވާނެ ނޫންތޯ، އެހާ ޒިންމާދާރުކުޑަގޮތަކަށް އެހާ ބޮޑު ޕާޓީއެއްގެ ލީޑާޝިޕްގަ ހުންނަވައިގެން އެކަހަލަކަމެއްކުރީމާ ދެންވެގެންދާނެ ގޮތް މިހާރުއެވަމުންދަނީ. އެމްޑީޕީގެ ހުރިހާ މެމްބަރުން އެކަމާ ދޭތެރޭގަ ވިސްނަންޖެހޭނެ މިހާރު މީ ތިމަންނަމެން އެވަރުގެ ބޮޑު އިތުބާރެއްދީގެން އެވަރުގެ ބޮޑު މީހަކަށް ހަދައިގެން ގެނެސް ވެރިކަމަށް ލީމާ މިހެންތޯ ކަންތައްކުރަންޖެހެނީ ޒިންމާދާރު މީހެއްތޯ މީ. 


ފެބްރުއަރީގެ ހަތެއްގެ ހާލަތަށް އަލިއަޅުވާލައްވައިފި މަނިކުފަނު ގަބޫލުކުރައްވަންތޯ އެހާލަތު އޮތީ ރައީސް ނަޝީދު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންވާ ފަދަ ގޮތަކަށްކަން؟ 

އަޅުގަނޑު ގަބޫލެއް ނުކުރަން. އެދުވަހު އެމަނިކުފާނު ގޮތްދޫކުރައްވާފަ ރައްޔިތުންނާ މުހާތަބު ކުރައްވާފަ ރައްޔިތުންނަ ވާހަކަދެއްކެވިނަމަ ހުރިހާ ކަމެއް މައިތިރިވީސް. އެބޭފުޅާ ޖެހިވަޑައިގަންނަވަނީ ދެތިން މެސެޖެއް ދެއްވަން ފުރަތަމަ ވިދާޅުވާންވި ތިމަންނަ ޣައިރު ގާނޫނީ އަމުރުތަކެއް ނުހިންގާނަމޭ، ތިމަންނަ މަސައްކަތް ކުރަމުންގެންދާނީ ގާނޫނާ ގަވައިދާ އެއްގޮތުގެ މަތީންނޭ، ސިފައިންނަކަށްވެސް ފުލުހުންނަކަށްވެސް ޣައިރުގާނޫނީ އަމުރުތަކެއް ނުކުރާނަމޭ. އެވަރުން އަޅުގަނޑަށް ހީވަނީ އޭތި މައިރިވީސްހެން އެކަމަކު އެއަށްވުރެން ގޮތްދޫނުކުރާ މީހަކަށްވެގެންގޮސް އެންމެފަހުން މިހެންމިވީ.

މަނިކުފާނަށް ގަބޫލުކުރެއްވޭތޯ އޭރުގެ އެހާލަތު އޮތްގޮތަށް ބަލާއިރުގަ އެމަނިކުފާނު ވަޑައިގެން ރައްޔިތުންނާ ނުވަތަ އެތާގަ ތިއްބެވި ސިފައިންނާ އަދި ފުލުހުންނާ މުހާތަބު ކުރައްވާ އެފަދަ މެސެޖެއް ދެއްވައިފި ނަމަ އެހާލަތު އަލުން އަނބުރަ ޕީސް އަށް ރުޖޫއަވެދާނެ ކަމަށް؟

އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ޔަގީން ކުރެވޭ އެގޮތަށް ރުޖޫއަވީސްކަން. އަޅުގަނޑުމެންގެ ސިފައިންނާ ފުލުހުންނަކީ ތިޔަކަހަލަ ހަރުކަށި ބައެއް ނޫން. އެމިހުންނަކީ ވެރިންނަށް ބޯލަނބާ ވެރިންނަށް ކިޔަމަންވާ ބައެއް. އެކަމަކު އެމީހުން ހިއުމިލިއޭޓް ކޮށްލާ ރުޅިއަރުވާލާ ފުލުހުންގެ އަތުގަ ހުރި ހަތިޔާރު އެއްޗިހި އަތުލާ ފުލުހުން ނިކަމެތިކޮށްލާ، ކޯޓުތައް އުވާލާ މިކަހަލަ ވިޔާނުދާ ކަންތައްތަކެއް ކުރައްވަން އުޅުއްވިމާ އެކަން ރެސިސްޓް ކުރާނެ ނޫންތޯ.

އެދުވަހުގެ މުޅި މާހައުލު ނިމިގެން ގޮސް އިސްތިއުފާ ދެއްވުމާ ހަމައަށްވެސް މަނިކުފާނުގެ އެއްވެސް ހަބަރެއް އަޅުގަނޑުމެންނަކަށް ނުވޭ، މަނިކުފާނު އެ ހުރިހާ އިރު ކުރެއްވީ ކޮން ކަމެއްތޯ؟

އަޅުގަނޑު އިނީ ޓީވީ ބަލަން އެހެން މީހުންވެސް ޓީވިބަލަން ތިބޭގޮތަށް، 

މަނިކުފާނަކީ ނައިބުރައީސް، މަނިކުފާނު އެތަނަށް ވަޑައިގަތުމުގެ ވިސްނުންފުޅެއް ނުވަތަ ގައުމު ޕީސް ކުރުމުގެ ވިސްނުންފުޅެއް، ހާލަތު ބަދަލުކުރުމަށް މަނިކުފާނުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވީ ކީއްވެތޯ؟

ރައީސުލް ޖުމްހޫރިއްޔާ އޭނަގެ މަގާމު އަދާ ކުރައްވަމުން ގެންދެވި، ރައީސުލް ޖުމްހޫރިއްޔާ އަޅުގަނޑަކަށް ނުގުޅުއްވާ. އަޅުގަނޑު ކައިރިން ކަމަކަށް އެދި ވަޑައެއް ނުގަންނަވާ. ދެން އަޅުގަނޑު އަމިއްލައަށް ގޮސް އެތަނަށްވަންނާނީ ކިހިނެއްތޯ، އަޅުގަނޑަކީ ނައިބުރައިސް ކަމަށްވިޔަސް ގައުމުގެ ބޮޑެތި ސިޔާސީ ކަންތައްތަކާ ސިޔާސަތުގެ ކަންތައްތައް ނިންމަވަމުން ގެންދެވީ އަޅުގަނޑު ބައިވެރިކޮށްގެނެއްނޫން. އެއީ އަޅުގަނޑު އެމްޑީޕީގެ މީހަކަށް ނުވާތީ، އެހެންޕާޓީއެއްގެ މީހަކަށްވާތީ، އޭނަގެ ނުލަފާކަން އަޅުގަނޑަށްވެސް ދައްކުވާލެއްވީ.

މަނިކުފާނަށް އެދުވަހު އެކި ދިމަދިމާލުން ކޯލުތައް އަންނާނެކަމަށް ގަބުލުކުރެވޭ އެއީ ރައިސް ނަޝީދާ ގުޅުންތައް ވަރަށް ބޮޑަށް ކެނޑިފަކަމަށް ގަބޫލުކުރެވެނީ މިދެންނެވީ ރައީސް ނަޝީދު ހުންނަވާނީ ގިނަބޭފުޅުންގެ ކޯލުތައް ނެންގެވޭފަދަ ހާލަތެއްގައެއް ނޫނޭ! 

