ގދ. ތިނަދޫގައި އިއްޔެ ދަންޖެހުނު ކުޑަ ފިރިހެން ކުއްޖާގެ ބައްޕައަކީ މީގެ އެތަކެއް އަހަރު ކުރިން ރުކެއް ކަނޑަން އުޅުމުގެ ތެރޭގައި ވަލަކުން ޖެހި ނުކުޅެނުންތެރިކަމެއް ތަހައްމަލު ކުރާ މީހެކެވެ. އޭނަގެ ދަރިފުޅު އިއްޔެ ގޮނޑަށް ގޮސް ކުޅޭ އެއްޗެއް ހޮވި އެވެ. ހުރިހާ ވެސް މައްސަލައަކަށްވީ އެ ކުޅޭ އެއްޗެވެ. ބޮލުގައި އަޅާ ބޭންޑެއް ކަމަށް ބުނާ އެ ކުޅޭއެތި ހަލާކު ކޮށްލުމުން ވީދެރަ އާއި ހިތްހަމަ ނުޖެހުމުގައި ގެއިން ނުކުމެ އަމިއްލައަށް ދަންޖެހިގެ މަރުވާން އުޅުނީ އެވެ. އޭނާ ސަލާމަތްކޮށް، އައިސީޔޫގައި ފަރުވާދެމުން އަންނައިރު އެއީ ނުކުޅެދުންތެރި ކުއްޖަކަށް ވެދާނެ ކަމުގެ ހިތާމަވެރި ހަބަރު ޑޮކްޓަރުން ވަނީ އާއިލާއަށް ދީފަ އެވެ.
ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ފަރުވާ ދެމުން އަންނަ ކުއްޖާގެ އާއިލާގެ މެންބަރަކު ބުނީ ދަންޖެހިފައި ހުއްޓާ ސަލާމަތްކޮށް ފަރުވާ ދެމުން އަންނައިރު އާދަޔާހިލާފަށް ފިޓްޖެހި ހާލު ސީރިއަސްވެފައިވާ ކަމަށެވެ.
ތިނަދޫ އަބޫބަކުރު ސްކޫލްގެ ހަތަރު ވަނަ ކްލާހުގައި ކިޔަވަމުން އަންނަ ދަރިވަރުގެ ބޮޑުދައިތަ މިއަދު ބުނީ ދަން ޖެހުމުގެ ސަބަބުން ކޮއްކޮގެ ސިކުނޑިއަށް ލޭ ދައުރުނޮކޮށް ގިނައިރުވެ ސިކުނޑިއަށް ވަރަށް ބޮޑަށް ގެންލުންވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އަދި ސިކުނޑިއަށް ލިބުނު ގެއްލުމުގެ ސަބަބުން، އިރުއިރުކޮޅާ ފިޓްޖެހެމުންދާތީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ކޮއްކޮ ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި ކޮއްކޮއަށް އިތުރު ފަރުވާދިނުމަށްޓަކައި މާލެ ފޮނުވައިލަން، ޑޮކްޓަރު އިރުޝާދު ދެއްވާފައި ވިޔަސް އެ ދަތުރަށް އެރެން ނެތީ ކޮއްކޮގެ ހާލު ސީރިއަސް ކަމުންނެވެ.
"އޭނަގެ ހޭވެރިކަމެއް ވެސް ނެތް. ލޯ އެބަ ހުޅުވާ އެކަމަކު ދޭތެރެ ދޭތެރެއިން ފިޓް ޖެހެނީ. ރޭ އިރާކޮޅު ފެށިގެން ހަމަ ފިޓް ޖެހެނީ. އެކަމަކު މިހާރު އެކަންތައް ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވަމުން އަންނަނީ،" ބޮޑުދައިތަ ބުންޏެވެ.
ހިކިކޮށް އަނަރޫފަކޮށް ހުންނަ، ބަރުދަނުގައި 20 ކިލޯ ހަމަވާ ކުޑަކުއްޖާ ދަންޖެހުނީ ގޯތީގައި ހުރި ރުކެއްގެ ފަނެއްގައި ފޮތް އައްސާ ބެލްޓެއް ބޭނުންކޮށްގެނެވެ. އޭނަ ދަންޖެހިފައި ހުއްޓާ ސަލާމަތް ކުރީ އޭނާގެ ބޭބެ ހަރުގަނޑެއް ބަހައްޓައިގެން އެ ރުކަށް އަރަ އެވެ. އެއީ ވެސް 14 އަހަރުގެ ކުއްޖެކެވެ. ކުޑަކުއްޖާ ދަންޖެހުނީ އޭނާ ހޮވި ކުޅޭ އެއްޗަށް އޭނާގެ ދޮށީ ދައްތަ ގެއްލުމެއް ދީގެން ކަމަށް ވެއެވެ.
No comments:
Post a Comment