Thursday, January 19, 2012

ބްރޯޑްކާސްޓިން މީޑިއާގެ ފްރެކުއެންސީ ހިފަހައްޓަން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރުންދީފި




ބްރޯޑްކާސްޓިން މީޑިއާ އިން ދޮގު ހަބަރު ފަތުރާ ކަމަށް ބުނެ، އެކަން ބްރޯޑްކާސްޓިން ކޮމިޝަނަށް ރެގިއުލޭޓް ނުކުރެވޭ ނަމަ، ބްރޮޑްކާސްޓް މީޑިއާތަކަށް ދޫކޮށްފައި ހުރި ފްރެކްއުންސީ ނުވަތަ ހުއްދަ ހިފަހައްޓަން ޖެހިދާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު އާދިލް ސަލީމް މިއަދު ދެއްވައިފި އެވެ. 

ޓްރާންސްޕޯޓް މިނިސްޓަރު އެ އިންޒާރު ދެއްވީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް ބަދުރުއް ނަސީރާއި އެ ކޮމިޝަންގެ ނައިބު ރައީސް މުހަންމަދު ޝަހީބާއި ޓްރާންސްޕޯޓް މިނިސްޓްރީގައި، މީޑިއާގެ ކުރިމަތީގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. 

ގާތްގަނޑަކަށް 30 ވަރަކަށް މިނެޓަށް ކުރިއަށް ދިޔަ ބައްދަލުވުމުގައި އާދިލް ވިދާޅުވީ ރެއާއި އިއްޔެ ރޭ ބައެއް ޓީވީ ސްޓޭޝަންތަކުން ލައިވް ވީޑިއޯތަކެއް ކަމަށް ބުނެ ރެކޯޑިން ވީޑިއޯތަކެއް ދައްކާފައިވާ ކަމަށާއި ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުންނަށް ދަންފަޅި ބަހައިގެން ޓީވީތަކާއި ރޭޑިއޯތައް މޮނީޓާ ކުރެވެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ބަޖެޓާއި މުވައްޒިފުންގެ ދަތިތަކާ ހުރެ ބުރޯޑްކާސްޓިން ކޮމިޝަނަށް ބްރޮޑްކާސްޓް މީޑިއާ ރެކިއުލޭޓް ނުކުރެވޭ ނަމަ ސަރުކާރަށް އެކަން ކުރެވޭނެ ގޮތެއް ފެންނަންދެން ބްރާޑްކާސްޓިން މީޑިޔާތަކަށް ދޫކޮށްފައި ހުރި ފްރެކްއެންސީ ނުވަތަ ހުއްދަ ހިފަހައްޓަން ގަސްތުކުރާ ކަމަށެވެ. 

"މީޑިޔާ އިން އެ ޒިންމާ އަދާނުކޮށް ގާނޫނުގެ އަމަލުތައް ކުރާ އިރު އެ މީހުންގެ މަތިން އެކަން ބައްލަވަން ތިބި ފަރާތްތަކަކީ ތިޔަ ބޭފުޅުން ކަމަށްވާ އިރު ތިޔަ ބޭފުޅުން ވެސް އެކަން ކުރެއްވުމުގައި ނުކުޅެދިއްޖެ ކަމަށްވަންޏާ ދެން އަޅުގަނޑު ކުރަންޖެހޭ ކަމަކީ، އަޅުގަނޑުގެ ޒިންމާ އަދާކުރުމަށް ޓަކައި ކުރަން ޖެހޭ ކަމަކީ، ބްރޯޑްކާސްޓް ކުރުމަށް ޓެލެކާސްޓް ކުރުމަށް ކޮމިޔުނިކޭޝަން އޮތޯރިޓީ [ކޭމް] އިން ދޫކޮށްފައި ހުރި ހުއްދަ ނުވަތަ ފުރެކުއެންސީ ޒިންމާދާރު ގޮތެއްގައި މިކަން ކުރެވޭނެ ގޮތެއް މި ދައުލަތަށް ފެންނަންދެން ހިފަހައްޓަން ކޭމް އަށް އަންގަން ވަޒީރު ގަސްތު ކުރަމެވެ،" އާދިލް ވިދާޅުވި އެވެ. "އެ ހާލަތްތަށް އަޔަ ނުދީ މީޑިޔާ ކޮމިޝަނުން މީޑިޔާ ރައްކާތެރި ކުރުމަށްޓަކައި ތިޔަ ކުރައްވާ މަސައްކަތަށް އަޅުގަނޑު ވެސް ތަރުހީބު ދޭތީ، ތިޔަ ބޭފުޅުން މިހާރަށް ވުރެ ވެސް ބޮޑަށް ސަމާލުވެ ވަޑައިގަތް ބައްލަވައި ދެއްވުމަކީ ވަރަށް ބޮޑު އެދުމެއް." 