އަޅުގަނޑު ކޯލުތަކެއް ނުނަގަން އެދުވަހަކު. އަޅުގަނޑު ހުރީ ރައީސް ނަޝީދު ގުޅުއްވަން ބޭނުންފުޅު ނަމަ ގުޅޭގޮތަށް އަޅުގަނޑު ހުރީ އެމްއެންޑީއެފްގެ ޕްރޮޓެކްޝަންގެ ދަށުގަ މިތާގަ އެބަތިބި އެކި ވަރު ވަރުގެ އޮފިސަރުން އެމީސް މީހުނާ އަޅުގަނޑާ ގުޅޭގޮތަށް ހުންނަނީ އެހެންވީމަ އެމްއެންޑީއެފް ގެތެރެއިން އަޅުގަނޑާ ގުޅޭނެ ގުޅުއްވަން ބޭނުންފުޅު މީހަކަށް އަޅުގަނޑަށް. ހަމައެކަނި ފޯނުންގުޅުއްވީ އަބްދުﷲ ޝާހިދު، ޝާހިދު އަޅުގަނޑަށް ދެ ފަހަރަށް ގުޅުއްވި ފުރަތަމަ ފަހަރު ގުޅުއްވާފަ ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާދެއްވަން އެބަ ގަސްތުކުރައްވައޭ ތިމަންނައާ އެވާހަކަ ދައްކައިފިއޭ ދެން އެކަން ހަމަޖެހުނީމަ ގުޅާނަމޭ، ދެވަނަފަހަރު ގުޅުއްވާފަ ވިދާޅުވީ މިހާރު އެކަން ހަމަޖެހިފައޭ އޮތީ އެހެންވިމަ މިވަނެ ގަޑިއަކަށް ވަހީދު އައިސްދޭށޭ، 

އަޅުގަނޑުމެންނަށް އެދުވަހު ހެނދުނުންފެށިގެން ފެނިގެން ދިޔަ ސިފައިންނާ ފުލުހުންގެ ކުރީގެ ރިޓަޔަރޑް ބޭފުޅުން ނުވަތަ ވަޒީފާއިން ވަކިކުރެވިފަ، ނުވަތަ އިސްތިއުފާދެއްވާފަ ތިބި ބޭފުޅުން ހަރަކާތްތެރިވަމުން ދިޔަ މަންޒަރު އޭގެތެރެއިން ދެ ބޭފުޅުން މިހާރުގެ ޕޮލިސް ކޮމިޝަނަރ އަދި ޑިފެންސް މިނިސްޓަރަކީ. މަނިކުފާނުގެ ކެބިނެޓުގެ އެއް މަގާމަކަށް ޑިފެންސް މިނިސްޓަރުކަން ނާޒިމަށް އެއާއެކު ޕޮލިސް ކޮމިޝަނަރ ކަން ރިޔާޒް އަށް މިލިބިވަޑައިގަތް ސަބަބަކީ ކޮބައިތޯ؟

އަޅުގަނޑު ފުރަތަމަ ވަގުތުން ފެށިގެން ނިންމީ ހުރިހާ ޕާޓީތައް އެކުވާ ކެބިނެޓަކަށް ހަދަން އެގޮތުން ފުރަތަމަ އަޅުގަނޑު ހުވާކުރުމާ ގުޅިގެން ހަމަ އެދުވަހު އަޅުގަނޑު ބައްދަލުކުރިން ހުރިހާ ސިޔާސީ ޕާޓީތަކުގެ ވެރިންނާ ބައްދަލުކޮށް އެބޭފުޅުންގެ މަޝްވަރާ ހޯދިން، މަޝްވަރާ ހޯދީމާ އެބޭފުޅުން ވިޑާޅުވި މިދެމަގާމަކީ ކޮންމެހެން ފުރަންޖެހޭ ދެމަގާމޭ ކެބިނެޓްގެ އެހެން މަގާމުތައް ނުފުރުނަސް، ލޯއެން އޯޑަރސް ގާއިމުކުރަން އެބަޖެހޭ ގައުމުގެ އަމަން އަމާން ކަން ގާއިމުކުރަންޖެހޭ ދެން އެމަގާމުތަކަށް ލާނެބަޔަކާ ދޭތެރޭ އަޅުގަނޑު މަޝްވަރާކުރިން ލީޑަރުންނާ ވާހަކަދައްކައިގެން އެބޭފުޅުން ހުށަހެޅުއްވި ދެނަން އެއީ. 

މަނިކުފާނު ވެރިކަމާ ހަވާލުވެ ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ނިއުސްކޮންފަރެންސްގަވެސް ފުރަތަމަ ވިދާޅުވީ ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ރޫލް އޮފް ލޯ ގާއިމުކުރުމަށް މަނިކުފާނު އެންމެބޮޑު އިސްކަމެއް ދެއްވާނެކަމަށް މާރޗް އެއް ވަނަ ދުވަހު ރައްޔިތުންގެ މަޖިލިދސް ހުޅުވަން އޮތް ދުވަހު ކަންތައްތައް ވެގެން ދިޔައީ ވަރަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނު ގޮތުގަ މިތަނުގަ ރޫލް އޮފް ލޯ ގާއިމުނުކުރެވި. އެހާބޮޑު އިސްކަމެއް މަނިކުފާނު އެކަމަށް ދެއްވިއިރު މަނިކުފާނު ގަބޫލުކުރައްވަންތޯ އެދުވަހު ކަންތައްތައް ހިނގާ ދިޔަ ގޮތަށް ބަލާއިރުގަ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދު އެނެންގެވި ޑެސިޝަން އަކީ އެންމެ ރަނގަޅު ޑެސިޝަން ކަމަށް؟

އެދުވަހު އަޅުގަނޑުމެން ވަރަށް ގިނައިރު އެތާ ތިބީން އަޅުގަނޑު ހެނދުނު 10 ޖެހިއިރު އަޅުގަނޑު އެތަނަށް ހިނގައްޖެއިން އަޅުގަނޑުގެ ޤާނޫނީ ވާޖިބު އަދާކުރަން، އެވާޖިބު އަދާކުރަންޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ފެއްޓުމަށް ފަހުގަ. އެކަމަކު ރައްޔިތުންގެ މަޖިލިސް ފެއްޓުމަށްޓަކައި އަޅުގަނޑަށް ކުރެވޭނެ މާކަބޮޑުކަމެއް ނޯންނާނެ، ތިވިދާޅުވިހެން އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވަން ޖެހިބަޑައިގަންނަވާ ކަމެއް އެމަނިކުފާނު ތަފާތު ފަހަރުތަކުގެ މަތިން މަސައްކަތް ކުރެއްވި ޖަލްސާ ފެއްޓެވޭތޯ އެހެން ނަމަވެސް ޖަލްސާ ކުރާ މާލަމަށް ވެދެވަޑައިގަތުމަށް ދަތިތަކެއް ކުރމަތިކުރުވި، އެބެފުޅާގެ ނިންމެވުމެއް ގަދަބާރުން އެކަން ނުކުރުން އަޅުގަނޑުވެސް ބޭނުމެއްނުވޭ ލޭ އޮހޮރާ ހިސާބަށް ކަންތައް ގެންދާކަށް ދެން އެދުވަހު އެންމެ ރަނގަޅު އަޅުގަނޑުގެ ރިޔާސީ ބަޔާން ނީއްވެވުނު، އަނެއްކާ އެހެން ދުވަހަކުންވެސް އެކަން ކުރެވިދާނެ، ކޮންމެހެން ލޭ އޮހޮރުވައިގެން އެކަން ކުރާކަށް އެއީ ކޮންމެހެން ޖެހޭކަމެއްނޫން. އަޅުގަނޑުމެން ޖެހޭނެ ވިސްނަން ގައުމީ މަސައްލަހަތަށް. އެހެންވީމަ އެދުވަހު އެބެފުޅާ އެނެންގެވި ޑެސިޝަން އެނެންގެވީ އެބޭފުޅާއަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅަށް ކަމަށް އަޅުގަނޑު ގަބޫލުކުރަން.

