Monday, January 16, 2012

އަބްދުﷲ ގާޒީ ވަގުތުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

05:38 އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް އަދި ސިފައިންގެ ގާނޫނީ މަސްއޫލިއްޔަތުތަކުގެ ބޭރުން ކަމަށް ކަނޑައަޅައި އަބްދުﷲ ގާޒީ ވަގުތުން ދޫކޮށްލުމަށް އެމްއެންޑީއެފްގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

އެ ކޯޓުން ދެންމެ ނެރުނު އަމުރެއްގައި ބުނަނީ ފަނޑިޔާރެއްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ދިން ރައުޔަކާއި ގުޅިގެން ނުވަތަ ކުރި އަމުރަކާ ގުޅިގެން ވެސް ނުވަތަ ކުރި ހުކުމަކާ ގުޅިގެން ގާނޫނު އަސާސީ އާއި ގާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފުކުރުމުގެ އުސޫލުތަކުގެ ބޭރުން ނުވަތަ ފަނޑިޔާރުންގެ ސުލޫކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ގާނޫނު އަސާސީ އާއި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތެއްގައި އެ ފަނޑިޔާރަކު ޖަވާބުދާރީއެއް ނުކުރެވޭނެ ކަމަށް ފަޑިޔާރުންގެ ގާނޫނުގެ ނުވަ ވަނަ މާއްދާގައި ބުނާ ކަމަށެވެ. އަދި އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގައި ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހާލަތެއްގައި ނޫނީ ފަނޑިޔާރަކު ޖިނާއީ ކުށެއް ކޮށްފިކަމަށް ތުހުމަތު ކުރެވިގެން ނުވަތަ އެ ނޫން ވެސް ހާލަތެއްގައި ޖިނާއީ ކުށެއް ކޮށްފި ކަމަށް ތުހުމަތު ކުރެވިގެން ފަނޑިޔާރަކު ހައްޔަރުކުރަން ވާނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށް ވުރެ މަތީ ކޯޓެއްގެ އަމުރަށް ކަމަށާއި އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލަ ތަހްގީގުކުރާ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލަށް ހުށަހެޅުމުން އެކަމަށް އެކަށީގެންވާ ކަމެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ފެންނަ ނަމަ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައިބުނެ އެވެ.

05:02 ކްރިމިނަލް ކޯޓްގެ ބަސް:

ކްރިމިނަލް ކޯޓުން ދާދި ދެންމެ އާންމު ކުރި ބަޔާނެއްގައި ބުނަނީ އެ ކޯޓުގެ އިސް ގާޒީ، އަބްދުﷲ ގާޒީ ދިރިއުޅުއްވާ ގެޔަށް އަސްކަރިއްޔާ އިން ވަދެ އޭނާ ހައްޔަރުކޮށްފައި ވަނީ "ގަދަ ކަމުން އެގެޔަށް ވަނުމަށް ފަހު" ކަމަށެވެ. އަދި ހައި ކޯޓްގެ އަމުރާ އެއްގޮތަށް އަބްދުﷲ ގާޒީ ވަގުތުން ދޫކޮށްލުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ އަސްކަރިއްޔާ އަށް ގޮވާލާފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އަސްކަރިއްޔާގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނުގެ ނުވަ ވަނަ މާއްދާ އަދި 12 ވަނަ މާއްދާގެ (ހ) އާ ހިލާފު އަމަލެއް ކަމަށް ކަނޑައަޅާ ކަމަށެވެ. އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ހުރި ތަނެއް އެ ކޯޓަށް އަންގާފައި ނުވާތީ އެކަން ވަނީ ކްރިމިނަލް ކޯޓުން "ހަރުކަށި އިބާރާތުން" ކުށްވެރި ވެސް ކޮށްފަ އެވެ.

04:43 ސުޕްރީމް ކޯޓުން ފޮނުވި ސިޓީއަކާ ހަވާލުވުމަށް އެމްއެންޑީއެފުން އިއުތިރާޒުކޮށްފި ކަމަށް ސަން އަށް އެނގިއްޖެ އެވެ. އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ސޮއި ކުރައްވައި ފޮނުއްވި ސިޓީ އެމްއެންޑީއެފުން ހަވާލުނުވީ ރަސްމީ ގަޑީގައި ނޫނީ ސިޓީއާ ހަވާލު ނުވެނޭ ކަމަށް ބުނެ ކަމަށް އެނގިފައިވެ އެވެ.

03:51 އިސް ވަކީލުންގެ ބަސް:

ކޯޓުތަކުން ކުރާ އަމުރުތަކަށް ހުރިހާ ފަރާތްތަކަކުން ވެސް ބޯލަބައި އެގޮތަށް އަމަލުކުރުމަށް އިސް ވަކީލުން ގޮވާލައްވައިފި އެވެ. އިސް ވަކީލުންގެ ޓީމުން އުއްތަމަ ފަޑިޔާރާ އެކު ބޭއްވި ބައްދަލުވުން ނިންމާ ލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ޓީމުގެ އިސް ވަކީލު ޝާހީން ހަމީދު ވިދާޅުވީ ގާޒީން ހައްޔަރުކުރެވޭނެ ގޮތް ގާނޫނުގައި ކަނޑައެޅިފައި ވަނިކޮށް ސަރުކާރުން އަމަލު ކޮށްފައި ވަނީ އެ ގޮތްތައް އެއްފަރާތްކޮށް، އެކަހެރި ކުރުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ އެ އަމަލަކީ ޝަރުއީ ދާއިރާ އާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލާ ބާރުކަނޑުވާލުން ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އަދި ވަކީލުން ތިއްބަވާނީ ޝަރުއީ ފަރާތްތަކުން ނެރޭ އަމުރުތަކަށް އެއްބާރުލުން ދެއްވުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

03:36 ޖޭއެސްސީގެ ބަޔާން:
ފަނޑިޔާރުންގެ ޝަކުވާތައް ބަލައި، އެ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި މަޤާމުން ވަކިކުރަން ޖެހޭ މީހުން ވަކިކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ށ) ނާއި ޖުޑީޝަލް ސަވިސް ކޮމިޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖޭއެސްސީގެ މަސްއޫލިއްޔަތެއް ކަމަށާއި އެކަން ކުރުމަކީ ސިފައިންނާއި ފުލުހުންނަށް ޤާނޫނީ އެއްވެސް ހައިސިއްޔަތަކުން ބާރުލިބިދިފައިވާ ކަމެއް ނޫން ކަމަށް ޖޭއެސްސީ އިން ދެންމެ ބުނެފި އެވެ. އަދިވެސް ބުނެފައިވެ އެވެ؛ "[އަބްދުﷲ ގާޒީ] އާ ގުޅޭ ގޮތުން ވަކިބާވަތެއްގެ ސުލޫކީ ފިޔަވަޅެއް އެޅުމަށް ޖުޑީޝަލް ސަވިސް ކޮމިޝަނުން އަދި މިހާތަނަށް ނިންމާފައެއް ވެސް ނުވާނެ" ކަމަށެވެ. ހައި ކޯޓުގެ އަމުރާ ހަވާލުވުމަށް އެމްއެންޑީއެފުން އިއުތިރާޒުކޮށްފި ކަމަށް ސަން އަށް ކަށަވަރުވެއްޖެ އެވެ. އަދި ފެކްސް ލިބުނު ކަމަށް ފުރަތަމަ ބުނި ކަމަށާއި ނަމަވެސް އެއާ ހަވާލުވުމަށް އިންކާރު ކުރިކަމަށް އެނގިފައިވެ އެވެ. ނަމަވެސް އެމްއެންޑީއެފުން އެކަން އަދި ވަނީ ކަށަވަރުވާ ގޮތް ނުވެފަ އެވެ.

