Tuesday, September 18, 2012


"މިވަގުތު ޖީއެމްއާރުގެ އެގްރިމެންޓް ބާތިލު ކުރަން ފަސޭހައެއް ނޫން"


ޖީއެމްއާރުގެ އެގްރިމަންޓުން ދައުލަތަށް ގެއްލުންވި ނަމަވެސް އެ އެގްރިމަންޓް މި ވަގުތު ބާތިލު ކުރުމަކީ ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން ފަސޭހަކަމާއެކު ކުރެވިދާނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ. 

ޖީއެމްއާރުގެ މައްސަލައިގައި ޕާޓީތަކުގެ ހިޔާލު ހޯދެއްވުމަށް ރައީސް މިއަދު ޕާޓީތަކަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެއްބަސްވުމުގެ މުއްދަތުގައި ދައުލަތަށް ލިބޭނެ އެއްޗަކަށް ވުރެ ދައުލަތަށްވާ ގެއްލުމުގެ އަގު މާބޮޑު ކަމަށާއި އެއްބަސްވުމުގެ މުއްދަތުގައި ދައުލަތުން ދައްކަންޖެހޭ އަގުވެސް ނުހަނު ބޮޑު ކަމަށެވެ. އަދި ޖީއެމްއާރުން އެއާޕޯޓް ޑިވެލޮޕްކުރަނީ ސްކޮޓްވިލްސަންގެ އެއާޕޯޓް މާސްޓާ ޕްލޭނުން ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވާ ފައިސާއަށް ވުރެ މާގިނަ ފައިސާ ހަރަދުކޮށްގެން އެއަށް ވުރެ މާމަދު ކަންތައްތައްކަމަށް ވެސް ސިޓީގައި ވިދާޅުވެފައި ވެއެވެ. އެހެންކަމުން އެއްބަސްވުން ކުރިއަށް ގެންދަން ނުފެންނަ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. 

"... މި މުއާމަލާތާއި ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސޯދަށް [އެއާޕޯޓުގައި ހިންގާ އަމިއްލަ ވިޔަފާރި ހިމެނޭ ގޮތުން] ވަރަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ވީމާ، މި ހާލަތުގައި މިއޮތް ގޮތަށް މި އެއްބަސްވުން ކުރިއަށް ގެންދިޔުމަކީ ދިވެހި ދައުލަތަށް ކުރެވިދާނެ ކަމެއް ކަމުގައި ގަބޫލުފުޅު ނުކުރެއްވޭ ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިކަންކަން މިހެން ހުރިނަމަވެސް މި އެއްބަސްވުން އުވާލުމަކީ މާލީ ގޮތުން ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭނެ ކަމެއް ކަމަށް ފާހަގަކުރެއްވޭ ކަމަށާއި، މިއީވެސް ދައުލަތުގެ މިހާރުގެ މާލީ ހާލަތު އޮތް ގޮތުން ފަސޭހަކަމާއެކު ކުރެވިދާނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސްގެ ފަރާތްޕުޅުން ޕޮލިސީ ސެކްރެޓަރީ އިސްމާއިލް ޝަރީފު ސޮއި ކުރައްވާފައިވާ އެ ސިޓީގައިވެ އެވެ. 

ދެ ސޮފުހާގެ އެސީޓިގައި ރައީސް އިތުރަށް ވިދާޅުވެފައިވަނީ ޖީއެމްއާރު އެއާޕޯޓު އެއްބަސްވުމާ މެދު އަމަލުކުރެވޭ ގޮތެއްގެ ސަބަބުން ރާއްޖެ އަންނަ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި، އިންވެސްޓަރުންގެ ހިތުގައި ނުބައި ތަސައްވަރެއް އުފެދިދާނެ ކަމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އަދި ވިދާޅުވެފައިވަނީ އެއްބަސްވުމުގެ އެއްފަރާތުގައި ވަނީ އިންޑިއާ ކަމަށް ވުމުން އެކަމާ މެދުވެސް ވިސްނަންޖެހޭކަމަށް ރައީސްވަނީ ވިދާޅުވެފަ އެވެ. 