އަޅުގަނޑުގެ ސުވާލަކަށްވީ ހަގީގަތުގައި މަނިކުފާނު އެކަމާ ގުޅޭގޮތުން ދެކިވަޑައިގނަންނަވާ ގޮތެއް އެނގުން. އަޅުގަނޑުމެންނަށްވެސް އެބަ އެނގޭ އެވަގުތަށް އަބްދުﷲ ޝާހިދަށް އެންމެ ރަނގަޅު ގޮތް ކަން އެއީ. އެކަމަކު އަޅުގަނޑު އެ ސުވާލު މަނިކުފާނަށް މި ދަންނަވާލީ މީގެ ކުރިންވެސް ހަމަ ރީސަންޓް ހިސްޓްރީގައި ވެސް އެބަހުރި ހަމަ މަޖިލީސްތެރެ ވަރަށް ހޫނުވެ ސިފައިން ވައްދައިގެން މަޖިލީހުން ގިނަ އަދަދެއްގެ މެމްބަރުން ނެރިގެން މަޖިލިސް ކުރިޔަށް ގެންގޮސްފަ.


އެ ދުވަހު އެ ފުރުސަތު ލިބެން އުޅުނު ކަމަށް އަޅުގަނޑު ގަބޫލު ކުރަން. އެއީ ދެ މެމްބަރަކު އެތަނުން ނެރުމާ ގުޅިގެން ހަމަ ހިމޭން ވެގެން ދިޔަ. އެހެންވެ އަޅުގަނޑު ގަބޫލު ކުރީ އެ ދަނޑިވަޅުގައި އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަށް. އެހެން ނަމަވެސް އެކަން ނުކުރެވި ލަސްވުމުގެ ސަބަބުން އަނެއްކާވެސް އެ ފުރުސަތު ގެއްލުނީ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. 

ތި ވިދާޅުވީ އެ ދަނޑިވަޅުގައި އެކަން ކުރިނަމަ އެކަން ކުރެވުނީހޭ؟

އާދެ! 

އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ވާހަކަތައް އިވޭ ފިޝަރީސް މިނިސްޓްރީ ޑރ.ޑީޑީ އާއި ހަވާލު ކުރުމަށް މަޝްވަރާތަކެއް ކުރެއްވިކަމަށް. އެއީ ތެދު ވާހަކަ ފުޅެއްތޯ؟

އަޅުގަނޑު ވަކި މީހަކަށް ވަކި މިނިސްޓްރީއެއް ހަވާލުކުރަން މަޝަވަރާ ކުރި ވާހަކަ ދަންނަވާކަށް ނެތިން. އެހެން ނަމަވެސް އަޅުގަނޑުމެން މިތިބީ ހަމަ އެމް.ޑީ.ޕީ ގެ ބައެއް ބޭފުޅުން އަދިވެސް ހަމަ ކެބިނެޓްގައިވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގެ އުއްމީދުގަ. ވަރަށް ގިނަ ދުވަހު މިހާރު ތިބެވިއްޖެ. އެހެން ނަމަވެސް އަޅުގަނޑުމެން ދެން ޖެހޭނީ މާލަސްނުކޮށް އަވަހަށް ސަރުކާރު ހިންގުމުގެ ކަންތަކުގައި އަޅުގަނޑު މެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަން. އެގޮތުން އަދިވެސް ހަމަ ޑީޑީ ބޭނުން ފުޅު ވެއްޖެނަމަ އަޅުގަނޑަށް ހަމަ ހީވަނީ އަޅުގަނޑުމެން ހަމަ އެކަމާ ދޭތެރޭގައި ވަރަށް ސީރިއަސްކޮށް ވިސްނާނެހެން. 


މިހާރު މި ލަސްވަނީ ހަމަ އެކަނި އެމް.ޑީ.ޕީ އިން މިއަށް ސޭއިންއެއް ނުދީގެންތޯ ނޫނީ އެހެން ސަބަބު ތަކެއް ހުރެގެންތޯ. އެއީ ވެރިކަން ބަދަލުވި ފަހުންވެސް މިހާރު ގާތް ގަނޑަކަށް ވިއްސަކަށް ދުވަސް ގޮސްފަވަނީ. އެހެން ވީމަ މިދުވަސް ވަރަކީ ކެބިނެޓްގެ ބައެއް މަގާމުތައް އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ވަކިން ހާއްސަ ގޮތެއްގައި ފޮރިން މިނިސްޓްރީ ކަހަލަ ތަންތަން އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ. މިހާރު މިއޮތް ހާލަތުގައި، ގައުމުގެ މިހާލަތަށް ބަލާއިރުގައި އެކްޓިންގް މިނިސްޓަރެއް ހުރި ކަމުގައި ވިޔަސް މުއާމަލާތްތައް ވަރަށް ވީކް ކޮށް މި ފެންނަނީ. އެހެން ވީމަ މި ލަސްވުމުގެ ސަބަބަކީ ކޮބައިތޯ؟

ދެން މާބޮޑަށް ލަހެއް ނުވާނެ. އިރާދަ ކުރެއްވިއްޔާ މާލަސް ނުވެ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އަޅުގަނޑު އުއްމީދުކުރަން މިތަނުން މުހިއްމު މަގާމުތައް ފުރިގެން ދާނެކަމަށް.

ޕީސް ޓޯކުން ބައެއް ޕާޓީތައް ވަކިވި ވަކިވުން މަނިކުފާނަށް ގަބޫލު ކުރައްވަނީ އެއީ އެންމެ ރަނގަޅު ގޮތް ކަމައްތޯ؟

އަޅުގަނޑު ބޭނުންވަނީ ހަމަ ވާހަކަ ދައްކަމުން ގެންދަން. އަޅުގަނޑު ބޭނުމެއް ނުވޭ އެއްވެސް ޕާޓީއަކުން ޕީސް ޓޯކުން ވަކިވާކަށް. އެއީ ވާހަކަ ނުދެއްކޭ ގޮތަކަށް ތިބެގެން ނުވާނެ. ވާހަކަ ދެކެވެން ޖެހޭނެ ކޮންމެ ހާލަތެއްގައިވެސް. މީގެ އެންމެ ބޮޑު ނުރައްކަލަކީ ވާހަކަ ނުދެކެވުން. އެހެންވީމަ އަޅުގަނޑު އަދިވެސް އެދެނީ ހުރިހާ ޕާޓީތަކުންވެސް ޕީސްޓޯކްސް ގައި ބައިވެރިވުން. 


މަނިކުފާނު މި ފެންނަނީ މީޑިއާގަވެސް އަދި އެހެން ދިމަދިމާލުގަވެސް ވަރަށް ޑިޕްލޮމެޓިކް ޖަވާބު ދެއްވާ ބޭފުޅެއްގެ ގޮތުގައި. އިއްތިހާދު ސަރުކާރެއް ހިންގެވުމަށް މަނިކުފާކަނީ އެކަށީގެންނުވާ ވަރުގެ ލޮނު މަޑު ބޭފުޅެއް ކަމުގައި ބައެއްފަރާތް ތަކުން ސިފަ ކުރޭ މިކަމާ ކީކޭތޯ ވިދާޅުވަނީ؟

