Thursday, August 25, 2011

ކޮމެޓީ އެލަވަންސްގެ ގޮތުގައި ކޮންމެ މެންބަރަކަށް އެއްފަހަރާ 140000ރ. ދޭން ނިންމައިފި

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް މަޖިލީހުގެ ކޮމެޓީ އެލަވަންސް މި އަހަރު ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކޮންމެ މެންބަރަކަށް މަހަކު 20000ރ.ގެ ރޭޓުން އެއްފަހާ 140000ރ. ދިނުމަށް މާލިއްޔަތު ކޮމެޓީން ކަނޑައަޅައި ފައިސާ ދޫކުރުމަށް މަޖިލީހުގެ ރައީސަށް އަންގަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމީ، މިދިޔަ އަހަރު ޑިސެމްބަރު މަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް ކޮންމެ މެންބަރަކަށް ޖެނުއަރީ އިން ޖުލައިގެ ނިޔަލަށް މަހަކު 20000ރ.ގެ ރޭޓުން ކޮމެޓީ އެލަވަންސް ދިނުމަށް ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވީ އެ އަށް ފަހު ކޮމެޓީ އެލަވަންސް ދިނުމަށް ކަނޑައެޅި އުސޫލަކީ، ކޮމެޓީ ބައްދަލުވުންތަކުގެ 50 ޕަސެންޓަށް ވުރެ މަދުން ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންނަށް އެއްވެސް އެލަވަންސް ނުދިނުމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 50 އާއި 75 ޕަސެންޓް ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނީ މަހަކު 10000ރ. އެވެ. މަހަކު 20000ރ.ގެ އެލަވަންސް ލިބިވަޑައިގަންނަވާނީ، ކޮމެޓީ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ނިސްބަތް 75 ޕަސެންޓަށް ވުރެ މަތީ ބޭފުޅުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެންބަރުން ރަސްމީ ދަތުރުފުޅުތަކުގައި އުޅުއްވާ އިރު ގައާއި މަޖިލީސް ރިސެސް]ޗުއްޓީ[ގައި އޮންނަ މުއްދަތުގެ ތެރޭގައި ބާއްވާ ކޮމެޓީ ބައްދަލުވުންތަކަށް އެލަވަންސް ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ދައުރު ތެރޭގައި މެބްބަރުން ނަންގަވާ ޗުއްޓީ އާއި ސަލާމްގައި މެންބަރުން ތިއްބަވާ އިރު ކޮމެޓީ އެލަވަންސް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޯރަމް ހަމަނުވާ ޖަލްސާތަކަށް ވަޑައިގަންނާ މެންބަރުންނަށް ކޮމެޓީ އެލަވަންސް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

No comments:

Post a Comment