Thursday, January 19, 2012

ގާނޫނުގެ އަތް ވާވެ، އަސްކަރިއްޔާގެ އަތް ގަދަވެފައި!




ދިވެހި އަސްކަރިއްޔާ އިން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހަންމަދު (އަބްދުﷲ ގާޒީ)ގެ ގެޔަށް ރޭގަނޑު ވަދެ "ލުހެލައިގެން" ގާޒީ ގެންދިޔަ ހިސާބުން "ފެހި ގާނޫނު އަސާސީ"ގެ ބާރުކެނޑި، ދުސްތޫރީ ހުސްކަމަކަށް ރާއްޖެ އަށް އަތުވެއްޖެ ކަމަށް އިސް ގާނޫނީ ވަކީލުން ވިދާޅުވާން ފަށައިފި އެވެ. އެންމެ ފަހު ބަސް ބުނާ ސުޕްރީމް ކޯޓުން އަސްކަރިއްޔާގެ މައްޗަށް އަމުރު ނެރެ އިސް ގާޒީ ވަގުތުން ދޫކޮށްލަން ކުރި އަމުރު އަސްކަރިއްޔާ އިން ވަނީ ބޮލާލާ ޖަހައިފަ އެވެ. އެއާ އެކު ކަންބޮޑުވުން އިތުރުވެއްޖެ އެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ނުވިސްނުނަސް ރާއްޖެ މިވަގުތު އޮތީ ގަރަނބުވެފައިވާ، ވާނުވާ ނޭނގޭ މައްސަލަ ގަނޑެއްގެތެރެއަށް ވެއްޓިފަ އެވެ.

"ގާނޫނީ ވަކީލުން މި މައްސަލައިގައި ތެދުވީ ވަކި ފަނޑިޔާރެއްގެ ދިފާއުގައެއް ނޫން. މުޅި ޝަރުއީ ނިޒާމުގެ ދިފާއުގަ އާއި ގާނޫނު އަސާސީ ނެގެހެއްޓުމަށް. އޭނާ [އަބްދުﷲ ގާޒީ]ގެ ހައްގު އެކަންޏެއް ނޫން އެ ގެއްލުނީ. އާންމު ފަރުދުންގެ ހައްގުތައް ވެސް އެ ގެއްލުނީ. ފަރުދުންގެ ހިތަށް ވެސް ބިރުވެރިކަން ވަންނާނެ. މިހާރު ވެސް ބަންދުކޮށްގެން ގެންގޮސްދާނެކަމުގެ ބިރު އޮވެދާނެ. ހިމާޔަތް ލިބޭނެ ކަމުގެ ޔަގީންކަން ވެސް ނެތް،" ރައްޔިތުން ހާއްސަ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ޝާހީން ހަމީދު ވިދާޅުވި އެވެ. 

ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާއި މިނިވަންކަމުގެ ރައްކާތެރިކަން ނެތް އިރު އަސްކަރިއްޔާ އިން ހިތުހުރި ގޮތަކަށް އަމަލުކުރުމުން މުޅި ނިޒާމު ވަނީ އޮޅުންބޮޅުންވެފަ އެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވިދާޅުވާ ގޮތުން މިއީ ގައުމެއްގެ ހަޔާތުގައި އަންނާނެ އެންމެ ބަނަ އަދި އަނދިރި ދަނޑިވަޅެވެ. އުއްތަމަ ފަޑިޔާރު ވިދާޅުވާ ގޮތުން އަސްކަރިއްޔާ އިން އަރައިގަތީ މިނިވަން ޖުޑިޝިއަރީގެ އިމުގެ ތެރެއަށެވެ. 