03:15 އަބްދުﷲ ގާޒީ ވަނީ ހައްޔަރު ކުރައްވާފައިތޯ އާއި ހައްޔަރު ކުރައްވާފައި ވަނީ ކީއްވެގެންތޯ ސާފު ކުރުމަށް ކްރީމިނަލް ކޯޓުން އެމްއެންޑީއެފަށް ފޮނުވި ސިޓީއާ ހަވާލު ވުމަށް ވެސް އެމްއެންޑީއެފުން ދެކޮޅުހަދާފައިވާ ކަމަށް ކޯޓުގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވި އެވެ.

03:12 އުއްތަމަފަނޑިޔާރު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިފި އެވެ.

03:05 ހައި ކޯޓުގެ އަމުރު:
"ފަޑިޔާރަކު ހައްޔަރު ކުރަން ވާނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށް ވުރެ މަތީ ކޯޓެއްގެ އަމުރަކަށް ކަމަށް ގާނޫނު ނަމްބަރު 2010/13 [ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު]ގެ 12 ވަނަ މާއްދާގެ [ހ]ގެ ސަރީހަ ނައްސުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ އިރު، އެފަދަ އަމުރެއް ދިވެހި ރާއްޖޭގެ ހައިކޯޓުން ހޯދުމެއް ނެތި، 16 ޖެނުއަރީ 2012 ވީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ ރ. ހުޅުދުއްފާރު / ބަހާރުގޭ އަލްއުސްތާޒު އަބްދުﷲ މުހަންމަދު ހައްޔަރުކޮށްފައިވާ ހައްޔަރުކުރެއްވުމަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް ލިބިފައިވާ ގާނޫނީ ބާރުގެ ބޭރުން، ގާނޫނާ ހިލާފަށް ކުރައްވާފައިވާ ހައްޔަރުކުރެއްވުމަކަށް ވާތީ، އަބްދުﷲ މުހަންމަދު ވަގުތުން ދޫކޮށްލުމަށް މޯލްޑިވްސް ޑިފެންސް ފޯސްގެ މައްޗަށް އަންގާ އަމުރު ކޮށްފީ"މެވެ. އަމުރުގައި ސޮއި ކުރައްވާފައި ވަނީ ހައިކޯޓުގެ އިސްފަނޑިޔާރު އަހުމަދު ޝަރީފެވެ.

02:50 ހަރުގޭގެ ބައްދަލުވުން ނިންމާލައިފި

02:44 ކުޅުދުއްފުށީ ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު: އުއްތަމަ ފަޑިޔާރު ބަޔާނާ އެއްގޮތަށް ސަރުކާރުން ވަގުތުން އަމަލުކޮށް ގާނޫނީ އިމުގެ ތެރެއަށް އެނބުރި އައުމަށް އޭނާ ދެންމެ ގޮވާލައްވައިފި އެވެ. ތަޖުރިބާކާރު ވަކީލު ވިދާޅުވީ ވީޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ގާނޫނު ނަގަހައްޓަން ޖެހިފައި އޮތް ވަގުތެއްގައި އުއްތަމަ ފަނޑިޔާރު އެގޮތަށް ބަޔާނެއް ނެރުއްވުމަކީ ސުޕްރީމްކޯޓުގެ އެހެން ވަކީލުންނާ މަޝްވަރާ ނުކޮށް ކުރައްވާނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އުއްތަމަ ފަނޑިޔާރުގެ އެންގެވުމާ އެއްގޮތަށް ނޫނީ ސުޕްރީމް ކޯޓުގެ އަމުރެއް ވެސް އަދި ހުކުމެއް ވެސް ނުކުތުމަކީ ވުމަށް ވުރެ ނުވުން ގާތްކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނުގައި ހުރި ހުރަސް ކުރަން ނުޖެހޭ ރޮނގުތައް ހުރަސްކޮށްފި ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް އެނބުރި އެ ރޮނގުތަކުގެ ތެރެއަށް އަންނަން ވެއްޖެ ކަމަށެވެ.

02:29 އަބްދުﷲ ގާޒީ ވަގުތުން ދޫކޮށްލުމަށް ހައި ކޯޓުން ވެސް އަމުރެއް ދެންމެ ނެރެފި އެވެ.

02:20 ހޯމް މިނިސްޓަރު އަފީފުގެ ގެ ހުންނަ، އިސްކަންދަރު ސްކޫލު ކުރިމަތީ ސަރަހައްދުން ނޫސްވެރިން ވެސް ނެރެ، އެ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި.

02:17 އިސް ވަކީލުން އުއްތަމަފަނޑިޔާރާ އެކު ބޭއްވި ބައްދަލުވުން ނިންމާލައިފި. މިހާރު އެ ވަކީލުން މަސައްކަތް ކުރައްވަނީ ހައި ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރެއްވުމަށް.

01:58 ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ދެންމެ ވިދާޅުވީ ގާނޫނު އަސާސީ ނެގެހެއްޓުމާއި ދެމެހެއްޓުމަށް ގޮވާލައްވާފައި ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުއްވީ ޝަރުއީ އަމުރެއް ކަމަށް ގަބޫލު ނުކަރައްވާ ކަމަށެވެ.

01:51 އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލުންނާ ޖޭއެސްސީގައި ބައްދަލު ކުރައްވަމުން އެބަގެންދަވަ އެވެ. އެ ބޭފުޅުންގެ ތެރޭގައި ޝާހީން ހަމީދާއި އާޒިމާ ޝުކޫރާއި އަލީ ހުސައިނާއި ފަރީދު ހިމެނެ އެވެ.

01:36 ހޯމް މިނިސްޓަރުގެ ގެ ކައިރީ ތިބި މީހުން ފުލުހުން ފައްސާލައިފި

01:33 ސިފައިންގެ އިތުރު ފައުޖެއް ހޯމް މިނިސްޓަރުގެ ކައިރިއަށް ހިނގައްޖެ. އަދި މީހަކު އެ ސަރަހައްދުން ސިފައިން ހައްޔަރުކޮށްފި.

