Saturday, January 21, 2012

އިސް ގާޒީ "ގެއްލުވާލުމުން" ސިހި ލަދުގެންފި: ނައިބު ރައީސް






ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރި މަސައްކަތުން ރައްޔިތުންނަށް ލިބިދިން އެންމެ އަގު ހުރި އިނާމަކީ ބިރުވެރިކަމުން ސަލާމަތްވެތިބުމުގެ މިނިވަންކަން ކަމަށާއި ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި ހާދިސާގެ ސަބަބުން އެ މިނިވަންކަން ގެއްލި ދިއުމުގެ ބިރު އުފެދިފައިވާ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް އެމަނިކުފާނުގެ އަމިއްލަފުޅު ބްލޮގްގައި މިއަދު ލިއުއްވާފައިވާ ގޮތުގައި އަބްދުﷲ ގާޒީގެ މައްސަލަ މުހިއްމު ވަނީ އޭނާއަކީ ގާޒީއަކަށް ވާތީ ނުވަތަ އެއީ ކްރިމިނަލް ކޯޓަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށް ވާތީ ނޫން ކަމަށެވެ. އޭނާއަކީ އެހެން ދިވެހިން ފަދައިން ދިވެހި ރައްޔިތަކަށްވާތީ ކަމަށެވެ.

އަދި ނައިބު ރައީސް މިހެން ލިޔުއްވަ އެވެ: "ބިރުވެރިކަމުން މިނިވަންވެ ތިބުމަކީ ރޭގަނޑު ދަންވަރު ނިދާފައި އޮއްވާ އެނދުމަތިން ދަމައި [ވައްޓާލައިގެން] ކޮންތަނެއްކަން ނޭނގޭ ތަނަކަށް ނުގެންދާނެ ކަން އެނގި ތިބުމެވެ. އަޅުގަނޑުމެން އެ މިނިވަންކަން އެއްވެސް މީހެއްގެ ފަރާތުން ނިގުޅައިގަންނަ ވަގުތު މިނިވަންކަން އެ ނިގުޅައިގަންނަނީ އެންމެންގެ ފަރާތުންނެވެ،" 

އެމަނިކުފާނު ލިޔުއްވާފައި ވަނީ ބިރުވެރިކަމުން ސަލާމަތްވެ ތިބުމަކީ ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަންރައިޓްސްއިން ކަށަވަރުކޮށްދީފައިވާ ކަމެއް ކަމަށާއި ބާރުގެ ބޭނުން ކޮށްގެން މީހުން ގެއްލުވާލުން މަނާކުރާ މުއާހަދާގައި ރާއްޖެ ސޮއިކޮށްފައިވާ ކަމަށެވެ.

ސިފައިން، އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި ހާދިސާއަށް އިޝާރާތް ކުރައްވާ ނައިބު ރައީސް ލިޔުއްވާފައިވަނީ ކޯޓް އަމުރަކާ ނުލައި މީހުން ހައްޔަރު ކުރުމުގެ މައްސަލަ ބައެއް ތައުލީމީ ޒުވާނުން ފަސޭހަ ގޮތަކަށް ނަގާތީ އެ މަނިކުފާނު ސިހިވަޑައިގެންފައި ހުންނެވި ކަމަށެވެ.

ލިއުއްވުން ނިންމަވާލައްވަމުން ޑރ. ވަހީދުގެ ވިދާޅުވެއެވެ: "ތިރީސް އަހަރު ވަންދެން މިގައުމުގެ މިނިވަންކަމަށް ޓަކައި ބުރަ މަސައްކަތްތައް ކުރި މީހުންގެ މަސައްކަތް ބޭކާރުވެފައިވާ ކަމަށް ހީވެ އެވެ. އަދި މިހުރިހާ ކަމެއް ހިނގަމުން މިދަނީ އެ ސަރުކާރެއްގެ ނައިބު ރައީސްކަމަށް އަޅުގަނޑު އިންތިހާބުވެފައިވާ ސަރުކާރެއްގައި ކަމަށް ވާތީ އެކަމާ މުޅިން މާޔޫސްވެ ، ލަދުގެންފި އެވެ."

No comments:

Post a Comment