ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަނީ މުޅި ކޯޓު ހިސޯރުކޮށްފައި ކަމަށާއި އޭނާ އަމަލުކުރައްވާ ގޮތުން މުޖުތަމައުގެ މަސްލަހަތު ގެއްލި ގައުމީ ސަލާމަތަށް ވެސް އުނިކަން އަތުވެދާނެކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް ހޯމް މިނިސްޓަރު ހަސަން އަފީފު ރޭ ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު އެކުގައި އެމްއެންބީސީ ވަން އަށް އަރުއްވާ ދެއްވި ބަޔާނުގައި އަފީފު ވިދާޅުވީ އަބްދުﷲ ގާޒީ ފުލުހުންގެ ތަހުގީގުތަކަށް ދަތިތައް ކުރިމަތިކުރައްވާ ކަމަށާއި އެގޮތުން ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ދޫކޮށްލެއްވީ ފުލުހުން ހޯދަން ބޭނުންވާ ހެކި ހޯދުމަށް ހަނިވާ ގޮތަށް ކަމަށެވެ. އަދި ކޯޓު އަމުރު ހޯދަން ހުށަހެޅުމުން އަމުރާ މެދު ގޮތެއް ނިންމުމަށް ތިން ހަތަރު ދުވަސް ހޭދަވާ ކަމަށާއި އަމުރު ނެރުމުގައި އެކި ފަހަރު އެކި ގޮތްގޮތަށް އަމަލުކުރައްވާފައިވާ ކަމަށް ވެސް އަފީފު ވިދާޅުވި އެވެ. އަދި ބަލާ ފާސްކުރުމުގެ އަމުރުތައް އަބްދުﷲ ގާޒީ ނޫން އެހެން މީހަކަށް ނުދެއްވޭ ކަމަށާއި އެއީ "މުޅި ކޯޓު ހިސޯރުކުރުން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަތީ ކޯޓުތަކުގެ ނިންމުންތަކަށް ވެސް އަބްދުﷲ ގާޒީ އިހްތިރާމު ނުކުރައްވާ ކަމަށާއި ސިޔާސީ ބައެއް ފަރާތްތަކުގެ މައްސަލަތައް ކަނޑައެޅިގެން ނުހިންގާ ބާއްވާ ކަމަށް ވެސް އަފީފު ވިދާޅުވި އެވެ. އެފަދަ މައްސަލަތައް ކޯޓުގައި ބާއްވާއިރު ވެސް މީޑިއާތަކަށް އޮޅުވާލައި މީޑިއާ ނުވައްދާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައި ތިބޭ މީހުން ދޫކޮށްލުމަށް ފުލުހުންނަށް އަބްދުﷲ ގާޒީ ސިޓީ ފޮނުއްވާފައިވާ ކަމަށާއި ނުރައްކާތެރި މައްސަލަތަކުގައި ބަންދުކޮށްފައި ތިބޭ މީހުންގެ އާއިލާގެ މީހުންނާ ހާއްސަ ގުޅުން ބާއްވާ ކަމަށް ވެސް އަފީފު ތުހުމަތު ކުރެއްވި އެވެ.
ސިޔާސީ ވަކި ބައެއް މައްސަލަތަކުގައި ގާނޫނު ތަންފީޒުނުކުރެވޭނެ ހެން އަބްދުﷲ ގާޒީ ގާނޫނު މާނަކޮށް ގަޑުބަޑުކުރައްވާ ކަމަށާއި ރިޝްވަތު ނަގައިގެން ބޮޑެތި ކުށްވެރިން ދޫކުރާ ކަމަށް އެކި ފަރާތްތަކުން ތުހުމަތުކޮށްފައިވާ ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.
މައްސަލަތައް ކުރިއަށް ގެންދިއުމުގައި ސިޔާސީ ވަކި ފިކުރެއް ގެންގުޅުއްވުމާއި ވަޒީރުން ޖަވާބުދާރީކުރުމުގެ ނަމުގައި މަރުގެ މައްސަލަތަކުގެ މީހުން ދޫކޮށްލާފައިވާ ކަމަށާއި އެގޮތުން ދޫކޮށްލި މީހާ ދެވަނަ ފަހަރަށް އިތުރު މީހަކު މަރާލާފައިވާ ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.
"ކަން މިހެން ހުރުމާ އެކު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ސަބަބުން ޖިނާއީ އަދުލުގެ މުޅި ނިޒާމު އަތްދަށު ލައިގެން މީނާގެ ސަބަބުން މުޖުތަމައުގެ އާންމު މަސްލަހަތު ގެއްލި ގައުމީ ސަލާމަތަށް އުނިކަން އަތުވެދާނެކަމުގެ ބިރު ބޮޑުވެފައިވާތީ ގައުމީ ދިފާއީ ބާރުން މިކަން ހައްލުކޮށް ދެއްވުމަށް ފުލުހުންގެ ގާނޫނުގެ ދަށުން އަޅުގަނޑުމެން ވާނީ ދަންނަވާފައި،" އަފީފު ވިދާޅުވި އެވެ.
އަފީފުގެ ބަޔާނަށް ފަހު ތަލްހަތު ދެއްވި ބަޔާނުގައި ވިދާޅުވީ އަބްދުﷲ ގާޒީ އަޝްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންނެވީ "އަމާންކަން ގެއްލި ގައުމީ ސަލާމަތަށް ނުރައްކާވެފައިވާތީ" ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ އަޝްކަރިއްޔާގެ އެހީ އަށް ފުލުހުން އެދުމުން ކަމަށް ވެސް ތަލްހަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ކްރިމިނަލް ކޯޓުން ދޭން ޖެހޭ އެއްބާރުލުން ނުލިބޭ ކަމަށާއި ހާއްސަ ގޮތެއްގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މަގާމުގެ ބާރާއި ނުފޫޒު ބޭނުންކުރައްވައި ފުލުހުންގެ މަސައްކަތަށް ތަފާތު މޭރުމުން ހުރަސް އަޅުއްވާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ދާހިލީ ހަމަޖެހުން ގެއްލި އަމާން ވެއްޓެއް ގާއިމުކުރުމަށް ފުލުހުން ނުކުޅެދިފައިވާ ކަމަށް ވެސް ތަލްހަތު ވިދާޅުވި އެވެ.
No comments:
Post a Comment