"މި އެއްބަސްވުމުގެ އެއްފަރާތުގައިވަނީ ރާއްޖޭގެ ހާރިޖީ ދާއިރާގައި ވަރަށް ހާއްސަ ގުޅުންތަކެއް ގާއިމު ކުރެވިފައިވާ އިންޑިޔާކަމުގައިވާތީ، މިއީވެސް މި އެއްބަސްވުމާ މެދު ކަންކުރުމުގެ ބަލަންޖެހޭ ކަންކަން ކަމުގައި ރައީސް ދެކެވަޑައިގަންނަވަ އެވެ. ވުމާއެކު، މިވާހަކަތައް ދަންނަވައި، މި މައްސަލައިގައި ސަރުކާރުން އަމަލު ކުރައްވަން ފެނިވަޑައިގަންނަވާ ގޮތެއް އަވަސް ފުރުސަތެއްގެ ތެރޭގައި އަންގަވައިދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ސިޓީގައިވެ އެވެ. 

ރައީސް އެގޮތައް ސިޓީފުޅެއް ފޮނުއްވާފައިމިވަނީ ޖީއެމްއާރުގެ އަތުން އެއާޕޯޓު އަތުލުމުގެ މަސައްކަތްތަކެއް ފުޅާ ދާއިރާއެއްގައި ކުރާނެ ކަން އިއްޔެ އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ޕާޓީތަކުން އިއްޔެ ސަރުކާރަށް ގޮވާލާފައިވަނީ ޖީއެމްއާރުގެ އެގްރިމަންޓް ވަގުތުން އުވާލައި އެކަމުގައި މައްސަލައެއް އޮތް ނަމަ އެކަން ކޯޓުން މަރުހަލާއިން ހައްލުކުރުމަށެވެ. އަދި އެކަމުގައި އެއްވެސް ކަމެއް ގުރުބާން ނުކުރެވޭނެ ކަމަށްވެސް ޕާޓީތަކުން ވަނީ ބުނެފަ އެވެ. 

އެ ސިޓީއާ ގުޅޭ ގޮތުން ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އެ ސިޓީއާ ގުޅޭ ގޮތުން ބައެއް ސިޔާސީޕާޓީތަކުން ދެއްކި ވާހަކަތަކީ "ބުހުތާން ދޮގު" ކަމަށާއި އެ މައްސަލައިގައި ރައީސް އަދިވެސް ގޮތެއް ނުނިންމަވާ ކަމަށެވެ. އަދި ރައީސްއެކަމުގައި ފިޔަވަޅެއް އަޅުއްވާނީ ޕާޓީތަކާ މަޝްވަރާކުރުމަށް ފަހުކަމަށް ވެސް ވިދާޅުވި އެވެ. 

"އެމައްސަލައިގައި ޕާޓީތަކުގެ ސްޓޭންޑަށް ރައީސް އެދިވަޑައިގެންފައިއެވަނީ، ރައީސް ގޮތެއް ނިންމަވާފައި އަދި އެންގެވީއެއް ނޫން،" އައްބާސް ވިދާޅުވި އެވެ. 

އެ މައްސަލައިގައި ދައުލަތުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެފައިވަނީ އެގްރިމަންޓުން ނުކުންނަ ނަމަ 700 މިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހޭ ކަމަށާއި އެގްރިމަންޓުން ނުކުތުމަކީ މިވަގުތައް އުދަގޫކަމެއް ކަމަށެވެ. ނަމަވެސް ކޯޓުތަކުގައި ހިނގަމުންދާ ޖީއެމްއާރު މައްސަލަތަކުގައި ސަރުކާރަށް ކުރިލިބޭނެ ކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފަ އެވެ.

No comments:

Post a Comment