01:24 މުޒާހަރާގެ ބައިވެރިން އަނެއްކާ ވެސް ހޯމް މިނިސްޓަރު އަފީފު އުޅުއްވާ ގޭގެ ކައިރިއަށް އެއްވެ މުޒާހަރާ ފަށައިފި

01:23 އުއްތަމަ ފަޑިޔާރު؛ އަހުމަދު ފާއިޒް ހުސެއިން : އަބްދުﷲ ގާޒީ ވަގުތުން މިނިވަން ކުރުމަށް އުއްތަމަ ފަޑިޔާރު އަހުމަދު ފާއިޒް ހުސެއިން ގޮވާލައްވައިފި އެވެ. ފާއިޒް ސޮއި ކުރައްވާ ދާދި ދެންމެއަކު ނެރުއްވި ބަޔާނެއްގައި ބުނަނީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި ދިވެހި އަސްކައރިއްޔާއިން އަމަލުކުރައްވާފައިވާ ގޮތާމެދު "ނިހާޔަތަށް ކަންބޮޑުވެ ވަޑައިގަންނަވާ" ކަމަށެވެ. އަދި ވިދާޅުވަނީ ފަޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ކޮށްފިކަމަށް ތުހުމަތު ކުރެވިގެން ނުވަތަ އެ ނޫންވެސް ހާލަތެއްގައި ޖިނާއީ ކުށެއްގެ ތުހުމަތުގައި ފަޑިޔާރަކު ހައްޔަރުކުރެވޭނީ އެ ފަޑިޔާރަކު މަސައްކަތްކުރައްވާ ކޯޓަށްވުރެ މަތީ ކޯޓުގެ އަމުރަށް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދިވެސް ވިދާޅުވެފައިވަނީ "މި އުސޫލުތަށް މުގުރާލެވޭ ވަގުތަކީ ގައުމެއްގެ ހަޔާތުގައި އަންނާނެ އެންމެ އަނދިރި ، އެންމެ ބަނަ ދަޑިވަ"ޅެވެ. އަދި އެއްވެސް ފަރާތަކުން ފަނޑިޔާރުންނަށް ލިބިދީފައިވާ ރައްކާތެރިކަން ގެއްލި ފަނޑިޔާރުންގެ ހުރުމަތް ކެޑިގެންދާފަދަ ގޮތްގޮތަށް އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނާއި ގަވާއިދާއި ހިލާފަށް ގާނޫނުއަސާސީގެ ބާރު ކަޑުވާލެވޭ ފަދަ ގޮތްގޮތަށް ކުރައްވާ ކަންކަމަކީ ގަބޫލުކުރެވޭނެ ކަންކަމެއް ނޫން ކަމައްވެސް އުއްތަމަ ފަޑިޔާރު ފާއިޒް ވިދާޅުވި އެވެ.

01:18 ޖުމްހޫރީ ޕާޓީގެ ބަޔާން: މިހާރު ރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީގެ ދަށުން ދައުލަތް ހިންގުމުގެ ތިން ބާރު ވަކިކުރެވި މިނިވަން ޖުޑިޝަރީއަކަށް ފުރުޞަތު ފަހިކޮށްދީފައި އޮތް ނަމަވެސް، ޖުޑިޝަރީގެ މިނިވަންކަން ގެއްލުވާލައި، ފަނޑިޔާރުގެތަކާ ފަނޑިޔާރުންގެ ޙުރުމަތްކަނޑައި، ދައުލަތްހިންގުމުގެ ތިންބާރުވެސް ސަރުކާރުގެ މުށުތެރެއަށްލައި، އަނިޔާވެރި އަދި ޚުދުމުޚްތާރު ވެރިކަމެއް ޤައުމުގައި ހިންގެވުމަށް ރައީސްނަޝީދު ކުރައްވާ މަސައްކަތްޕުޅުތަކާ ޖުމްހޫރީޕާޓީއިން ޢަމަލާ ބަހުން ދެކޮޅު ހަދަމެވެ. ޤާނޫނީ ހަމަތަކުން ބަލާއިރު، ފަނޑިޔާރުގެތަކާ ފަނޑިޔާރުންނަށް ބިރުދައްކައި، ޙުރުމަތްކެނޑުމަކީ އެއްވެސް ޙާލެއްގައި ކުރެވޭނެކަމެއް ނޫނެވެ. އަދި ފަނޑިޔާރުންގެ އަބުރާ ޤަދަރަށް އަރައިގަނެ، ޝަރުޢީ ދާއިރާއާމެދު ރައްޔިތުންގެ އިތުބާރު ގެއްލުވައިލެވޭތޯ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހިންގަމުން ގެންދާ ޢަމަލުތަކަކީ ޑިމޮކްރަސީގެ ނަމުގައި ހިންގާ ވަރަށް ބޮޑު ޖަރީމާއެއްވެސް މެއެވެ. މިކަމުގެ ސަބަބުން ޤައުމުގެ އަމްނު ގެއްލި، ޖަންގަލީގެ ޤާނޫނު ޤައުމުގައި ހިނގަންފަށާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ފަނޑިޔާރުންނާ ފަނޑިޔާރުގެތަކަށް ޤައުމުގައި ލިބެންވާ ފުރިހަމަ ރައްކާތެރިކަމާ ޙިމާޔަތާ ހައިބަތު ލިބިގެން މެނުވީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް ހިތްހަމަޖެހުމާ އަމާންކަމާއެކު ޤައުމުގައި ދިރިއުޅެވޭނެ ޔަޤީންކަމެއް އެއްވެސް ރައްޔިތަކަށް ނުލިބޭނެއެވެ.


01:10 އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގުތުން މިނިވަން ކުރަން ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ގޮވާލައްވައިފި.

01:01 ރިލެކްސިން ކައިރިން އަނެއްކާވެސް މުޒާހަރާގެ ބައިވެރިން މުލީއާގެ ކައިރިއަށް ނައްޓާލައިފި.

