Thursday, January 19, 2012

ސާކް މޮނިއުމަންޓްތައް ބެހެއްޓި މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ހުކުމްކޮށްފި





މިދިޔަ އަހަރު އައްޑޫގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް އެ ސިޓީގެ ބައެއް ރަށްތަކުގައި ބެހެއްޓި ބައެއް މޮނިއުމަންޓްތަކަކީ ޣައިރު ގާނޫނީ ތަކެތި ކަމަށާއި އެ ތަކެތި ބެހެއްޓި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހިތަދޫ ކޯޓުން ބުރާސްފަތި ދުވަހު ޕްރޮސިކިއުޓާ ޖެނެރަލްގެ މައްޗަށް އަމުރުކޮށް ހުކުމްކޮށްފި އެވެ.
ސ. ހިތަދޫ ލާމިގޭ މޫސާ އަންވަރު އެ ރަށު ކޯޓަށް ހުށަހެޅި ދައުވާއަކާ ގުޅިގެން ކުރި ހުކުމުގައި ބުނެފައި ވަނީ ސާކް ސަމިޓާ ދިމާކޮށް ހިތަދޫގައި ބެހެއްޓި ނޭޕާލް މޮނިއުމަންޓާއި މަރަދޫގައި ބެހެއްޓި ސްރީ ލަންކާ މޮނިއުމަންޓާއި މަރަދޫފޭދޫ އަވަށުގައި ބެހެއްޓި އިންޑިއާ މޮނިއުމަންޓާއި ފޭދޫގައި ބެހެއްޓި ބޫޓާން މޮނިއުމަންޓަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފު ތަކެތި ކަމަށެވެ.
މެޖިސްޓްރޭޓް އަބްދުﷲ ފާރޫގު އިބްރާހިމް ކުރެއްވި ހުކުމުގައި ވަނީ "ޣައިރު މުސްލިމުން އަޅުކަންކުރުމަށާއި އެ މީހުންގެ ދީނީ ޝިއާރު ރަމްޒުކޮށްދޭ" އެ މޮނިއުމަންޓްތައް ރާއްޖޭގައި ގެންގުޅުމަކީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނެއް މަގު ފަހިވެގެން ހިނގައިދާނެ ކަމެއްގެ ގޮތުގައި ޝަރީއަތަށް ފެންނަ ކަމަށެވެ. އެހެންވެ އެ މޮނިއުމަންޓްތައް ނައްތާލުމަށް ވެސް ކޯޓުން ވަނީ އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް ހުކުމްކޮށްފަ އެވެ.
އެ މޮނިއުމަންޓްތައް ދިވެހިރާއްޖޭގެ ހުދޫދުގެ އެއްވެސް ތަނެއްގައި ބެހެއްޓުން ވެސް މަނާކޮށް ނެރެފައިވާ ހުކުމުގައި ބުނީ އެ ތަކެއްޗަކީ ބޭރު ގައުމަކުން ހަދިޔާ އަކަށް ދިން ތަކެތި ކަމުގައި ވިޔަސް އެފަދަ އެއްޗެއް ރާއްޖެ އެތެރެކޮށް ބެހެއްޓުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ. އެހެންވެ އެ ތަކެތި ރާއްޖެ އެތެރެކޮށްފައި ވަނީ ރާއްޖެ އަށް ގެނައުން މަނާ ތަކެތީގެ ގާނޫނާ ހިލާފަށް ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
" ... އެތަކެތި ދިވެހިރާއްޖެ އަށް އެތެރެކޮށް އައްޑޫ ސިޓީގައި ބެހެއްޓުމުގައި ޒިންމާވާ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅުތައް އަޅައި އެ މީހުންގެ މައްސަލަތައް ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ މައްޗަށް އަމުރުކޮށް މި ގަޒިއްޔާ ނިންމީ އެވެ."
މި ހުކުމްކޮށްފައި ވާއިރު އައްޑޫގައި ބެހެއްޓި ހުރިހާ މޮނިއުމަންޓްތަކެއް ވަނީ މި ހަފުތާ ތެރޭގައި ނަގައިފަ އެވެ.
ސާކް ސަމިޓާ ދިމާކޮށް ސާކް ގައުމުތަކުން ބެހެއްޓި ހަތް މޮނިއުމަންޓުގެ ތެރެއިން ހަތަރު މޮނިއުމަންޓް ކައުންސިލުން ނެގި އިރު، ޕާކިސްތާން މޮނިއުމަންޓް އަންދާލައި، އެ މޮނިއުމަންޓް ވަނީ ވަގަށް ނަގައިފަ އެވެ. މީގެ އިތުރުން ހިތަދޫގައި ބެހެއްޓި މޮނިއުމަންޓް ވެސް ވަގަށް ނަގާފައިވާ އިރު އެ ރަށުގައި ހުރި އަފްޣާނިސްތާން މޮނިއުމަންޓް ވަނީ ހަލާކުކޮށްލައިފަ އެވެ. މޮނިއުމަންޓްތައް ނަގަން ކައުންސިލުން ނިންމާފައި ވަނީ މިދިޔަ ހަފުތާގައި އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގަ އެވެ.
ސާކް މޮނިއުމަންޓްތަކުގެ މައްސަލާގައި ސަރުކާރަށާއި އައްޑޫ ސިޓީ ކައުންސިލަށް އެކި ފަރާތްތަކުގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ

No comments:

Post a Comment