"ފަޑިޔާރުންގެ މަސައްކަތަށް އަމިއްލަ ފަރުދަކުވިޔަސް އަދި ދައުލަތުގެ މުއައްސަސާއަކުން ވިޔަސް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވާ ހެދުމަކީ ގާނޫނު އަސާސީން މަނާކޮށްފައިވާ ކަމެކެވެ،" އިސް ގާޒީ ހައްޔަރުކުރުމުން ފާއިޒް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ. "ކޯޓުތަކާއި ފަނޑިޔާރުންގެ ހުރުމަތް ރައްކާކޮށް ދިނުމާއި ފަޑިޔާރުންގެ މިނިވަންކަން ގެރެންޓީކޮށް ދިނުމަކީ ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ މައްޗަށްވާ ބޮޑު ޒިންމާއެއް ކަމަށް ގާނޫނުގައި ވަނީ ކަޑައެޅިފަ އެވެ،" 

އަސްކަރިއްޔާގެ އަމަލުތައް ހުރީ އިދިކީއްޔަށެވެ. ބިރުވެރިކަން އުފެދޭ ގޮތަށް ފުރިހަމަ ބާރުގައި ފަނޑިޔާރެއްގެ ގެއަށް ވަދެގަނެ ގާޒީއެއް "ޖަހައިގަނެގެން" ގެންދިޔަތާ 72 ގަޑިއިރު ވާން ކައިރިވާ އިރު ވެސް އޭނާ ގެންދިޔަ މައްސަލައެއް އަދި ހުރިތަނެއްވެސް ބުނެފައެއްނުވެ އެވެ. ރެއާ ހަމައަށްވެސް އިވުނީ ތުންތުން މަތިން ދެކެވޭ ވާހަކަ އެވެ. އަސްކަރިއްޔާ އިން ގާޒީ ގެންދިޔަ ތަނެއްވެސް އާންމުކުރީ ގެއްލިގެން ހޯދާ މީހަކު ފަދައިން އާއިލާ އިން ހޯދާ އާދޭސް ކޮށްގެންނެވެ. އެތައް ބަޔަކު ކޮންމެރައަކު ނުކުމެ މުޒާހާރަކޮށްގެނެވެ. ހެދުން ބަދަލު ކުރުމަށް ހެދުމެއް ފޮނުވާނެތޯ އާއިލާ ކުރެ އަހާލީ ވެސް 48 ހަޑި އިރު ފަހުންނެވެ. 

އަސްކަރިއްޔާގެ އަމަލުތައް ދިފާއު ކުރައްވައި ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ގައުމީ ޓީވީ އެމްއެންބީސީ މެދުވެރިކުރައްވައި ވިދާޅު ވަނީ އަސްކަރިއްޔާގެ އަމަލުކުރަނީ ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމްކުރުމަށް ކަމަށާއި އަބްދުﷲ ގާޒީ މަގާމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރައްވާތީ ގައުމުގެ އަމަން އަމާން ކަން ދެމެހެއްޓުމަށް ބުރޫއަރާ ކަމަށެވެ. 

"މިގޮތުގެ މަތިން ސިފައިން ޢަމަލުކުރުމުގައި، ސިފައިންނަށް، ފުލުހުންނަށާއި ޤާނޫނު ތަންފީޒުކުރާ އެހެން ފަރާތްތަކަށް ލިބިދީފައިވާ ހުރިހާ ޤާނޫނީ ބާރެއް، ސިފައިންގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ)ގެ ދަށުން ލިބިގެންވާތީވެ، ސިފައިން އެގޮތުގެ މަތިން ޢަމަލުކުރަމުންގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން މީޑިޔާ އަށް ވެސް ހަރުކަށި އިންޒާރެއް ދެއްވި މިނިސްޓަރު ތޮލްހަތުގެ ވާހަކައިގައި ވެސް ރިއާޔަތް ކުރެއްވީ ގާނޫނު އަސާސީން ބާރުލިބޭ "ސިފައިންގެ ގާނޫނަ" ށެވެ. ގާނޫނު އަސާސީގައި އަށް ވަނަ މާއްދާގައި ބުނެ އެވެ: "ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަން ވާނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިންނެވެ." 