00:58 ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު : އަބްދު ﷲ ގާޒީ އެ މަނިކުފާނުގެ ގޭގައި އޮންނަވައިނިކޮށް ސިފައިންނާއި ފުލުހުން ގޮސް ހައްޔަރުކުރީ އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވެ އެކަމަށް ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެއްސީ) ން ފިޔަވަޅެއް ނާޅައި ލަސްވަމުންދާ ދިޔުމަކީ ގާނޫނު އަސާސީ އާއި ހިލާފު ކަމެއް ކަމަށް ގައުމީ ސަލާމަތުގެ ބާރުތަކަށް ފެންނާތީ ގާނޫނު އަސާސީ ނެގެހެއްޓުމަށް ސަލާމަތީ ބާރުތަކުން ކުރި ކަމަށެވެ. އަދި ސިވިލް ކޯޓުގެ އަމުރާއި ސަރުކާރުން ހިލާފުވެފައި ނުވާ ކަމައްވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކުރީ އޭނާ އާއި މެދު ކުރެވޭ ތުހުމަތު ތަކަށް "އިންޓެލިޖެންސް ހެކިވެސް" ހުރެގެން ކަމަށެވެ. ޒުހައިރު ވިދާޅުވީ އަބްދުﷲ ގާޒީގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ރައީސް ނަޝީދު ފުލުހުންނައް މިއަދު ސިޓީ ފުޅެއްވެސް ފޮނުވާފައިވާ ކަމަށެވެ.

00:53 ރިލެކްސިން ސަރަހައްދުގައި އެމްޑީޕީގެ އެކްޓިވިސްޓުންނާއި މުޒާހަރާގެ ބައިވެރިން ކުރިމަތިލާ ހަމަނުޖެހުން ހިންގަންމުން އެބަދޭ. އެ ސަރަހައްދަށް ފުލުހުން ވެސް ގޮސްފި




00:51 ރީކޯ މޫސަ ގޭ ކައިރިއަށް އެއްވި މީހުންގެ ތެރެއަށް އެމްޑީޕީ މީހުން ވަދެގަނެ ހަމަނުޖެހުން ހިންގަން ފެށުމުން މުޒާހަރާގެ ބައިވެރިން އެހެން ދިމާއަކަށް ނައްޓާލައިފި

00:42 މިހާރު މުޒާހަޜާ ކުރަމުންދަނީ ރީކޯ މޫސާމަނިކުގެ ގޭ ދޮށުގައި ގިނަ ބަޔަކު އެއްވެ ޝުއޫރު ފާޅުކުރަމުން ދަނީ.

00:42 ރާއްޖޭގެ ދުސްތޫރިވެރިކަމުގައި ރެނދުލައި ޤާނޫންއަސާސީގެ ރައްކާތެރިކަން ރައީސް ނަޝީދުގެ ސަރުކާރުން ނިގުޅައިގަންނަމުންދާއިރު ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސްކަމިޝަނުން ހިމޭނުން އޮންނަ އޮތުމާމެދު ކަންބޮޑުވާ ކަމަށް ޤައުމީ ޕާޓީން ބުނެފި އެވެ.

"ދިވެހި ޤައުމީ ޕާޓީއިން ކަންބޮޑު ވާކަމަށް އެ ޕާޓ އަދި މި ނާޒުކު ވަގުތުގައި ދިވެހި ރައްޔިތުންގެ އިންސާނީ ޙައްޤުގެ ހިމާޔަތުގައި ކުރެވެންހުރި އެންމެހާ މަސައްކަތްތައް ކުރުމަށް ދިވެހި ރާއްޖޭގެ ހިއުމަން ރައިޓްސް ކަމިޝަނަށް ގޮވާލަމެވެ." ދެންމެ ގައުމީ ޕާޓީން ނެރުނު ބަޔާނުގައި ވެއެވެ.


00:38 '"އަޅުގަނޑުގެ ކަރުގެ ތިން ތަނެއްގައި ވަނީ އަލިފާނު ޖައްސާފައި. ޑޮކްޓަރު ވިދާޅުވެފައިވަނީ ލޭގެ ޕްރެސަރުވެސް މައްޗަށް ގޮސްފައިވާ ކަމަށް . މިހާރު މި ރާއްޖޭގައި ހިނގަމުން މިދަނީ މިލްޓަރީ ވެރިކަމެއް." ސަންދާނު އަހައްމައިދީ

00:30 މުލީއާގެ ކައިރިއަށް މީހުން ރީކޯ މޫސާ މަނިކުގެ ގެއާ ދިމާއަށް މިސްރާބު ޖަހައިފި

00:27 މުލީއާގެ ކައިރިއަށް ދިޔަ މީހުން އެތަނުން ނައްޓާލާފި. މިހާރު މަޖިލިސް ކައިރިން ކުރިޔަށް ދަނީ.

00:25 މުލިއާގެ ވަލުދޮރާއްޓާ ކައިރިއަށް އެއްވެއްޖެ. ފުލުހުންނާއި ސިފައިން ޝީލްޑު ބޭނުންކޮށްގެން ފަހަތަށް ޖައްސަން މަސައްކަތް ކުރަން ފަށައިފި. އާންމުންނާއި ސިފައިންނާއި ވެސް ކުރިމަތިލަމުން އެބަދޭ.




00:23 މުލިއާގޭ ކައިރިއަށް ވަދެވޭ ހުރިހާ މަގެއް ފުލުހުންނާއި ސިފައިން ވަނީ ބަންދުކޮށްފައި. މުޒާހަރާ ކުރާ މީހުން މަސައްކަތް ކުރަމުން ދަނީ އެ ސަރަހައްދަން ވަންނަން މަސައްކަތް ކުރަމުން.

00:21 "އަބްދުއްﷲ ގާޒީ ހައްޔަރިކޮށްފައިވަނީ ގާނޫނާއި ހިލާފަށް. ކޯޓުގެ ގާޒީއަކު ހައްޔަރިކުރެވޭނީ ކޯޓު އަމުރަކަށް . ފުލުހުންގެ ތަހްގީގަށް ބޭނުންވެގެން ގަޒީއަކު ހައްޔަރުކުރާ ނަމަ ޕްރޮސެކިއުޓަރ ޖެނަރަލްގެ ލަފާ ހޯދަންޖެހޭނެ. އެ ފަދަ ލަފައަކަށް ފުލުހުން އެދިފަ އެއްނުވޭ " ޕްރޮސެކިއުޓަރ ޖެނަރަލް

00:19 މަގުތަކުގައި އިންދާފައިވާ ހުރިހާ ފެންފޯއް ރުކެއް ލުހެލައި މަގުމެދަށް އުކާލުމަށްފަހު މުލީއާގެއާ ދިމާއަށް މިޝްރާބު ޖަހައިފި.

00:07 ފަސީހު ދިރިއުޅުއްވާ ގޭދޮށަށް އެއްވި މީހުން އެގޭ ތެރެއަށް ވަދެގަންނަށް މަސައްކަތް ކުރަމުން ދަނީ. ފުލުހުން އެމީހުން ހުއްޓުވޭތޯ މަސައްކަތް އެބަކުރޭ.

00:06 ކްރިމިނަލް ކޯޓްގެ ހުރިހާ ފަނޑިޔާރުން ހައިކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފާ ބައްދަަލު ކުރެއްވުމަށް ދާދި ދެންމެއަކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވަޑައިގެންފި. ސިފައިންނާއި ފުލުހުންގެ ގޮސް އަބްދުﷲ ގާޒީ ހައްޔަރުކޮށް ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ވެސް ކްރިމިނަލް ކޯޓްގެ ހުރިހާ ގަޒީ އޭގެއަށް ވަޑައިގެން ތިއްބެވި.

