Wednesday, January 18, 2012

ޑރ. މުހައްމަދު ޖަމީލް ހަފުތާއެއް ތެރޭ މި ހަވާލުވެވުނީ ހަތަރުވަނަ ޗިޓާ: ޑރ. ޖަމީލް

  • ޑރ. ޖަމީލް މިއަދު ފުލުހުންގެ ޗިޓާ ހަވާލުވަނީ: އޭނާ ވިދާޅުވަނީ ފުލުހުން ފުލުފުލުން ޗިޓް ފޮނުވަނީ "ޖެއްސުން" ކުރަން ކަމަށް.---ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު


މިރޭ 30: 8 އަށް ފުލުސް އޮފީހަށް ހާޒިރުވާން ފޮނުވި ޗިޓާ އެކު ހަފުތާއެއްގެ ތެރޭގައި އޭގެ ހަތަރު ޗިޓާ މިހާތަނަށް ހަވާލުވެފައިވާ ކަމަށާއި އެއިން އެނގެނީ ސަރުކާރުގެ "ނުކުޅެދުންތެރިކަން" ކަމަށް ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގަނީ ފާދިރީންގެ އެހީތެރިކަމާއެކު ކަމަށް ވިދާޅުވެ ޑރ. ޖަމީލް ދެއްކެވި ވާހަކަތަކާ ގުޅިގެން، ފުލުސް އޮފީހަށް ހާޒިރުވާން މީގެ ކުރިން ތިން ޗިޓް ފޮނުވާފައިވެ އެވެ. އަދި އެ ހުރިހާ ޗިޓަކަށް ވެސް ފުލުސް އޮފީހަށް ވަޑައިގަތެވެ. މީގެ އިތުރުން އެ މައްސަލާގައި ހައްޔަރުކުރި ދެ ފަހަރު ވެސް ދޫކޮށްލާފައި ވަނީ ކްރިމިނަލް ކޯޓުންނެވެ. އެންމެ ފަހުން މިދިޔަ ހޯމަ ދުވަހުގެ ރޭ ހައްޔަރުކުރުމަށް ފަހު، ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ދޫކޮށްލީ ރޭގަ އެވެ.
މިރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ފުލުހުން ފޮނުވި ހަތަރު ވަނަ ޗިޓާ ހަވާލުވުމަށް ފަހު ޑރ. ޖަމީލް، "ހަވީރަ" ށް ވިދާޅުވީ، ސަރުކާރުން ކުރަން އުޅޭ ކަމަކީ "ޖެއްސުންކުރުން" ކަމަށެވެ.
"ހަގީގަތުގައި ކުރަން މި އުޅޭ ކަމަކީ، މީހުން ވިކްޓިމައިސް ކުރުން. ގޯނާކުރުން. ޖެއްސުންކުރުން. މި ގައުމުގައި މިހާރު އެއްވެސް ގާނޫނެއް ނުހިނގާ. އޭގެ ހެއްކެއް ކޯޓެއްގެ އެންމެ އިސް ފަނޑިޔާރު ނަގައިގެން ގެންގޮސް ވީނުވީ ތަނެއް ނާންގައި އެ ގެންގުޅެނީ. މިއީ ދުނިޔޭގެ އެންމެ ތަހުޒީބީ މުޖުތަމައުތަކުގައި ވެސް ހިނގާ ކަމެއް ނޫން،" ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި ޖަސްޓިސް މިނިސްޓަރުކަން އަދި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓަރުކަން ކުރެއްވި ޑރ. ޖަމީލް ވިދާޅުވި އެވެ. "އަޅުގަނޑު އެންމެ ހިތާމަކުރަނީ ގާނޫނު ނަގަހައްޓާނެ ކަމަކީ މޮޓޯއެއް ކަމަށް ވިދާޅުވާ ފަރާތްތަކުން އެއާ އިދިކޮޅަށް މަސައްކަތް ކުރާތީ. އެއީ ދިވެހި ސިފައިންނާއި ފުލުހުން."
ޑރ. ޖަމީލް މިރޭ ފުލުސް އޮފީހަށް ހާޒިރުކުރަނީ، ބަލަމުންދާ މައްސަލައަކާ ގުޅޭ މައުލޫމާތު ސާފުކުރަން ކަމަށް ބުނެ އެވެ.
ޑރ. ޖަމީލަށް ފުލުފުލުން ޗިޓް ފޮނުވަމުން ގެންދާތީ، އޭނާ ފުލުސް އޮފީހަށް ހާޒިރުވާން ޖެހޭ ގޮތުގެ ޝެޑިއުލް ފޮނުވައި ދިނުމަށް އެދި ގައުމީ ޕާޓީން ވަނީ މިއަދު ފުލުހުންނަށް ސިޓީއެއް ފޮނުވައިފަ އެވެ. އޭގައި ވަނީ ޑރ. ޖަމީލްއާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލަތަކާއި އެ މައްސަލަތައް ބެލުން ޝެޑިއުލް ކުރާނެ ދުވަސްތައް އަންގައި ދިނުމަށް އެދިފަ އެވެ.
"ޑރ. ޖަމީލް ހަމަ ދެ ދުވަހުން އެއް ދުވަހު މި ގޮތަށް ފުލުސް އޮފީހަށް ހާޒިރުކޮށް، ބަންދުކުރުމުން އޭނާގެ މަސައްކަތްތަކާއި ވިޔަފާރި އަށް ބުރޫ އަރާނެ. ވިޔަފާރިއަށް ވެސް ގެއްލުންވާނެ ނޫންތޯ؟ އެހެންވީމަ ކުރިން ޝެޑިއުލް އެނގިއްޖިއްޔާ ކަންކަން ރާވާލަން ފަސޭހަވާނެ ނޫންތޯ؟،" ގައުމީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަމީން ވިދާޅުވި އެވެ.

No comments:

Post a Comment