ހިޔާލަކީ ތަފާތު އެއްޗެއް. އަޅުގަނޑަށް ހީވަނީ އިއްތިހާދުގެ ސަރުކާރެއް ހިންގޭނީ ޑިޕްލޮމެޓިކް ސްކިލްސް ކުރި މީހަކަށް ހެން. އެއީ ހަރުކަށި ވެގެން ކަންކަމެއް ނުކުރެވޭނެ. އޭރުން ވަރަށް ފަސޭހައިން ބިންދައިގެން ދާނެ. އެކަމުގެ ސަބަބުން މީހުން ރުޅި އައިސް އެކި ދިމަދިމާއަށް ގޮސް ގޮތްގޮތް ވާނީ. އަޅުގަނޑަށް ހީވަނީ މީގަ ހަމަ ކެތްތެރި ކަމާއެކީގައި ހުރިހާ އެންމެން ގޮވައިގެން އުޅެން އިނގޭ މީހަކު މިކަމުގައި އުޅުން އެއީ ވަރަށް މުހިއްމު ކަމެއް ހެން. މިވަގުތު ދިވެހިރާއްޖޭގެ ސިޔާސީ ޖައްވު ހުރިގޮތުން އަޅުގަނޑަކަށް ހިއެއްނުވޭ އެއްވެސް އެއްޕާޓީއަކަށް ވެރިކަން ކުރުމުގެ ޖާގަ އޮތް ހެނެއް. އެހެންވީމާ އަބަދުވެސް އަޅުގަނޑަށް ހީވަނީ ހަމަ އެބަ ޖެހޭހެން ގިނަ ބަޔަކު ގޮވައިގެން އުޅެވޭނެ ސްކިލް ތަކެއް ހުންނަ ލީޑަރސިޕް ހުންނަ މީހަކަށް ވާން. އެހެން ވީމަ އަޅުގަނޑު ދެކޭގޮތުގައި ކެތްތެރިކަމާއެކީގައި އެންމެން ގޮވައިގެން އުޅެން އެނގުމަކީ އެއީ މިވަގުތު ވަރަށް ބޭނުން ތެރި ކަމެއް. ހަރުކަށިކަމާއި، ގޮތްދޫނުކުރުމާއި، ތިމަންނަ ނޫނީއްވިއްޔާ އެއްވެސް އެއްޗެއް އެނގޭ މީހަކު ނެތުމާއި، މިކަހަލަ ސިފަތަކަކީ އަޅުގަނޑަށް ހީވާ ގޮތުގައި މިއަދުގެ ޑިމޮކްރެޓިކް މިރާއްޖޭގައި ކާމިޔާބު ސިފަތަކެއް ނޫން. 

އިސްތިއުފާގެ ފަހުން ރައީސް ނަޝީދާއި ވާހަކަފުޅު ދެކެވުނު ތޯ؟

ސީދާ ސީދާ ނުދެކެވޭ. އެހެން ނަމަވެސް ނުސީދާ ކޮށް އެބަ ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވޭ. 

އެއްވެސް ވަރަކަށް ވިދާޅުވެ ދެވިދާނެތޯ ކޮންކަހަލަ ވާހަކައެއްކަން ދެކެވެނީ؟

އޭގަ މިހާރު ރައީސް ނަޝީގެ ހަމައެކަނި ބޭނުންފުޅަކީ އިންތިހާބެއް ބޭއްވުން. އެނޫން އެހެން ވިސްނުން ފުޅެއް ހުރިހެނެއް އަޅުގަނޑަކަށް ހިއެއް ނުވޭ.

ކޮން މީޑިއަމް އެއް މެދުވެރިކޮށްތޯ މި ވާހަކަ ދެއްކެނީ؟

ދެން އަޅުގަނޑުމެންގެ ހަމަ އެކި ބޭ ބޭފުޅުންނާއި، ބޭރުގެ ބައެއް ބޭބޭ ފުޅުން.

މަނިކުފާނު ވިދާޅުވެއްޖެ މި ހާދިސާ ހިނގި ދުވަހު ރައީސް ނަޝީދާ މުއާމަލާތް ކުރެވިފައި ނެތް ކަމަށް. އިސްތިއުފާގެ ކުރިން މަނިކުފާނާ ކިހާވަރެއްގެ މުއްދަތެއް ދިޔަތޯ މުއާމަލާތް ނުކުރެވި އެއްވެސް ވަރަކަށް؟

އޭގެ ކުރިން އެންމެ ފަހުން އޮތް ކެބިނެޓް އޮތް ދުވަހު އިނގޭތޯ އެންމެ ފަހުން ވާހަކަ ދެކެވުނީ.

މަނިކުފާނާއި ރައީސް މައުމޫނާ ގުޅުން ކިހިނެއްތޯ؟

ރަނގަޅު ހަމަ. ރައީސް މައުމޫން އަކީ އަޅުގަނޑުވެސް ހަމަ އިހުތިރާމް ކުރާ ބޭފުޅެއް. އަޅުގަނޑުމެންގެ ވެސް ތާރީހެއް އެބައޮތް. ރައީސް މައުމޫނު ދައުރުގައި އަޅުގަނޑުމެންގެ އާއިލާގެ ވަރަށް ގިނަ ބަޔަކަށް ވެސް ނޭދެވޭ ކަންތަކާއި ވެސް ދިމާވި. އަދި އަޅުގަނޑަށްވެސް ރާއްޖެއިން ބޭރަށްވެސް ދާން ޖެހުނު. އެހެން ނަމަވެސް އަޅުގަނޑުމެން ވިސްނަން ޖެހޭނެ ވަރަށް ގިނަ ޒަމާނު ރައްޖޭގެ ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅެއް. އޭނަގެ ދައުރުގައި ރާއްޖެއަށް ކުރިއެރުންތަކެއް އައިސްފަ ހުރިކަން އަޅުގަނޑުމެން ޖެހޭނެ ގަބޫލު ކުރަން. އެއީ އަޅުގަނޑުމެން ވަކި ފަރާތަކަށް ނުޖެހި ވިސްނާ ބައެއް ކަމުގައި ވާނަމަ. އެގޮތުން ރާއްޖޭގައި ތައުލީމު ފުޅާވެގެން ގޮސް ހުރިހާ ރަށެއްގައި މިޒަމާނުގެ ސުކޫލްތައް ގާއިމް ކުރެވި ރާއްޖޭގެ ލިޓްރެސީ ރޭޓް މިހާ މައްޗަށް ގޮސް، ރާއްޖެ ބައިނަލް އަގްވާމީ ގޮތުން ކަނޑައެޅިފައިވާ މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްސް ހާސިލް ކުރުމުގައި ރާއްޖޭގެ އެކި އެކި ދާއިރާތަކުން ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއާއި އަދި އެހެނިހެން ދާއިރާތަކުން ކުރެވިފައި ހުރި މަސައްކަތުގެ ސަބަބުން މިއަދު އެހެން ގައުމު ތަކާއި އަޅާ ބަލާއިރު ރާއްޖެ އޮތީ ވަރަށް ކުރީގައި. އަދި ރާއްޖޭގެ އިގްތިސާދުވެސް ވަރަށް ބޮޑު ތަން ކުރި އަރައިގެން ދިޔަ. ވަރަށް ގިނަ ރިސޯޓްތައް އުފެދި ރިސޯޓު ތަކުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވެ ހަމަ އެހެންމެ ރާއްޖެއަކީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ގްރެޖުއޭޓްވެގެން ދިޔަ ގައުމަކަށް ބަދަލުވި. އެހެން ވީމަ މިހެން ހުރި ކަންތައްތައް އަޅުގަނޑުމެން އެބަ ޖެހޭ ގަބޫލުކުރަން. އެއީ ހަގީގަތަކީ. އެހެންވީމަ އެހާ ގިނަދުވަސްތަކެއް ވަންދެން ގައުމުގެ ވެރިކަން ކުރައްވާފައި ހުރި އަދި އެންމެ ފަހުން އައިސް ޑިމޮކްރެސީ ރާއްޖެއަށް ގެނައުމަށްޓަކައި ކުރެވުނު މަސައްކަތުގައިވެސް އަޅުގަނޑުމެންނަށް އާ ޤާނޫނު އަސާސީއެއް ލިބުނީވެސް އެމަނިކުފާނުގެ ވެރިކަމުގައި ކަން އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ. އަދި ހަމަ އޭނަގެ ވެރިކަމުގެ ދަށުގައި ދިވެހި ރާއްޖޭގެ ފުރަތަމަ މަލްޓިޕާޓީ ޑިމޮކްރެޓިކް އިންތިހާބެއް ބޭއްވުނީވެސް. އަދި އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް ފަހަތަށް ޖެހިވަޑައިގަތީވެސް. އެހެން ވީމަ އެހެން ތިއްބަވާ ބޭފުޅުންނަށް އަޅުގަނޑުމެން އެބަ ޖެހޭ އިހްތިރާމް ކުރަން. މުޅި ގައުމު އެބަ ޖެހޭ އިހްތިރާމް ކުރަން. އަޅުގަނޑުމެން އެބަ ދަންނަން ޖެހޭ އެއީ ގައުމަށް ހިދުމަތް ތަކެއް ކޮށްދީފައި ތިބި ބައެއްކަން. އެހެންވީމަ އެގޮތުން އަޅުގަނޑު އެމަނިކުފާނަށް ވަރަށް ބޮޑަށް އިހުތިރާމް ކުރަން. އެމަނިކުފާނާއި ދޭތެރޭގައި އަޅުގަނޑު ހިތްބަރު ކަމެއްވެސް ނެތް. އަޅުގަނޑު އިރާދަ ކުރެއްވިއްޔާ އަބަދުވެސް ދެކޭނީ އެއީ ގިނަދުވަހު ގައުމަށް ހިދުމަތް ކޮށްދެއްވާފައިވާ އިއްޒަތްތެރިއެއް ގޮތުގައި. ގައުމުގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާއެއްގެ ގޮތުގައި. އެހެންވީމަ އެމަނިކުފާނަށް އަރުވަން ޖެހޭ އިހުތިރާމާއި ގަދަރު އަޅުގަނޑު އަބަދުވެސް އަރުވާނަން.