23:58 ކޮމިޝަނާ އޮފް ޕޮލިސް ފަސީހު ދިރިއުޅުއްވާ ގޭގެ ކުރިމައްޗަށް އެއްވެ މުޒާހަރާ ފަށައިފި. ހުރިހާ އެންމެން އެކުގައި ފަސީހުގެ އިސްތިއުފާއަށް ގޮވަމުން އެބަދޭ.

23:56 ސަންދާން އަހަންމައިދީއަށް ވެސް އޭޑީކޭ ހޮސްޕިޓަލުގައި ދާދި ދެންމެއަކު ފަރުވާ ދީފި. ޑރ. ވިދާޅުވަނީ އަހަންމައިދީ އެޑްމިޓް ކުރަންޖެހޭ ކަމަށް.

23:40 އަބްދުﷲ ގާޒީ ހައްޔަރުކޮށް ސިފައިން އެމަނިކުފާނު ދޫނިދޫއަށް ގެންގޮސްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ޑިފެން މިނިސްޓަރު ތޮލްހަތަށް އަންގަވައިފި.




23:40 އަފީފު ދިރިއުޅުއްވާ ގޭގެ ކައިރިގައި ސިފައިން ފޯރި މަރަން ފަށައިފި.

23:39 މިނިސްޓަރު އަފީފުގެ ގޭގެ ކައިރިއަށް އެއްވި މީހުން އެގޭގެ ދޮރުގައި ތަޅަމުން އެބަދޭ. އެތަނަށް ފުލުހުން ވެސް ހިނގައްޖެ.

23:33 އަބްދުﷲ ގާޒީ ހައްޔަރު ކުރުމަކީ މުޅި ނިޒާމް ފުނޑުފުނޑުކޮށްލުން ކަމަށް ޑީއާރްޕީގެ ލީޑަރު ތަސްމީން ވިދާޅުވެއްޖެ. މިކަމުގައި ރާއްޖެ ބޮޑު ހަމަނުޖެހުމަކަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމެއް ކަމަށް ވެސް ވިދާޅުވި.

23:32 ހޯމް މިނިސްޓަރު އަފީގެ ގޭގެ ކައިރީ އިސްތިއުފާއަށް ގޮވަމުން އެބަދޭ. އެގޭގެ ބެރުގައި ހުރި ފެންފޯއް ރުއްތަކެއް ވެސް އުފުރާލާއިފި.

23:29 އަބްދުﷲ ގާޒީ ވެސް ދޫނިދޫއަށް ގެންގޮސްފި

23:28 މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭގެ ކައިރީގައި ބަޔަކު އަޑުގަދަ ކުރުމުން އެ ސަރަހައްދަށް ފުލުހުން ހިނގައްޖެ ކަމަށް ބުނެވޭ.

23:25 އަބްދުﷲ ގާޒީ ދެން ކޯޓަށް ވަޑައިގަތަ ނުދެއްވާނެ ކަމަށް އެމްޑީޕީ ހަރުގޭގައި އަލްހާން ފަހުމީ ވިދާޅުވެއްޖެ. މާދަމާ ހެނދުނު ކޯޓު ދޮށަށް އެއްވާން ވެސް ވަނީ ގޮވާލާފައި.

23:25 މުޒާހަރާގެ ބައިވެރިން ހޯމް މިނިސްޓަރު ހަސަން އަފީފު ދިރިއުޅުއްވާ ގޭދޮށަށް ނައްޓާލައިފި.

23:17 އަބްދުﷲ ގާޒީ ގޭގައި ހުންނަވަނިކޮށް ފުލުހުން ގޮސް ހައްޔަރުކޮށްގެން ގެންގޮސްފި. އަބްދުﷲ ގާޒީ ހައްޔަރު ކޮށްގެން ގެންދެވީ ގޭގައި އަންހެނުންނާއި ކުދިންނާއެކު ކޮޓަރީގައި އޮންނަވަނިކޮށް ފުލުހުން ގޭތެރެއަށް ވަދެ. އަބަދުﷲ ގާޒީ ހައްޔަރު ކުރީ ފުލުހަށް ހާޒިރުވުމަށް އަންގާ ޗިޓް ބާތިލްކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ޗިޓާއި މެދު ވަކިގޮތެއް ކަނޑައެޅެންދެން އެޗިޓަށް އަމަލު ނުކުރަން ހައިކޯޓުން އަމުރުކޮށްފައި ވަނިކޮށް.

23:16 ސަންދާން އަހަންމައިދީ ޗާންދަނީ މަގުގައި ހުންނަވަނިކޮށް އަނިޔާކޮށް ގައިގައި ސިނގިރެޓް ބުރު ޖައްސައިފި ކަމަށް ހަބަރުތައް އެބަ ފެތުރޭ.




23:14 މުޒާހަރާގެ އޮފިޝަލުން ފުލުހަށް ވަޑައިގަތީ މެންބަރު އަބްދުއް ރަހީމާ ނިހާނާއި ރިޔާޒަށް ހަމަލާ ދިން ކަމުގެ ޝަކުވާ ހުށަހެޅުމަށް. ޕީޕީއެމްގެ ނާޒިމް ވަނީ އޭނާގެ ގަޔަށް އެމްޑީޕީގެ އެކްޓިވިސްޓުން ވަޅި ހަރަން އުޅުނު ކަމުގެ ޝަކުވާ ހުށަހަޅާފައި. އަދި އޮފިޝަލުން ކޮމިޝަނާ ފަސީހާ ބައްދަލު ކުރަން އެދުމުން ވަނީ ބައްދަލު ކުރެވޭނީ ރަސްމީ ގަޑީގައި ކަމަށް ބުނެފައި.

23:10 ޑރ. ޖަމީލް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ގައުމީ ޕާޓީއަށް އަންގައިފި. ޑރ. ހަސަން ސައީދު ވިދާޅުވީ ސަބަބެއް ފުލުހުން ނުބުނާ ކަމަށް.




23:00 މަސް މާރުކޭޓް ކައިރީގައި އޮތް ދޯންޏަކުން އެ ސަރަހައްދުގައިވާ މީހުންނާ ދިމާއަށް އެއްޗެއް އެއްލި މައްސަލަ ހޫނުވެ ދެބައި މީހުން އެއްޗެހި އުކައފި. މިހާރު ފުލުހުން ދޯންޏަށް އަރާ އެކަކު ހައްޔަރުކޮށް ފުލުހަށް ގެންގޮސްފި.

