Saturday, January 21, 2012

ކޯޓު އަމުރަކާ ސަރުކާރުން ޚިލާފުވެފައެއް ނޯންނާނެ: ޒުހައިރު


21 ޖެނުއަރީ 2012




ކޯޓު އަމުރަކާ ސަރުކާރުން ޚިލާފުވެފައިވާ ކަމަށް އެއްވެސް ފަރާތަކުން ވިދާޅުވާ ނަމަ އެއީ "ވާދަވެރިކަމުގެ އޮޅިވަޑައިގަތުމެއް" ކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވެއްޖެ އެވެ.
މިވަގުތު ސްރީ ލަންކާގައި ހުންނެވި ޒުހައިރު މިހެން ވިދާޅުވީ ސިފައިން މިހާރު ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ދޫކޮށްލުމަށާއި އަދި ސުޕްރީމް ކޯޓުގެ އަމުރުތަކަށް ހުރިހާ ފަރާތްތަކުން ވެސް ކިޔަމަންވާން ޖެހޭނެ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެފައި ވަނިކޮށެވެ.
ޒުހައިރު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން އަމުރު ނެރެފައި ވަނީ އެ މައްސަލައިގެ ޚަސްމަކަށް ސަރުކާރު ވާހިނދު ސަރުކާރު ނުހިމަނަ އެވެ. އަދި އަބްދުﷲ ގާޒީ ދޫކޮށްލަން ސުޕްރީމް ކޯޓުގެ އަމުރުގައި އޮތަސް ޒުހައިރުގެ ބަހުން ނަމަ އެއީ "އާންމު އަމުރެކެ"ވެ.
"އެ އަމުރުގައި ވަކި ފަރުދެއްގެ ނަން އޮތަސް އެއީ ކޮންމެހެން އެބޭފުޅާ އަކީ އެބޭފުޅާކަމުގައި [އަބްދުﷲ ގާޒީ އަށް] ވާތީ ހިމަނުއްވާފައިވާ ނަމެއް ނޫން،" ޒުހައިރު ވިދާޅުވި އެވެ. "އެއީ މުޅި ދައުލަތަށް އާންމު އަމުރެއްގެ ގޮތުގައި ނެރުއްވާފައިވާ އަމުރެއްކަމުން އެވިދާޅުވަނީ އަމުރުގައި ބަޔާންކުރައްވާފައިވާ ފަދަ ހާލަތްތަކާއި މޭރުންތަކާއި ގޮތްތަކުގެ މަތިން ހައްޔަރުކޮށްފައިވާ މީހަކު ހުރި ނަމަ ދޫކޮށްލަންކަން އެނގޭ."
އަބްދުﷲ ގާޒީ ހައްޔަރުކުރުމާ އެކު ސުޕްރީމް ކޯޓުން ވަނީ އޭނާ ވަގުތުން ދޫކޮށްލަން އަމުރުކޮށްފަ އެވެ. އެކަމަކު ޒުހައިރު ވިދާޅުވީ އެ އަމުރުގައި ބަޔާންކޮށްފައި ހުރި "ގޮތްތަކުގެ މަތިން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުހުންނާނެ" ކަމަށެވެ.
"އެހެންކަމުން ކޯޓު އަމުރަކާ ސަރުކާރުން ޚިލާފުވެފައިވާ ކަމަށް އެއްވެސް ފަރާތަކުން ފާހަގަކުރައްވާފައިވާ ނަމަ އެއީ ވާދަވެރިކަމުގެ އޮޅިވަޑައިގަތުމެއް،" ޒުހައިރު ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވީ އެއްވެސް މީހަކު ހައްޔަރުކޮށްގެން އެއްވެސް އާއިލާއަކަށް "ގިލަންވެރިކަމެއް ލިބުމަކީ މި ސަރުކާރުގެ ސިޔާސަތެއް" ނޫން ކަމަށެވެ.
ނައިބު ރައީސް އެސޯސިއޭޓެޑް ޕްރެސްއާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ޝަރުއީ ކަންކަމުގައި އެމަނިކުފާނާއި ރައީސް މުހައްމަދު ނަޝީދާ ޚިޔާލު ތަފާތުވުންތަކެއް ހުރި ކަމަށެވެ. އެކަމަކު އެ ތަފާތުތަކާ އެކު ވެސް ދެ ބޭފުޅުންނަށް އެކުގައި މަސައްކަތްކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ.
ހުކުރުދުވަހުގެ ރޭ އޮތް ކްލީކް ކޮލެޖްގެ ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވެފައި ވަނީ އުއްތަމަފަނޑިޔާރަކީ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ވެރިޔާ ކަމަށެވެ.
"އެހެންވެ ޖުޑީޝަރީއާ ބެހޭ މައްސަލަތަކުގައި އުއްތަމަ ފަނޑިޔާރު ނިންމަވާ ނިންމެވުންތަކަށް އެހެން މީހުން ބޯލަނބަން ޖެހޭނެ. އުއްތަމަ ފަނޑިޔާރުގެ ގަދަރު ކަނޑުވާލުމަކީ އަދުލު އިންސާފުގެ ބިންގާ ފުނޑުފުނޑު ކޮށްލުން،" ޑރ. ވަހީދު ވިދާޅުވި އެވެ.

No comments:

Post a Comment