މަނިކުފާނު ޕާޓީގެ އެއްވެސް ގޮނޑިއެއް މަޖިލީހުގައެއް ނެތް އަދި ޕާޓީ ވަރަށް ކުޑަ. މަނިކުފާނަށް ހުށައެޅުންތައް މިހާރު މިއޮތް ހާލަތުގައި އާދޭތޯ ނުވަތަ އެހެން ޕާޓީއަކާއި ގުޅެވަޑައިގަންނަވަން ވިސްނުން ފުޅެއް އެބަހުރިތޯ؟

އަޅުގަނޑަށް އަބަދުވެސް ހުށަހެޅުން އާދޭ އެމް.ޑީ.ޕީ އާއި ގުޅެން. އެހެން ނަމަވެސް އުސޫލެއްގެ ގޮތުން އަޅުގަނޑު އެސަރުކާރުގައި ރައީސް ނަޝީދުގެ އަރިހުގައި އައީ ރަނިން މޭޓެއްގެ ގޮތުގައި އެހެން ޕާޓީއެއްގައި ހުރެގެން. އެހެންވީމަ އަޅުގަނޑު ޤާނޫނީ ގޮތުން އަދާ ކުރަން ޖެހޭ ވާޖިބު އަދާ ކުރެވޭނީ އެމް.ޑީ.ޕީ ގެ މެމްބަރަކަށް ވެގެން ކަމަށް އަޅުގަނޑަށް ދޭހަވާ ގޮތަށް މަސައްކަތް ކުރެއްވެވި. އަޅުގަނޑަށް ގަބޫލު ކުރެވޭ ކަމެއް ނޫން އެއަކީ. އަޅުގަނޑުގެ އަތް އަނބުރައިގެން އަޅުގަނޑު އެމް.ޑީ.ޕީ އަށް ވައްދައިގެން ނޫނީ ވިއްޔާ ރައްޔިތުން އަޅުގަނޑު އިންތިހާބު ކޮށްފައި ހުރި މަގާމެއްގައި އަދި އަދާކުރަންޖެހޭ ވަޒީފާތައް އަދާކުރަން ނުޖެހޭނެ ކަމަށް ދޭހަވާ ގޮތަށް އެކަން އައީމަކާ އެކަން އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑު ކޮންމެހެން އެމް.ޑީ.ޕީ ދެކެ ރުޅި އަންނާތީކީ ނޫން އެމް.ޑީ.ޕީ މެމްބަރުން ދެކެ ލޯބި ނުވާތީކީވެސް ނޫން، އަޅުގަނޑު އާއިލާގެ ވަރަށް ބައިވަރު މީހުން ވެސް އެތާ އެބަ ތިބި. އަނެއްކާ އަޅުގަނޑަކީ މީ އެމް.ޑީ.ޕީ އުފެއްދުމުގައި އުޅުނު މީހެއް. އަޅުގަނޑު ފުރަތަމަ ރާއްޖެ އަލިފް ދާލުގެ ވަޒީފާ ދޫކޮށްލާފައި އައިއިރުގައި އެމް.ޑީ.ޕީ އުފެއްދުމުގެ ތެރޭގައި އުޅެނީ، އޭރުގައި އެމް.ޑީ.ޕީ ގައި އުފެދިފައި އޮތީ އެންމެ ނަވާވީސް ގޮފި. އަޅުގަނޑު އެމް.ޑީ.ޕީގެ ރިޔާސަތަށް ކުރިމަތިލައިގެން އަންނި ހުންނެވީ ގޭގައި ބަންދުގައި، މަސައްކަތް ކުރިން އެހެން ބޭފުޅުންނާއި އެކު މަސައްކަތް ކޮއްގެން އެމް.ޑީ.ޕީ އުފެއްދީ. އެމް.ޑީ.ޕީ ކޮންގްރެސް ބޭއްވިއިރުގައި ތިންސަތޭކަ ގޮފި އުފެދިފައި އޮތް. ގައިމު ބަޔަކު މަސައްކަތް ތަކެއް ކުރީމަތާ އުފެދޭނީ. މާލޭގެ ގޮތްޕެއްގެ ރައީސެއްގެ ގޮތުގައި އަޅުގަނޑު ހުރިން. އަނެއްކާ އެމް.ޑީ.ޕީ ގެ ރިޔާސީ އިންތިހާބުގައި އަޅުގަނޑު ދެވަނައަށް އައީ. ދެވަނައަށް އައީމަވެސް އަޅުގަނޑު ޝެޑޯ ކެބިނެޓްގައި ވެސް މަސައްކަތް ކުރިން. އެކަމަކު އޭރުގަވެސް ނަޝީދު ގެ ކަންތައް ހުންނަ ގޮތަކީ އެބޭފުޅާ ނޫން މީހަކު އެމް.ޑީ.ޕީގެ އެއްވެސް ކަމެއް ކުރިއަކަ ނުދެއްވާ. އޭރު ހޮވުނީ އިބްރާހިމް އިސްމާއިލް. އިބްރާހިމް އިސްމާއިލް މަސައްކަތް ކުރެއްވިޔަކަ ނުދެއްވާ. ދެން ހޮވުނީ މުނައްވަރު. މުނައްވަރު މަސައްކަތް ކުރެއްވިޔަކަ ނުދެއްވާ. މިހާރު ދެން ހޮވިފައި އެހުރީ ޑީޑީ. ޑީޑީ މަސައްކަތް ކުރެއްވިޔަކަ ނުދެއްވާ. އެހެންވީމަ އެކަހަލަ ހުދުމުހްތާރު ވެރިއެއްގެ ގޮތުގައި އަބަދުވެސް އޭނަ ހުންނަވަނީ. ޕާޓީ ތެރޭގައިވެސް ހަމަ ސަރުކާރު ހިންގެވި އިރުގަވެސް ހަމަ އެގޮތަށް. 

އެހެން ވީމަ މަނިކުފާނު ތި ވިދާޅުވަނީ އެމް.ޑީ.ޕީ އުފެއްދެވުމުގައި ހަގީގަތުގައި މަނިކުފާނު ވަރަށް ބޮޑު ދައުރެއް އަދާ ކުރެއްވި ވާހަކަތޯ. އެމް.ޑީ.ޕީގެ ގޮފިތައް އުފެދި ކޮންގްރެސް އާއި ދޭތެރޭގައި.؟

އެމް.ޑީ.ޕީ އުފެއްދުމުގައި އެންމެ ބޮޑު ބައި ކުޅުނު އެކަކު އަޅުގަނޑަކީ.

