ރާއްޖޭގެ ހަމަޖެހުން ނެތިގެން ހިނގައިދާނެތީ ކަންބޮޑުވާ ކަމަށް ކޮލަމްބޯގައި ހުންނަ ޖަޕާން އެމްބަސީގެ ސެކްރެޓަރީ ތަޝޭކީ އޮޒާކީ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން މައުލޫމާތު ހޯއްދެވުމަށް ވަޑައިގެންނެވި ތަޝޭކީ އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނާ އެކު މިއަދު ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ ރާއްޖެއަކީ ޖަޕާނު ޓޫރިސްޓުންގެ މަންޒިލެއް ކަމަށާއި ރާއްޖޭގައި އަބަދުވެސް ހަމަޖެހުން އޮންނަން އެދޭ ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގައި ގާނޫނާ އެއްގޮތަށް އަމަލުކުރުމާއި ދެފުށް ހާމަވާ ގޮތަށް ކަންކަން ކުރުމަކީ ޖަޕާނުން އެދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި އިދިކޮޅު ޕާޓީތަކުން ބުނީ ހަމަނުޖެހުން އުފެއްދުމަށް އިދިކޮޅު ޕާޓީތަކުން ބޭނުން ނުވާ ކަމަށާއި ހަމަނުޖެހުމަށް ހިތްވަރު ދެނީ ވެރިކަން ހިންގާ އެމްޑީޕީން ކަމަށާއި އިގްތިސާދު ހަލާކުކުރަނީ ވެސް ސަރުކާރުން ކަމަށެވެ.
ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދުގެ ނައިބު ލީޑަރު އަހުމަދު ތައުފީގު ވިދާޅުވީ އިގުތިސާދު ހަލާކުވަނީ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ މީހުންގެ ސަބަބުން ކަމަށް ސަރުކާރުން ބުންޏަސް "ހަގީގަތަކީ ސަރުކާރުގެ ރޭވުމެއް ނެތުން" ކަމަށެވެ.
ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަހްމަދު މުހައްމަދު ވެސް ވިދާޅުވީ އިގުތިސާދު ހަލާކުވަނީ ސަރުކާރުގެ ސަބަބުން ކަމަށާއި ދުނިޔޭގެ އެހެން ގައުމެއްގައި ބަޖެޓުގެ ދަރަނި މައްޗަށް ނުދާހާ ބޮޑަށް ރާއްޖޭގައި ބަޖެޓުގެ ދަރަނި މައްޗަށް ގޮސްފައިވާ ކަމަށެވެ.
އެމްޑީޕީގެ ސަރުކާރަކީ ގާނޫނަށް ކިޔަމަންތެރިވާ ސަރުކާރެއް ނޫން ކަމަށާއި އެކަން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުން ފެނިގެންގޮސްފައިވާ ކަމަށް ޕާޓީތަކުން ބުންޏެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ފުއާދު ގާސިމް ވިދާޅުވީ މިހާރު އިދިކޮޅުގައި ތިބި ގިނަ ޕާޓީތަކަކީ ކުރިން ސަރުކާރު ކޯލިޝަނުގައި ހިމެނުނު ޕާޓީތައް ކަމަށާއި "ނަމަވެސް އެންމެން ވަކިވީ ސަރުކާރުން ގާނޫނަށް ބޯ ނުލަނބާތީ" ކަމަށެވެ.
މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ ޕޮލިޓިކަލް ސެކްރެޓަރީ އަހްމަދު ޝަމީމް ވިދާޅުވީ ހަރުކަށިކަމަށް ގޮވާލަނީ އިދިކޮޅު ފަރާތްތަކުން ނޫން ކަމަށާއި ގާނޫނާ ހިލާފު ވަނީ ވެސް އިދިކޮޅު ފަރާތްތަކުން ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދެނީ އެމްޑީޕީންނެވެ.
No comments:
Post a Comment