Thursday, August 25, 2011

ފުލުހުން އެއްބާރުލުން ނުދޭ ނަމަ "ނުރައްކާތެރި ދެ ކުށްވެރިޔަކު" ދޫކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރު ގާޒީ ދެއްވައިފި


މުޖްތަމަޢުއަށް ދޫވެއްޖެ ނަމަ އާންމުންނަށް ނުރައްކާވާނެ ކަމަށް ފުލުހުން ބުނެފައިވާ ދެ ކުށްވެރިއެއްގެ ޝަރީއަތަށް ފުލުހުން އެއްބާރުލުން ނުދިނުމުން އެ ދެ މީހުން މުޖުތަމައުއަށް ދޫކޮށްލާނެ ކަމުގެ އިންޒާރު ކްރިމިނަލް ކޯޓުގެ ގާޒީއަކު މިއަދު ދެއްވައިފި އެވެ.

ގްރޫޕް ހަދައިގެން މާރާމާރީ ހިންގި ކަމަށް ފުލުހުން ތުހުމަތުކުރާ ގދ. ރަތަފަންދޫ އެއްގަމުގޭ އަހުމަދު ޝަރީފާއި ލ. ގަމު ތުނޑީ އަވަށު ސްނޯ ރޯސް މާދިހު މުހައްމަދު ބަންދުން ދޫކުރަން ޖެހިދާނެ ކަމަށް ގާޒީ ވިދާޅުވީ މިއަދުގެ ޝަރީއަތަށް ހެކިބަސް ދިނުމަށް ހާޒިރުވާން އަންގާފައި އޮތް ދެ ފުލުހަކު ހާޒިރުނުވުމުންނެވެ. އަދި ވިދާޅުވީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ އެއްބާރުލުން ޝަރީއަތަށް ނުލިބުމުން "އެ މީހުންނަކީ ނުރައްކާތެރި ބަޔަކަށް ވެގެން އުޅޭހެނެއް" ހީނުވާ ކަމަށެވެ.

ގާޒީ ވިދާޅުވީ ހެކިބަސް ދިނުމަށް ހާޒިރުވާން ޖެހޭ ފުލުހުން ޝަރީއަތަށް ނައުމުން އެ މައްސަލަ އަޑުއެހުން ހަތަރު ފަހަރަށް ކެންސަލް ކުރަންޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ތެރެއިން އެއް ފުލުހަކު ޗުއްޓީގައި ހުރި ކަމަށާއި އަނެއް މީހާ ވަޒީފާ އަށް ނުނިކުންނަ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ކޯޓަށް ކިޔައިދީފައިވާ ކަމަށެވެ. އަދި އެ ދެ ފުލުހުން ހާޒިރުވުމަށް ޗިޓް ފޮނުވާފައި ވަނީ މީގެ އެއް މަސް ކުރިން ކަމަށާއި އޭނާ ޗުއްޓީ އަށް ގޮސްފައި ވަނީ އޭގެ ފަހުން ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެ މައްސަލާގެ އަޑުއެހުމެއް އަންނަ ހަފްތާގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެ ދުވަހު ޝަރީއަތަށް ހެކިވެރިން ހާޒިރުނުވާ ނަމަ ކުށްވެރިން ދޫކޮށްލައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގްރޫޕް ހަދައިގެން މާރާމާރީ ހިންގި ކަމަށް ބުނެ ދައުލަތުން އެ މީހުންގެ މައްޗަށް ކުރާ ދައުވާގައި ބުނަނީ އެ ދެ މީހުން، އިސްމާއިލް ފިރުދައުސް ކިޔާ މީހަކަށް, މާލޭ، ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ. ނަމަވެސް އެ ދައުވާއަށް އެ ދެ މީހުން އިންކާރުކުރެ އެވެ.

No comments:

Post a Comment