އެ ވާހަކައަށް ރައްދުދެއްވައި ކޮމިޝަންގެ ރައީސް ބަދުރުއްނަސީރު ވިދާޅުވީ އެ ކޮމިޝަންގެ ގާބިލްކަން ހުރި މިންވަރަކުން ގާނޫނީ ވާޖިބު އަދާކުރައްވަމުން ގެންދަވާ ކަމަށާއި ބްރޯޑްކާސްޓިން ކޮމިޝަން ފެއިލްވީ ކަމަށް މިނިސްޓްރީން ކަނޑައަޅުއްވާނީ ކިހާ ހިސާބަކުން ކަން ސާފުނުވެ ކުއްލިއަކަށް ސްޓޭޝަނެއް ބަންދުކުރައްވަފާނެތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. 

"ގާނޫނުގައި ވަރަށް ރަނގަޅަށް ކަނޑައެޅިފައި އެބަ އޮވޭ ކަންތައްތައް ކުރަންވާ ގޮތާއި އެ ހުރިހާ ކަމެއް ވެސް. މިނިސްޓަރު ނިއްމާލައްވަމުން ތިޔަ ވިދާޅުވި ވާހަކަ ވަރަށް ހިތާމަވެރި ވާހަކައެއް. އެއީ އަޅުގަނޑުމެންނަށް ނުކުރެވޭ ހާލަތް ޑިފައިން ކުރާނީ ކިހާ ހިސާބަކުންތޯ އަޅުގަނޑު މެންނަކަށް ނޭނގޭ. އެހެން ޑިފައިން ކުރައްވާފައި ދެން ކުއްލިއަކަށް ޗެނަލެއް ބަންދުކުރައްވަން އަންގަވާނެ ގޮތެއް އަޅުގަނޑަކަށް ތިޔަ ވިދާޅުވި އެއްޗަކުން ނޭނގުނު. އެގޮތަށް ވިދާޅުވީތީ އަޅުގަނޑު ހިތާމަ ކުރަން،" ބަދުރު ވިދާޅުވި އެވެ. 