ސަރުކާރުން ތުހުމަތު ކުރާ ގޮތަށް އަބްދުﷲ ގާޒީ ރިޝްވަތު ހިތްޕަވާނަމަ އެކަން ތަހުގީގު ކުރެވޭނެ ގޮތްތަކެއްވެ އެވެ. އަސްކަރިއްޔާ އިން ވެސް ގޮށްމުށުގެ ބާރުން އެއްކިބާވެ، ގާނޫނީ ތަރަހައިގެން ތެރެއިން ގާޒީގެ މައްސަލަ ތަހުގީގު ކުރެވޭނެ ގޮތް ސުޕްރީމް ކޯޓުން ވަނީ ސާފުކޮށްދީފަ އެވެ. 

އަބްދުﷲ ގާޒީ ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެ އެވެ: "އެ ގާނޫނު [ފަޑިޔާރުންގެ ގާނޫނު]ގެ 12 ވަނަ މާއްދާގެ (ހ)ގައި ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހާލަތެއްގައި ނޫނީ ފަނޑިޔާރަކު ޖިނާއީ ކުށެއް ކޮށްފިކަމަށް ތުހުމަތު ކުރެވިގެން ނުވަތަ އެ ނޫން ވެސް ހާލަތެއްގައި ޖިނާއީ ކުށެއް ކޮށްފި ކަމަށް ތުހުމަތު ކުރެވިގެން ފަނޑިޔާރަކު ހައްޔަރުކުރަން ވާނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށް ވުރެ މަތީ ކޯޓެއްގެ އަމުރަށް ކަމަށާއި އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލަ ތަހްގީގުކުރާ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލަށް ހުށަހެޅުމުން އެކަމަށް އެކަށީގެންވާ ކަމެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ފެންނަ ނަމަ ޕްރޮސިކިއުޓާ ޖެނެރަލް،" ކަމަށެވެ. 

ނަމަވެސް ގާނޫނުގައި ބުނައި އެއްވެސް މަރުހަލާއެއް، ސަރުކާރުން އަދި އަސްކަރިއްޔާއަކުން ފުރިހަމަ ކޮށްފައެއްނުވެ އެވެ. އެންމެ ކުޑަމިނުން އަސްކަރިއްޔާގެ މައްޗަށް ގާނޫނު ތަންފީޒު ކުރުމުގެ އެންމެ މަތީ ބާރުން ކުރި އަމުރަށް ވެސް ތަބައެއް ނުވެ އެވެ. ސާފު މައްސަލައެއްގައި އަސްކަރިއްޔާ އިން ބޮޑު ޖަރީމާއެއް ހިންގާފައިވާ ކަމަށް ޝަރުއީ ދާއިރާ އިން މިއަދު ވަނީ ހެކިވެފަ އެވެ. 

"އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ކޯޓުގެ އަމުރެއް ނެތި. އެއީ ސިފައިންނަށް ލިބިދޭ ބާރެއް ނޫން. އެކަމާބެހޭ ގޮތުން ދެއްކޭނެ އެއްވެސް ހުއްޖަތެއް ނެތް. ސިފައިން ވެސް މަސްއޫލިއްޔަތު އަދާކުރަން ވާނީ ފުލުހުންނަށް ލިބިގެންވާ ބާރުތަކުގެ ތެރެއިން. ސިފައިންނަށް އެއްވެސް ހާލަތެއްގައި ފުލުހުންނަށް ނުލިބޭ ބާރެއް މި ހާލަތުގައި ވެސް ލިބިފައެއް ނޯންނާނެ،" ގާނޫނީ ވަކީލް މުހައްމަދު އަނިލް ވިދާޅުވި އެވެ. 

ރިޔާސީ ނިޒާމެއްގައި ބާރުތައް ވަކި ކުރެވި މެންޑޭންޓްތަކެއް ދެވިފައި ވަނީ އެއްބާރުން އަނެއްބާރަށް ބާރު ނުފޯރުވޭނެ ގޮތަށެވެ. އެ މަފްހޫމް ސާފުކޮށްދެއްވަމުން އުއްތަމަ ފަނޑިޔާރު ފާއިޒު ވިދާޅުވަނީ "ދައުލަތުގެ މުއައްސަސާތަކަށް ލިބިދީފައިވާ ގާނޫނީ ބާރުތަކާއި އިހްތިޔާރުތައް ބޭނުން ކުރެއްވުމުގައި އެހެން މުއައްސަސާތަކަށް އިހްތިރާމް ކުރައްވާ، މުއައްސަސާތަކުގެ ގާނޫނީ ހައިބަތަށް ލޮޅުން އަރާގޮތަށް އަމަލުކޮށްގެން ނުވާނެ" ކަމަށެވެ. 

