Thursday, January 19, 2012

ސާކްގެ ޗާޓަރާ ސެކްރެޓަރީ ޖެނެރަލް ހިލާފުވެއްޖެ ކަމަށް ސަރުކާރުން ބުނެފި





ސަރައްހައްދީ ޖަމިއްޔާ، ސާކްގެ ސެކްރެޓަރީ ޖެނެރަލް ދިޔާނާ ސައީދު ސާކްގެ ޗާޓަރާ ހިލާފުވެފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ދެންމެ ވިދާޅުވީ ސާކް ޗާޓަރު ބުނާ ގޮތުން ސާކްގެ އެއްވެސް ގައުމެއްގެ ދާހިލީ ކަންކަމާ ސެކްރެޓަރީ ޖެނެރަލް އަށް ބެހިވަޑައި ނުގެންނެވޭނެ ކަމަށާއި އަދި އެކަމަނާގެ ގައުމުގެ ދާހިލީ ކަންކަމާ ވެސް ބަސްފުޅު ވިދާޅު ނުވެވޭނެ ކަމަށާއި އެއީ ސާކްގެ ޗާޓަރާ ހިލާފު ކަމެއް ކަމަށެވެ. 

ދިޔާނާ ވިދާޅުވީ އެކަމަނާ ސާކްގެ ޗާޓަރާ ހިލާފުވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 

ނަމަވެސް ރާއްޖޭގެ ސީނިއާ ލީގަލް ޓީމުން އިއްޔެ ހަވީރު ވީޓީވީގައި އޮތް ޕްރެސްކޮންފަރެއްސެއްގައި ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވީ ސަރުކާރުން ގާނޫނުތަކާއި ކޯޓުތަކުގެ އަމުރުތަކަށް ތަބާނުވާ ނަމަ އެކަން ހައްލުކުރަން ޖެހޭނީ ރައްޔިތުން ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ގާނޫނު އަސާސީ އާއި ގާނޫނުތަކުން އަމަލުކުރާނީ ބޭނުން މާއްދާ އަކަށް އަމަލުކޮށްފައި ބޭނުން ބަޔަކަށް އަމަލު ކުރާ ގޮތަށް ނޫން ކަމަށަށެވެ. 

"މިއީކީ ޕިކްއެންޑް ޗޫސްކުރެއްވޭނެ ]ބޭނުން ބައެއް ނަގާފައި، ބޭނުން ބައެއް ދޫކޮށްލާ ގޮތަށް އޮންނަ[ ކަންތައްތަކެއް ނޫން. ތިމަންނަމެން އަމަލުކުރާނީ މިވެނި މާއްދާއަކަށޭ. މިވެނިމާއްދާއަކީ ތިމަންނަމެންނަށް އޮތް އެއްޗެއް ނޫނޭ، މިހެން ބުނުމުގެ ބާރު ސަރުކާރަށް ވެސް ނޯންނާނެ. ގާނޫނު އަސާސީ އާއި ގާނޫނުތަކަށް އަޅުގަނޑުމެން ތަބާވާން ޖެހެނީކީ އަޅުގަނޑުމެން ހިތަށް އެރިއްޔާ ބޭނުން އިރަކުއެއް ނޫން. ކޮންމެ ވަގުތަކު ވެސް ޖެހޭނެ ގާނޫނަށް އަމަލުކުރަން،" ދިޔާނާ ވިދާޅުވި އެވެ.

މި ސަރުކާރުގެ ކުރީ ކޮޅު ބަންޑާރަނައިބުކަން ކުރެއްވުމަށް ފަހު، ރައީސް ނަޝީދާ ހިޔާލުތަފާތުވުންތަކެއް ކުރިމަތިވެގެން ވަކިކުރެއްވި ދިޔާނާ ވިދާޅުވީ ގާނޫނާ ޚިލާފަށް އަމަލުކުރުމުން އެބަޔަކު އެ އަމަލު ކުރަނީ ގާނޫނާ ޚިލާފަށް ކަނޑައަޅާނީ ކޯޓުތަކުގެ ފަނޑިޔާރުން ކަމަށާއި ކޯޓުތަކުން ކުރާ އަމުރުތަކަށް ތަބާނުވާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

No comments:

Post a Comment