ނައިބު ރައީސް ޝަހީބު ވިދާޅުވީ ލައިވް ވީޑިއޯތަކެއް ކަމަށް ބުނެ ރެކޯޑިން ވީޑިއޯ ދެއްކި ކަމުގެ ޝަކުވާ އެ ކޮމިޝަނަށް އަދި ލިބިފައި ނުވާ ކަމަށާއި ފްރެކިއުއެންސީތައް މެނޭޖްކުރުމުގެ ބާރު ގާނޫނުން ލިބި ދެނީ އެ ކޮމިޝަނަށް ކަމަށެވެ. އަދި އެކަން ބަލައި އަޅަން ޖެހޭނެ ފިޔަވަޅުތަކެއް އަޅާނީ އެ ކޮމިޝަނުން ކަމަށާއި އެއީ ކޭމްގެ ޒިންމާއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަށް އެކަން އެނގިއްޖިއްޔާ އަޅުގަނޑުމެން އެކަން ބަލާނަން. އެ ފުރުސަތު އަޅުގަނޑުމެންނަށް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ. އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެންނަށް އެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް. އަޅުގަނޑުމެންގެ މަސްއޫލިއްޔަތު އަދާކުރުމުގެ މިނިވަންކަން ވެސް އޮންނަން ޖެހޭނެ ކަމަށް. ބްރޯޑްކާސްޓަރުންނާ ދޭތެރޭ ފިޔަވަޅު އެޅުން މި އޮތީ ގާނޫނުން އަޅުގަނޑުމެންނާ. އެއީ ކޭމް އިން ބޭނުއްވެއްޖެ ހިދެއްގައި ގެންދެވޭނެ އެއްޗެއް ކަމަށް ގަބޫލެއް ނުކުރަން،" ޝަހީބު ވިދާޅުވި އެވެ. 

އެ ވާހަކަތަކަށް މިނިސްޓަރު ވިދާޅުވީ ތަޣައްޔަރުކޮށްގެން ދޮގު ހަބަރު ފަތުރަން އެއްވެސް ބްރޮޑްކާސްޓަރަކަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އެކަމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަކީ އެ މަނިކުފާނުގެ ޒިންމާއެއް ކަމަށެވެ. 

"އަޅުގަނޑު ވެސް ތާއީދު ކުރަން އެ ހިނގި ކަމެއް ހާމަކަން ގޮތެއްގައި ގެނެސްދޭން. އެކަމުގައި އަޅުގަނޑު ވެސް މި ހުރީ ތިޔަ ބޭފުޅުންނާއި ކޮޑާ ކޮޑު ޖައްސައިގެން. އެކަމަކު މުޒާހަރާގައި މީހުން މަދުވީމާ ވެސް ލައިވް ކަމަށް ބުނެ ކުރީގެ ވީޑިއޯތަކެއް ތަޣައްޔަރުކޮށްގެން ދެއްކީމާ އެކަމެއް ގަބޫލެއް ނުކުރެވޭނެ. އެކަން އެ ގޮތަށް ވަންޏާ އަޅުގަނޑަށް ޖެހޭނީ ދެން ފިޔަވަޅު އަޅަން،" އާދިލް ވިދާޅުވި އެވެ.

ނިންމާލައްވަމުން ބަދުރު ވިދާޅުވީ ކޮމިޝަންއަކީ މިނިވަން މުއައްސަސާއެއް ކަމަށާއި އެ މުއައްސަސާ އިން އަމަލުކުރާނީ ގާނޫނުގެ ތެރެއިން ކަމަށެވެ. 

"އަޅުގަނޑުމެންނަކަށް ހަމަ އެއް ދުވަހުގެ ތެރޭގައި ގޮސް ސްޓޭޝަނެއް ބަންދެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ ގާނޫނެއް އެބަ އޮވޭ. އެއަށް އަޅުގަނޑުމެން ފޮލޯ ކުރާނީ. އަޅުގަނޑުމެންގެ ޖާނު ހޭދަކޮށްލައިގެން ވެސް." ބަދުރު ވިދާޅުވި އެވެ. 
ބްރޯޑްކާސްޓް ކުރުމުގެ ގާނޫނު ބުނާ ގޮތުން ބްރޮޑްކާސްޓިން ކޮމިޝަނަކީ ބްރޮޑްކާސްޓް މީޑިޔާއަށް ދޫކޮށްފައިވާ ފްރެކުއެންސީތަކާއި އަދި ބްރޮޑްކާސްޓް މީޑިޔާގެ ކަންކަން ރެގިއުލޭޓްކޮށް މެނޭޖް ކުރުމުގެ ބާރާއި ބަލަދުވެރި ފަރާތެވެ.

No comments:

Post a Comment