23:00 ތަހުގީގަށް ކަމަށް ދޫނިދޫއަށް ގެންދެވި ޑރ. ޖަމީލް އަދިވެސް ހުންނެވީ ދޫނިދޫގައި. ޖަމީލުގެ ހަބަރެއް އަދި ސާފެއް ނުވޭ.

22:57 އެމްޑީޕީ ހަރުގެ: މިނެޓަކުން މިނެޓަކުން އޮންލައި ނޫސްތަކުން އެމްޑީޕީގެ މެންބަރުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު އަރުވަމުންދާ ކަމަށާއި އެފަދަ ވަހަކަތައް ނޭރުވުމަށް ނަފާ ނަސީމް އިންޒާރުކޮށްފި.

22:56 ފުލުހުން މުޒާހަރާ ރޫޅައިލި ނަމަވެސް މިހާރު ވެސް މަސް މާރުކޭޓް ސަރަހައްދުގައި ބަޔަކު ޝުއޫރު ފާޅު ކުރަމުން އެބަދޭ.




22:51 މުޒާހަރާ ލީޑުކުރި ބައެއް އޮފިޝަލުން ފުލުސް އޮފީހަށް ވަޑައިގަތީ އެމްޑީޕީގެ އެކްޓިވިސްޓުން ވަޅިން ހަމަލާ ދޭން މަސައްކަތް ކުރި ކަމަށް ބުނެ ޝަކުވާ ހުށަހެޅުމަށް. ސީރިއަސް ވެގެން ހޮސްޕިޓަލަށް ގެންދިޔަ ރިޔާޒް ރަޝީދު ފިޔަވައި އެހެން ބޭފުޅުން އަދިވެސް ތިއްބެވީ ފުލުސް އޮފީހުގައި.

22:45 މުޒާހަޜާގެ މާ ބޮޑު ހަރަކާތެއް މިހާރު އެއްވެސް ދިމާއަކު މާ ބޮޑަކަށް ނެތް. މުޒާހަރާގެ ހަމަނުޖެހުމަކަށް ބަދަލުވި ވަގުތު މަޖިލިސް މެންބަރު ރިޔާޒަށް ލިބިފައިވަ ސީރިއަސް އަނިޔާއަކަށް ފަރުވާ ހޯދުމަށް ދާދިދެންމެއަކު ފުލުހުންގެ ވެހިކަލެއްގައި ހޮސްޕިޓަލަށް ގެންގޮސްފި. ދެންމެއާ ޖެހެންދެން ވެސް ރިޔާޒު އިނީ ފުލުސް އޮފީސް ތެރޭގައި.

22:35 ޖަސްޓިސް ބިލްޑިން ކައިރީގައި މިހާރު ވެސް ފުލުހުން އެބަތިބި.

22:34 މާރުކޭޓް ސަރަހައްދުން ހިފެހެއްޓި ސިޓީ ކައުންސިލުގެ ޕިކަޕްގެ ޑްރައިވައިރު ދޫކޮށްލައިފި. ނަމަވެސް ޕިކަޕަށް ކޮންްމެވެސް ގެއްލުމެއް ދިނުމުގެ ސަބަބުން ޕިކަޕް އިސްޓާޓް ނުވުމުން ކޮއްޕާފައި އެއްފަރާތް ކުރަމުން އެބަދޭ.

22:33 ފުލުސް އޮފީސް ތެރޭގައި ރިޔާޒު ރަޝީދާއި ނިހާނާއި އަޒީޒު ޖަމާލާއި ސަންދާނު އަހަންމައިދީ އާއި މާޒް ސަލީމް ފަދަ ބޭފުޅުން އެބަތިއްބެވި އެބޭފުޅުން ގެންދަވަނީ ފުލުހުންނާ ވާހަކަ ދައްކަވަމުން

22:29 ޖަސްޓިސް ބިލްޑިން ސަރަހައްދުގައި ފުލުހުންގެ ފައުޖެއް މިވަގުތު އެބައޮތް. ނަމަވެސް ޑރ. ޖަމީލު ކޯޓަށް ހާޒިރު ކުރާ ކަމުގެ އެއްވެސް ހަބަރެއް ކޯޓަށް ވެސް ލިބިފައެއް ނުވޭ.

22:24 މުޒާހަޜާ ހޫނުވެ ހަމަނުޖެހުންތައް ހިނގުމަށްފަހު މުޒާހާރާގެ ބައިވެރިން ވަނީ އެކި ހިސާބުތަކަށް ބައިވެފައެވެ. ދާދި ދެންމެއަކު މާލޭ ސިޓީ ކައުންސިލްގެ ޕިކަޕެއް އެ ސަރަހައްދަށް ވަނުމުން މާރުކޭޓް ސަރަހައްދުގައި ތިބި މީހުން ވަނީ ޕިކަޕް ހުއްޓުވާ ޑްރައިވަރު ޕިކަޕުން ބާލާފައެވެ.

22:24 ޕީޕީއެމްގެ އިސް އޮފިޝަލުންތަކެއް މިވަގުތު ތިބީ ފުލުސް އޮފީހުގައި. އޭގެ ތެރޭގައި ބައެއް މަޖިލިސް މެންބަރުންނާއި ޕީޕީއެމްގެ ކައުންސިލް މެންބަރުން ވެސް ހިމެނޭ

22:21 ޑރ. ޖަމީލުގެ މައްޗަށް ކުރާ ތަހުގީގުގައި އޭނާ އަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ބުނެ ފުލުހުންގެ ގައުމީ ޕާޓީން ސިޓީއެއް ފޮނުވައިފި. ސިޓީގައި ބުނަނީ ޖަމީލަކީ މައިބަދައިގެ އޮޕަރޭޝަނެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށް

22:20 މުޒާހަޜާގެ ބައިވެރިން މިހާރު ވަނީ އެކި ދިމަ ދިމާއަށް ރޫޅިފައި. ގިނަ ބަޔަކު ތިބީ މަސްމާރުކޭޓާ ހަމައިގައި.

22:19 ޕީޕީއެމް ނާޒިމް: ވަޅި ހިފައިގެން އައީ އަޅުގަނޑަށް ހަމާލާ ދިނުމަށް. އަޅުގަނޑު ސަލާމަތްވީ ފުލުހަކު އެދެމެދަށް ވަނުމުން. އެމީހުންގެ އަތު ތޫނު ހަތިހާރުތައް ހުރި.

22:17 މުޒާހަރާގެ ބައެއް ބައިވަރިން ފުލުހުންނަށް މައްސަލަޖައްސަމުން ދަނީ އެމްޑީޕީ އެކްޓިވިސްޓުންގެ އަތުގައި ވަޅި ހުރި ކަމަށް ބުނެ. އަދި ބުނަމުންދަނީ އެމީހުން ސުލްހަވެރިކަމާއެކު ތިއްބާ މުޒާހަރާގައި ހަމަނުޖެހުން ހިންގަން މަގު ފަހު ކުރުވީ ފުލުހުން ކަމަށް.