ރައީސް ނަސީދަށް ވުރެ ބޮޑުވާނެތޯ އެބައި؟

ރައީސް ނަސީދާއި އަޅުގަނޑު ކޮންމެހެން ކޮމްޕެއަރ ކުރާކަށް ނެތީމު. އެހެން ނަމަވެސް ހަމަ ވަރަށް ބޮޑު ހިދުމަތެއް އަޅުގަނޑު ކޮށްދިނިން އެމް.ޑީ.ޕީ އުފެއްދުމަށް. އެމް.ޑީ.ޕީ ޖަލްސާއެއް އެންމެ ފުރަތަމަ ކުޅުދުއްފުށީގައި ބޭއްވީ އަޅުގަނޑު ގޮސް. އޭރު ކުޅުދުއްފުއްޓަކީ ވަރަށް މައުމޫނަށް ތާއީދު ކުރާ ސަރުކާރުގެ ތާއީދު ސަރުކާރުގެ މުވައްޒަފުން ވަރަށް ގިނަ ރަށެއް. އަޅުގަނޑު ގޮސް އެތާންގަ ފުރަތަމަ އެމް.ޑީ.ޕީގެ ޖަލްސާއެއް ބާއްވާފައި އެރަށުގެ ގޮފި އުފައްދައި ދިނުމުގައިވެސް އަޅުގަނޑު އެހީތެރިވެ ދިނިން. ހަމަ އެގޮތަށް އައްޑު އަތޮޅު މީދޫގައިވެސް އެންމެ ފުރަތަމަ އޮފީހެއް ހަދަން އެތަނަށް އެއްޗެހި ހޯދައިދީ އެމަސައްކަތް ކުރީވެސް އަޅުގަނޑު. ހަމަ އެގޮތަށް ރާ އަތޮޅުގެ ރަށްރަށުގައި ވެސް، ތިނަދޫގަވެސް. މިހެން ގޮސް ރާއްޖޭގައި ވަރަށް ގިނަ ދިމަދިމާލުގައި އަޅުގަނޑު މަސައްކަތް ކޮށްދިނިން އުފެއްދުމައްޓަކައި. އޭރުގައި ހަމަ އަޅުގަނޑުމެންނާއި އެކީގައި އެމް.ޑީ.ޕީގައި މަސައްކަތް ކުރެއްވި ބޭފުޅުން މިހާރުވެސް އެމް.ޑީ.ޕީ އެއުޅުއްވަނީ. ތިމާގެ މީހުންވެސް ހަމަ އަޅުގަނޑުގެ ކޮއްކޮ ނައުސާދުވެސް ހުރީނޫންތޯ އަދިވެސް ހަމަ. އެގޮތަށް ނަޒާކީ ޒަކީވެސް އެ ހުންނެވީ. ހަމަ އަޅުގަނޑުގެ ޅިޔަނު ބިގޭވެސް އެ ހުންނެވީ. އެހެންވީމަ އެހެން އެބަ ތިބި އަޅުގަނޑަށް ތާއީދު ކުރައްވާ އަޅުގަނޑުގެ މީހުން އެބަތިބި. އަޅުގަނޑު މިހާރު އަޅުގަނޑު މި އަދާކުރަންޖެހޭ މަގާމު އަޅުގަނޑު އަދާ ކުރުމުގައި މި ދިމާވި ގޮތުން އެކަމާ ހިތްހަމަ ނުޖެހިގެން އެމީހުންވެސް އެބަ އުޅޭ. އެހެން ނަމަވެސް އެ ހުރިހާ އެންމެންވެސް ގަބޫލުކުރަންޖެހޭނެ އަޅުގަނޑު މިއަދާ ކުރަނީ އަޅުގަނޑުގެ ގާނޫނީ ވާޖިބު. އަޅުގަނޑުގެ އަމާޒަކީ ރާއްޖެ އަމާން ބަނދަރަކަށް ގެންގޮސްދިނުން. މިހާރު ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ބޮޑު ވަޅުގަނޑު ތަކުން ރާއްޖެ އުފުލާލާ ހުރިހާ އެންމެންނަށް އެއްބަސް ވެވޭ ގޮތަކަށް އެކަން ކުރިއަށް ގެންގޮސް މިނިވަން ހަމަ ހަމަ އިންތިހާބަކަށް އިންސާފުވެރި އިންތިހާބަކާއި ހަމައަށް ގެންދިއުން. މިވަގުތު ދިވެހި ރާއްޖޭގައި ބޭއްވޭ އިންތިހާބަކީ މިނިވަން ހަމަހަމަ އިންސާފުވެރި އިންތިހާބަކަށް ވާނެކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. 

އެހެންވީމަ 2013 އިގެ ކުރިން އިންތިހާބެއް ބާއްވަން ރާއްޖޭގެ މިހާރު މިއޮތް މާހައުލު ތަންނުދޭނެ ކަމަށްތޯ މަނިކުފާނު ތި ވިދާޅުވަނީ؟

އަޅުގަނޑުމެން ކުރަން ޖެހޭ ކަންތައްތަކެއް އެބަ ހުރި. ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި އެއްކަމަކީ އަޅުގަނޑުމެންގެ އަދުލު އިންސާފު ގާއިމްކުރުމަށް ކަނޑައެޅިފައި އޮތް ޖުޑީޝަރީ ކޯޓުތަކުގެ ގަދަރު އުފުލުން. އެތަންތަނަށް އިތުބާރު އުފެއްދުން. މިހާރު ރާއްޖޭގައި އެބަ ތިބި އެތަންތަން ގަބޫލު ނުކުރާ ބަޔަކު. އެހެން އޮވެގެން އިންތިހާބެއް ބާއްވައިގެން އިންތިހާބުގެ ނަތީޖާ ގަބޫލު ބަޔަކު ނުކުރީމާ ދެން ދާނެ ތަނެއް ނެތެއްނޫންޠޯ. ކޯޓުތައް ގަބޫލު ނުކުރަންޏާ ކިހިނެއް އެކަން ކުރާނީ. ދެން އަނެއްކާވެސް މަގުމައްޗަށް ހަމަ ނުކުންނާނީ. އެހެންވީމަ ޤާނޫނު އަސާސީން އަޅުގަނޑަށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް މިކަންކަން ރަނގަޅަށް ކުރިއަށް ގެންދިއުން. އެހެންވީމަ އެކަމަށްޓަކައި އަޅުގަނޑުގެ މަސްއޫލިއްޔަތު ދޫކޮށްލާފައި އަޅުގަނޑު އެ ޗާންސް ދޭކަށް އަޅުގަނޑު ގަސްތެއް ނުކުރަން. އަޅުގަނޑު މިހިރީ އިންތިހާބެއް ބާއްވަން ތައްޔާރަށް އެކަމަކު މި ދެންނެވި ކަންތައްތައް ކުރެވިގެން އިންސާފުވެރި އިންތިހާބެއް ބޭއްވޭނީ. 


އަޅުގަނޑަށް ފެނިގެން ދިޔަ އިސްތިއުފާ ދެއްވާފަ ނަޝީދު ދެއްވާފަހުރި ބައެއް ނިއުސް ކޮންފަރެންސްތަކުގަ ވިދާޅުވެފަ އެބަހުރި ތިމަންނާ ތާއިދުކުރާ ކަމެއްނޫނޭ ހަމަނުޖެހުމާ މިކަހަލަ ކަންތައްތަކަކީ، އެކަމަކު މަނިކުފާނު ތި ވިދާޅުވީ އެކަންތައްތަކަށް ނަޝީދު ތާއިދު ކުރައްވާ ހިތްވަރު ދެއްވާ ވާހަކަ، ކީއްވެތޯ އެހެން ތިވިދާޅުވަނީ؟