ގާނޫނު އަސާސީގެ މުހިންމު އަސާސްތައް ދިވެހިންނަށް ގެއްލެމުންދާ އިރު މިކަންކަން ހަމަ މަގަށް އެޅުވުމަށް އޮތީ ގާނޫނާ ހިލާފުވި އަސްކަރިއްޔާގެ މައްޗަށް ފިޔަވަޅު އެޅުން ކަމަށް އިސް ވަކީލުން ދެކިލައްވަ އެވެ. އެކަމަށް އެބޭފުޅުން ގެންދަނީ ވަކާލާތު ކުރައްވަމުންނެވެ. 

"މިކަމުގައި އަޅުގަނޑުމެން ދެކޭ ގޮތުގައި މިހާރު އިސް ގާޒީ ދޫކޮށްލުމަކުން މައްސަލަ ހައްލު ނުވާނެ. އެ ފިޔަވަޅު އެއޮތީ އަޅާފައި، އެ ބިރު އެއޮތީ ދައްކާފައި، ދެން އެބިރުގެ މަތީގައި ދެން ތިބި ފަނޑިޔާރުން ތިއްބެވީ. އެހެންވީމާ މިހާރު އޮތް ހައްލަކީ މަތީ ކޯޓަކުން، ހައި ކޯޓުން ނުވަތަ ސުޕްރީމް ކޯޓުން ވިޔަސް އެކަމާ އެކަށީގެންވާ ފިޔަވަޅެއް އެޅުން. ގާނޫނު އަސާސީއާ ހިލާފަށް އަމަލުކުރެއްވި ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅު އެޅުން،" އިސް ވަކީލުންގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ޝާހީން ވިދާޅުވި އެވެ.

ނަމަވެސް އެއީވެސް ވާނެ ކަމެއް ކަމާމެދު އެބޭފުޅުން ވެސް ޝައްކު ކުރައްވަ އެވެ. 

"ގާނޫނު ތަންފީޒުކުރަން ތިބި ފަރާތްތަކުން އެގޮތަށް އަމަލުކުރަން ޖެހޭ. ދުސްތޫރީ ނިޒާމު އެކަހެރިކޮށްލާފައި ދެންވެސް ކުރިއަށް އޮތް ތާނގައި މަސައްކަތްކުރަން ތިބެއްޖެއްޔާ އަޅުގަނޑުމެންނަށް މިކަން ރަނގަޅު ކުރެވޭކަށް ނެތް،" ޝާހީން އިތުރަށް ވިދާޅުވި އެވެ. 

ސަރުކާރުން ބޭނުން ކަމެއް ކުރުމުގައި އަސްކަރިއްޔާގެ ބާރު ފިސާރި ރަނގަޅަށް ދައްކާލުމުން އެންމެން ވެސް މިތިބީ "ސިހި ސިހި" އެވެ. ގާނޫނަށް ކުރެވޭ އިހުތިރާމެއް ނެތި "ހިތައް އަރާ ގޮތަކީ" ގާނޫނު ކަމަށް ވަނީ ވެފަ އެވެ. ގެދޮރުގެ ރައްކާތެރިކަމާއި ގާނޫނޫން ލިބިދޭ ފަރުދީ އަދި މުޖުތަމައުގެ ހައްގުތަކާއި ރައްކާތެރިކަމުގައި ވަނީ ފުލްސްޓޮޕް ޖެހިފަ އެވެ. ގާނޫނުގެ އަތް "ވާވެ" ފައިވާތީ އެވެ. އަސްކަރިއްޔާގެ "އަތުގައި" ވާގި ޖެހިފައިވާތީ އެވެ.

No comments:

Post a Comment