22:14 ރިޔާޒު ދޫކޮށްލައިފި. މިހާރު ވަނީ އެންމެން ފަހަތަށް ޖައްސާފައި. ފުލުހުން މިހާރު އިންޒާރު ދެމުން ދަނީ މުޒާހަރާ ރޫޅައިލާނެ ކަމަށް ބުނެ. ބާރުގެ ބޭނުން ކުރާނެ ކަމަށް ވެސް ބުނަމުން އެބަދޭ.

22:13 ހަމަނުނުޖެހުން އުފެދުނީ އެމްޑީޕީގެ އެކްޓިވިސްޓުން މުޒާހަރާގެ ތެރެއަށް ވަނުމުން، މުޒާހަރާގެ ބައިވެރިން ބުނަނީ ފުލުހުން އެމީހުން ވެއްދީ ކަމަށް. މުޅިން ތަން ހަމަނުޖެހުމަކަށް ބަދަލުވެ މާރާމާރީ ހިންގުމުގެ ތެރޭގައި ބައެެއް މީހުން ވެއްޓި ވަރަށް ގިނަ ބަޔަކަށް ވަނީ އަނިޔާވެފައި ބައެއް ފުލުހުންނަށް ވެސް އަނިޔާވި،. މަޖިލިސް މެންބަރު ރިޔާޒު ރަޝީދު ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި. ފުލުހުން މިހާރު މަސައްކަތް ކުރަނީ މީހުންތައް ފަހަތަށް ޖެއްސުމަށް.

22:09 މުޅިތަން ހަލަބޮލިވެ ކޮންޓްރޯލް ވަނީ ގެއްލިފައި. އެއްބަޔަކު އަނެއް ބަޔަކަށް އެއްޗެހި އުކަމުން ވެސް އެބަދޭ.

22:08 ރިޔާޒް ރަޝީދަށް ވެސް އަނިޔާވެއްޖެ، ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމުދ ވެސް ބަހުގެ ހަމަލާތަކާއި ހަމަނުޖެހުންތައް ހިނގަމުންދަނީ.

22:06 އެމްޑީޕީގެ އެކްޓިވިސްޓުން މުޒާހަރާގެތެރެއަށް ވަދެ ހަމަނުޖެހުން ހިންގާ މާރާމާރީން ހިންގަމުންދަނީ. މީހުންތައް ވެއްޓި ވަރަށް ބޮޑަށް ބައެއް މީހުންނަށް އަނިޔާވެއްވެއްޖެ. ބައެއް މީހުން މީހުން ހައްޔަރުކުރަން ވެސް ފަށައިފި.

22:01 ފުލުސް އޮފީސް ކައިރިން ދުރަށް ޖައްސާ ފޮނުވާލި އެމްޑީޕީ އެކްޓިވިސްޓުން އެންދެރިމާގެއާ އަލިވާގޭ ކައިރިއަށްދާ ކަމަށް ވެސް އެބަބުނޭ. އޭގެ ހަގީގަތެއް އަދި ސާފެއް ނުވޭ. ފުލުހުންގެ ދެ ވެހިކަލެއް ވެސް އެދިމާއަށް ހިނގައްޖެ.

21:55 ފުލުސް އޮފީސް ކައިރިއަށް ގޮސް އަބްދުﷲ ގާޒީ ހައްޔަރު ކުރަން ގޮވަމުން ދިޔަ އެމްޑީޕީގެ އެކްޓިވިސްޓުން ފަހަތަށް ޖައްސާ ފުލުސް ކޯޑަން އިން ބޭރުކޮށްފި. އެމީހުން މިހާރު ތިބީ ރައީސް އޮފީހާވީކޮޅުގައި. އެތާނގައި ތިބެގެން ޝުއޫރު ފަޅުކުރަމުން އެބަދޭ.

21:51 ފުލުސް އޮފީސް ކައިރިއަށް އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް އެއްވެ އަބްދުﷲ ގާޒީ ހައްޔަރުކުރަން ގޮވާލަން ފަށައިފި އޭގެ ތެރޭގައި 15 ވަރަކަށް މީހުން ހިމެނޭ.

21:47 ފުލުހުންގެ އެނައުންސްމަންޓާއެކު އެއްވެސް މީހަކަށް އަނިޔާ ނުކުރާ ކަމަށާއި ނުވެސް ކުރާނެ ކަމަށް މުޒާހަރާގެ ތެރެއިން ގޮވާލައި ފުލުހުންނަށް ރައްދުދީފި. ފުލުހުން އަންގަމުން ދަނީ ދުރަށް ދިއުމަށާއި ދުރުގައި ތިބުމަށް

21:47 ފުލުހުންގެ އެނައުންސްމަންޓް:
މީގެ ކުޑައިރުކޮޅެއް ކުރިން އަނިޔާވި ފުލުސްމީހާއަށް ވަނީ ސީރިއަށް ޒަހަމްތަކެއްވެ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައި. އެއްވެސް މީހަކު ފުލުހުންގެ ކޯޑަން ހުރަސް ނުކުރުމަށް އަންގާން ނަސޭހަތްތެރިވަން.

21:43 މުޒާހަރާ ކުރާ ސަރަހައްދަށް ސަންދާން އަހަންމައިދީ ވެސް ވަޑައިގެންފި. ފުލުހުންގެ އިތުރު ސަފުތައް އެތުރެން ފަށައިފި.

21:41 މުލީއާގެ ކައިރިއަށް މިރޭ އެއް ނުވުމަށާއި އެއްވެއްޖެ ނަމަ އެމްޑީޕީން އެތަނަށް އެއްވެ އެކަން ހުއްޓުވާނެ ކަމަށް އެމްޑީޕީ ހަރުގޭގައި ރީކޯ މޫސާ މަނިކު ވިދާޅުވެ، މިހާރު މުޒާހަރާ ކުރަމުންދާ އިދިކޮޅު ފަރާތްތަކަށް އިންޒާރުކޮށްފި.

21:39 މުޒާހަރާގެ ތެރެއިން ބަޔަކު ކޮއްޕާލުމުން ވެއްޓުނު ފުލުސް މީހާއަށް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ލިބިފައިވާ ކަމަށްވޭ.



21:37 ބޮޑަށް މުޒާހަރާ ލީޑުކުރުމުގައި ބޮޑަށް ހަރަކާތްތެރިވަނީ ޕީޕީއެމްގެ ކައުންސިލް މެންބަރުން ހިމެނޭ. އެއްވެސް މީހަކަށް ގޯނާކޮށް ހައްޔަރު ކުރާނަމަ ޖުމްހޫރީ މައިދާނަށް ވަދެގަންނާނެ ކަމުގެ އިންޒާރު ނިހާން ދެއްވައިފި. އޭނާ ވިދާޅުވީ އެއްވެފައިވާ މީހުންގެ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށް އެއްވެސް މީހަކަށް ފުލުހުން ގޯނާ ނުކުރުމަށް.