އެހެން އަޅުގަނޑު މިދަންނަވާ ސަބަބަކީ އަށް ވަނަ ދުވަހު ރައީސް ނަޝީދު ކުރީގަ ހުންނަވައިގެން ބަޔަކު ގޮވައިގެން މަގުމައްޗަށް ނުކުމެ ވަޑައިގަތީ. އެދުވަހު އެމީހުން ނުކުތް އިރު އެމީހުން ގޮވި ތަންތަން އަންދަންވެސް. އަޅުގަނޑުވެސް ގަބޫލުކުރަން އެދުވަހު ވަރަށް ހަރުކަށިކަމާ އެކީގަ ފުލުހުން އަމަލުކުރެއްވީ. އޭގެ ސަބަބުން ކޮންމެވެސް ބަޔަކަށް ހާނިއްކަވެސްވީ. އެހެންނަމަވެސް އެވީ ހާނިކައަށް ވުރެން ބޮޑުވަރު ދުނިޔޭގެ މީޑިއާއަށް ދެއްކުމަށްޓަކައި އެކި ގޮތްގޮތަށް އެމީހުން ފޮޓޯ ނަގާ ކަންތައްކުރަމުން ގެންދިޔައީ. އެމްޑީޕީގެ އިންތިހާބު ނުވެ ހުރި ޗެއަރމަން އޭނާގެ ފުރާނައަށް ގެއްލުންވެއްޖެކަމަށް ބުނެގެން އަޅުގަނޑާ ހަމައަށް ވެސް މެސެޖް އައި އޭނަ އެމާޖެންސީކޮށް ރޭގަނޑު ދަންވަރު މަތިންދާ ބޯޓަށް ލައިގެން ގެންދިޔައީ. އޭގެ އަނެއްދުވަހު އަޅުގަނޑު އޭނައަށް އެޓެންޑް ކުރި ޑަކްޓަރުންނާ ވާހަކަދެއްކިން އެމީހުން އަޅުގަނޑު ކައިރީ ބުނި އޭނަގެ ފުރާނައަށް ގެއްލުންވާވަރުގެ އެއްކަމެއްވެސް ނުޥޭ، އެހެންވީމަ އެވަރުގެ ބޮޑު ދޮގުތައް ހަދައިގެން ދުނިޔޭގެ މީޑިއާއަށް މިދައްކަނީ ދިވެހިރާއްޖެއަކީ މިހާވެސް ފުލުހުން އަނިޔާވެރި ތަނެކޭ ދިވެހިރާއްޖޭގަ މިހާބޮޑެތި ޖަރީމާތައް އެބަހިންގައޭ، އެހެންވީމަ ދިވެހިރާއްޖެއަށް ނާންނާށޭ، އެއްވެސް މީހަކު ދިވެހިރާއްޖެއަށް ޓުއަރިސްޓުން ނާންނާށޭ ކިޔައިގެން ރާއްޖޭގެ މުޅި އިގްތިސާދު ހަލާކޮށްލަން މިހާރު މަސައްކަތް ފަށާފަ ހުރީ އެހެންވީމަ މިވަރުބަޔަކާ ދިމާއަށް ތިވިދާޅުވަނީ މީ ސިޔާސީ ބައެކޭ، މީ ސިޔާސީ ބައެއްނޫން.

މަޖިލީހުގެ ތަޅުމުގަ ހިނގާދިޔަ ކަންތަކުގަ މައުޅުމާތު ލިބިފަ އެބަހުރި މަނިކުފާނުގެ ހަށިކޮޅުގަވެސް އަތްލާ ހެދިކަން ބައެއްކަހަލަ ޕޮޓޯތަކުން އެމަންޒަރުތައް ފެންނަންވެސް އެބަހުރި ކަމަށްވޭ، ކިހާވަރަކަށް ހިނގިކަމެއްތޯ މީ؟

އެކަހަލަ ކަންތައް ކުރައްވަން އުޅުއްވި ބޭފުޅުންނަކީވެސް އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅުން އަޅުގަނޑުގެ ރަހުމަތްތެރިން އަދި އާޢިލީ ގޮތުންވެސް ގުޅިފަ ތިބި މީހުން ފަހުން އެބޭފުޅުން ވިދާޅުވެސް ވާނެ މީކީ ޒާތީކަމެއް ނޫނޭ އެހެންވީމަ އަޅުގަނޑު ހިތަށްއަރާ މީ ކޮންފަދަ ކަމެއްބާއޭ މީހަމައެކަނި ބޭރުގެ ނޫސްތަކުގެ ފޮޓޯ ޖެހުމަށްޓަކައި ކުރަމުންގެންދާ ކަމެއްބާއޭ ގައުމުގެ މަސްލަހަތު ކޮންތާކުތޯ އެއޮތީ އަޅުގަނޑަކީ ހަނދުވަރު ހަސަންމަނިކުގެ ވަހީދުކަމަށްވާތީ އަޅުގަނޑަށް އިހުތިރާމު ނުކުރިއެއްކަމަކު އަޅުގަނޑު މިވަގުތު މިހުރީ ޤާނޫނު އަސާސީ ބުނާގޮތުން ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ހުވާކޮށްދީފަ ހުރި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުގަ. އެހެންވީމަ ރައީސުލް ޖުމްހޫރިއްޔާއަށް ކުރަން ޖެހޭ އިހްތިރާމެއް ކުރުން އެއީ ހުރިހާ އެއްމެންވެސް ކުރަންޖެހޭ ކަމެއް، އެއީ ވަކި މީހަކު ހުރެގެނެއްނޫން އެއީ މުޅި މިދައުލަތުގެ މުއައްސަސާ ދައުލަތަށް އެބަޖެހޭ އިހްތިރާމުކުރަން. އުއްތަމަ ފަނޑިޔާރަށްވެސް އެއިހްތިރާމު ކުރަންޖެހޭނެ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށްވެސް ރައީސުލް ޖުމްހޫރިއްޔާ އަކަށް ހުންނަ މީހަކަށްވެސް އަދި ދައުލަތުގެ މުއައްސަސާތަކަށްވެސް. ޤާނޫނީ ބާރާ ޤާނޫނީ ވެރިކަން ދެމެހެއްޓުމަށްޓަކައި ދައުލަތުގެ އިއްޒަތާ ކަރާމާތް ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަމެއް ކުރަންޖެހޭނެ ކޮންމެ ބަޔަކުވެސް. އެހެންވީމަ އެވަރުގެ އަހުލާގެއް ނެތުމަކީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ތަސައްރަފު ނުފުދޭކަން. 

އަޅުގަނޑު މިދެންނެވި ކަހަލަ ކަމެއް ހިނގިތޯ އެދުވަހު؟

އަޅުގަނޑުގައިގަ އަތްލެވޭ ވަރެއްނުވި ކަންދިމަވިގޮތުން، އަޅުގަނޑުގެ މައްސަލައެއްނެތް އަޅުގަނޑުގައިގަ އަތްލިޔަސް، އަޅުގަނޑަކީ އެމީހުން ދެކެ ބިރުން އުޅޭމީހެއްނޫން. އަޅުގަނޑު ވަރަށް ކެރިގެން މިހުރީ، އަޅުގަނޑުގެ ފުރާނައަށް ގެއްލުމެއް ވެދާނެތީކީ އަޅުގަނޑު އަދާކުރަންޖެހޭ ޤާނޫނީ ވާޖިބު އަދާކުރުމަށްޓަކައި އެންމެތަންކޮޅެއްވެސް ފަހަތަކަށް ނުޖެހޭނަން، 

މަނިކުފާނުގެ ވެރިކަމުގަ އަޅުގަނޑުމެންނަށް 2013 އާ ހަމައަށް ރިޔާސީ އިންތިހާބު ދިގުދެމިގެން ގޮއްސިއްޔާ މަނިކުފާނު ދިރިއުޅުއްވަން ހިޔާލުކުރައްވަނީ ހިލާލީ ގޭގަތޯ؟ އަޅުގަނޑުމެންނަށް ކޮންމެވެސްވަރަކަށް މައުލޫމަތު ލިބިފަވަނީ ތީމުގެ ހުސްކުރާ ވާހަކަތަކެއްވެސް!

ތިކަމަކާ އެއްވެސް ގޮތެއް އަދި ނުނިންމަން އަޅުގަނޑުނުވޭ އަވަސްވެގަނެގެން ތަންތަނަށް ދާހިތެއް، އަޅުގަނޑު ނޫޅެން އަޅުގަނޑަށް ހަމަ ރަނގަޅު މިގެވެސް އެކަމާ ބެހޭގޮތުން އަޅުގަނޑަށް އެކި އެކި ހިޔާލުތައް އާދޭ އެހެންނަމަވެސް އެކަމަކަށް އަޅުގަނޑު ސަމާލުކަމެއް ނުދެން 

އަލުން ރައީސްކަމަށް ކުރިމަތިލައްވަފާނެ އެއްވެސްކަހަލަ ހާލަތެއް އައިސްދާނެތޯ؟

އަޅުގަނޑު ކުރިމަތި ލާނަމެކޭވެސް އަދި ނުލާނަމެކޭވެސް މިހާރަކު ނުދަންނަވާނަން. ކުރިން ވިދާޅުވިފަދައިން އަޅުގަނޑުގެ ވަރަށް ކުޑަ ކުޑަ ސިޔާސީ ޕާޓީއެއް އޮތީ. އެހެންނަމަވެސް ބައެއް ސިޔާސި ޕާޓީތަކަށް ވުރެން ބޮޑު އަނެއްކާ އަޅުގަނޑުގެ ޕާޓީ ވަރަށް ސިސްޓަމެޓިކްކޮށް މަސައްކަތް ކުރަމުން އަންނަނީ. ކުރަންޖެހޭ ކަންތައް ކުރަމުން ސިޔާސީ ގޮތުން ބުނަންޖެހޭ އެއްޗިހި ބުނަމުން، އޮފީސްވެސް ރަނގަޅަށް ހިނގަމުން އަޅުގަނޑުމެން އިލެކްޝަން ކޮމިޝަންއާ ސަރުކާރުގެ ތަންތަނަށް ކުރަންޖެހޭ ރިޕޯޓުތައްވެސް ކުރަމުން ޖަލްސާތަކުގަ ބައިވެރިވަމުން ކޮމެޓީތަކުގަ ބައިވެރިވަމުން މަސައްކަތް ކުރަމުން އަޅުގަނޑުމެން މިގެންދަނީ. އެހެންވީމަ ޕާޓީ އަކީ ހަރުދަނާ ރަނގަޅު ޕާޓީއެއް. އަޅުގަނޑަށް ނައިބުރައީސެއްގެ ހައިސިއްޔަތުން މިވޭތުވެދިޔަ ތިން އަހަރު އުޅެންޖެހުމުގެ ސަބަބުން އަޅުގަނޑަކަށް ޕާޓީއަކާ އަޅައެއްނުލެވޭ ޕާޓީ ކުރިއެރުވުމަށްޓަކައި ވަގުތުތަކެއް ހޭދައެއްނުވެސް ކުރަން، އަޅުގަނޑު ދުށީ އަޅުގަނޑަކީ މިގައުމުގެ ނައިބުރައީސްގެ ގޮތުގަ ވަކި ޕާޓީއެއްގެ ނައިބުރާއީސެއްގެ ގޮތަކު ނޫން. މުސްތަގުބަލުގަ އަޅުގަނޑު ދެކޭގޮތުގަ އަޅުގަނޑުގެ ޕާޓީވެސް ކޯލިޝަނެއްގެ ތެރޭގަ ބައިވެރިވުމަކީ އެކަށީގެންވާކަމެއް. 


ޖީއެމްއާރްގެ މައްސަލަ ހައްލު ކުރެއްވުމަށް ކޮންކަހަލަ ވިސްނުންފުޅެއްތޯ އޮތީ؟ 

ޖީއެމްއާރު އާ ބެހޭ ގޮތުން އަޅުގަނޑުމެންނަށް ސުވާލު އެބައާދޭ އަޅުގަނޑު ދަންނަވާފަ އޮންނާނީ ޕްރެސްކޮންފަރެންސްތަކުގަވެސް އަޅުގަނޑުމެންގެ މަގްސަދަކީ ކޮންމެހެން ޖީއެމްއާރު މިތަނުން ފޮނުވާލުމެއްނޫނޭ، ޖީއެމްއާރުގެ ކޮންޓްރެކްޓަކީ ވަރަށް އަވަސްއަރުވާލާފަ ވަރަށް ޝޯޓްކަޓް ބޭނުންކޮށްގެން ކޮށްފައޮތް ކޮންޓްރެކްޓެއް. އެކަމުގަ ރައްޔިތުން ހިތްހަމަނުޖެހޭ އިޝޫތަކެއްވެސް އެބައުޅޭ. އެހެންވީމަ އެކަންކަން ރަނގަޅުކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރާނީ. މަސައްކަތް ކުރާއިރުގަ އަޅުގަނޑުމެން ގަސްދުކުރަނީ ޖީއެމްއާރާ ވާހަކަދައްކައިގެން މިހާރަށްވުރެން ރަނގަޅުގޮތަކަށް އެކަން ހަމަޖެއްސޭތޯ ބަލަން. އަޅުގަނޑަށް ޔަގީންކުރެވޭ އެކަން ކުރެވޭނެކަމަށް. ދާދިފަހުން ޖީއެމްއާރުގެ ޓީމަކުން އަޅުގަނޑަށް ޕްރެސެންޓޭޝަނެއް ހަދައިދީފި. ހެދިއިރު އެމީހުންވެސް އެކަމާ ދޭތެރޭގަ ވިސްނަމުންދަނީ އެހެންހުރިކަންތައްތައް ރަނގަޅުކުރުމަށްޓަކައި ޖީއެމްއާރުންވެސް އިސްނަގައިގެން އެކަންކުރަން ތައްޔާރަށް ތިބިކަމަށް މައުލޫމާތުލިބިފަ އޮތީ، މާލަހެއްނުވެ އިރާދަކުރެއްވިއްޔާ ސަރުކާރުގެތެރެއިން އެކަމަށްޓަކައި ކޮމެޓީއެއް ކަނޑައަޅާ ޖީއެމްއާރާއެކު މަޝްވަރާތައް އަޅުގަނޑު ކުރިއަށް ގެންދާނަން. 

ކޮން ކަންތައްތަކެއްތޯ ފާހަގަ ކުރެވެނީ އިސްލާހުކުރުން މުހިންމުކަމަށް؟

ޖީއެމްއަރުގެ ކޮންޓްރެކްޓް އަދި އަޅުގަނޑަކަށް ބަލައެއްނުލެވޭ، ބަލާލާފަ ދަންނަވަން އިނގޭނީ އޭގެތެރޭގަ އެބަހުރި ބައެއްކަހަލަ ޓެކްސް ތައް ނެގުމުގެ މައްސަލަ އެކަންކަމަކީ ރައްޔިތުންގެ މަޖިލީހަށް ގޮސްގެން ކުރެވެންޖެހޭ ކަންތައްތައް އެހެންވީމަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފެށިގެން ދިޔައީމަ އެކަންކަމަށް އަޅުގަނޑުމެންނަށް ސަމާލުކަންދެވޭނީވެސް އެހެންވީމަ އެމަސައްކަތް މާލަހެއްނުވެ ފެށޭނެ، 

ޓެކްސް ނިޒާމް މިހާރު އޮތް ގޮތަށް ކޮންޓިނިއުކުރުމުގެ ވިސްނުންފުޅެއްތޯ އޮތީ؟

ޓެކްސް ނިޒާމު އެހެންގޮތަކަށް ބަދަލުކުރާކަށް އަޅުގަނޑު ނުވިސްނަން އެހެންނަމަވެސް އަޅުގަނޑު ހިތަށް އެބައަރާ މީގަ ހުރި ހުރިހާ ޓެކްސް އެއީ ބޭނުން ކަންކަންތޯ އަލުން ވިސްނާލުން ރަނގަޅުވާނެކަމަށް.

ރައީސް ނަޝީދު އިތުރު ދައުރަކަށް ހޮވިދާނެކަމަށް ގަބޫލުކުރެވޭތޯ؟

އެކަމާބެހޭގޮތުން އެއްޗެއްބުނާކަށް ގަސްތެއްނުކުރަން.