21:33 ފުހުލުން އިންޒާރު ދޭން ފަށައިފި. ފުލުހުން އަންގަމުން ދަނީ އެ ސަރަހައްދު ދޫކޮށް ދިއުމަށް. ތަރުކާރުކޮށް އިންޒާރު ދެމުން އެބަދޭ. ފުލުހުން އިންޒާރު ދޭވަރަކަށް އިސްތިއުފާގެ އަޑު ގަދަކޮށް ހަޅޭއްލަވަމުންދޭ

21:32 އެމްއެމްއޭ ކައިރީގައި ވިލިމާފަންނު ދާއިރާގެ މެންބަރު ނިހާން ވާހަކަފުޅު ދައްކަވަނީ. އޭނާ ވިދާޅުވީ އެއްވުމަކީ ގާނޫނީ އެއްވުމެއް ކަމަށާއި އެއެއްވުން ރޫޅައިލައިގެން ނުވާނެ ކަމަށް އަދި ހުރަސް އަޅައިގެން ވެސް ނުވާނެ ކަމަށް.

21:29 ފުލުހަކަށް އަނިޔާވެގެން ގެންގޮސްފި، އޭނާއަށް އަނިޔާވީ އެއްވި މީހުން ހަމަނުޖެހުން ހިންގައިގައި ކޮއްޕާލުމުން. މިހާރު އެމްއެމްއޭ ސަރަހައްދު ބަންދު ކުރަން މަސައްކަތް އެބަކުރޭ. ފުލުސް މީހާއަށް ލިބުނީ ކޮން އަނިޔާތަކެއް ކަމެއް ނޭނގޭ.

21:24 ޑރ. ޖަމީލް މިރޭ ފުލުހަށް ހާޒިރުވެ ވަޑައިގެން ދޫނިދޫއަށް ގެންދެވުމުގެ ކުރިން ވިދާޅުވީ އިންސާފު ހޯދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް. އަދި ކުރީގެ ގާނޫނު އަސާސީ އޮތް ނަމަ ރައީސް ނަޝީދަކީ ހުދުމުތާރު ކަމުގައި ހިޓްލަރަށް ވުރެ މަތީ މީހަކަށް ވީސް ކަމަށް.

21:20 ސްޓާފޯސްގެ ފައުޖުތައް ރަޔަޓް ގިޔަރުގައި މުޒާހަޜާގެ ބައިވެރިންނާ ދިމާއަށް މިހާރު ޖެހެމުން އެބަދޭ.

21:16 ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް ނޭޅުމަށާއި ފުލުސް ކޮމިޝަނަރާއި ޗީފް އެޮފް ޑިފެންސް ފޯސް އަދި ހޯމް މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލަމުން އެބަދޭ. މިހާރު އެމްއެމްއޭ ސަރަހައްދަށް ވަނީ ވަރަށް ގިނަ ބަޔަކު ޖަމާވެފައި. ހުރިހާ ދިމާއަކުން ވެސް އިވަނީ އިސްތިއުފާއަށް ގޮވާލާ އަޑު.

21:03 މުޒާހަޜާ ކުރާ މީހުން އަނެއްކާވެސް އެމްއެމްއޭ ކައިރިން ކުރިއަރަން މަސައްކަތް އެބަކުރޭ. ފުލުހުން މަސައްކަތް ކުރަނީ އެސަރަހައްދުން މީހުން ފޮނުވާލުމަށް. ހުރިހާ ދިމާއަކުން ވެސް މީހުން ދަނީ އިތުރުވަމުން.

21:03 ފުލުހުން ޖަމީލް ދޫނިދޫއަށް ގެންދިޔައީ އެރަށުގައި ތަހުގީގު ކުރިޔަށް ގެންދަން ކަމަށް ބުނަނީ. އޭނާ ހައްޔަރު ކުރީ ނޫން ކަމަށް މިހާރު ބުނަނީ.

21:03 އެމްއެމްއޭ ސަރަހައްދާއި ޗާންދަނީ މަގުގައި މިހާރު ވެސް ޝުއޫރުފާޅު ކުރަމުން އެބަދޭ. މުޒާހަރާ ކުރުމުގައި ޕީޕީއެމްއާއި ޑީއާރްޕީގެ އެކްޓިވިސްޓުން ވެސް އެބައުޅޭ.

20:54 އެއްވެފައިވާ މީހުން ދުރަށް ޖެއްސުމަށް ދެންމެއަކު ވަނީ ޕެޕާ ސްޕްރޭ ޖަހާފައި. އަދި ދެންމެއަކު ވަނީ މީހަކު ހައްޔަރުކޮށްފައި. އެމީހާ ހައްޔަރު ކުރީ ވަގު މީޑިއާ ފާހެއް އަޅައިގެން އުޅޭތީ ކަމަށް ފުލުހުން ބުނޭ.

20:54 އެއްވެފައިވާ މީހުންނަށް ފުލުހުން އިންޒާރު ދޭން ފަށައިފި. ޖިނާއީ ކޯޓްގެ އިސް ގާޒީ ހާޒިރު ކުރަން ފޮނުވި ޗިޓަށް އަމަލު ނުކުރަން ހައިކޯޓުން އަމުރުކޮށްފި ހައިކޯޓުގެ އަމުރުގައި ބުނަނީ ފުލުހުން ފޮނުވި ޗިޓާ ގުޅިގެން އަބްދުﷲ ގާޒީ މައްސަލަ ހުށަހަޅުއްވާފައިވާތީ އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެ އަމުރަށް އަމަލު ނުކުރުމަށް

20:49 ޑރ. ޖަމީލުގެ ގާނޫނީ ވަކީލުން މިހާރު މަސައްކަތް ކުރައްވަނީ ކޯޓް އަމުރެއް ހޯދުމަށް ކަމަށް ބުނޭ.

20:44 މިރޭ ވެސް ޑރ. ޖަމީލް ފުލުހަށް ހާޒިރުވެ ވަޑައިގަތުމުން ދޫނިދޫއަށް ގެންގޮސްފި

20:40 މަޖިލީހުގައި ހިމެނޭ އިދިކޮޅު ބައެއް މެންބަރުން ވެސް އެ ސަރަހައްދުގައި އެބަަ ހަރަކާތްތެރިވޭ.

ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ދާދިދެންމެއަކު ފުލުސް އޮފީހަށް ހާޒިރުވެއްޖެ އެވެ. ޝަހީދު ހުސައިން އާދަމް ބިލްޑިން ހިމެނޭ ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން މިރޭ ވެސް އަޑު ހަރުކޮށް ޝުއޫރު ފާޅު ކުރަމުން އެބަދޭ.02

No comments:

Post a Comment