23:50 ސ. ހިތަދޫގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 19 އަހަރުގެ ޒުވާނަކަށް ހިތަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެ އެވެ.
މިރޭ 10:00 ޖަހާއެކަންހާއިރު ކުރީގެ ކޮމްޕްރިހެންސިވް ސްކޫލް ކައިރިން ލިންކް ރޯޑުގައި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އެރަށު ގޯލްފް، ހުސެއިން މުހްސިން އެވެ.
އޭނާ އެކްސިޑެންޓުވީ ބާރު ސްޕީޑުގައި ސައިކަލް ދުއްވައިފަ ދަނިކޮށް ލިންކު ރޯޑުގައި ކޮނެފައި، އުސްކޮށް ފަސް އަޅައިފަ ހުރި ތަނެއްގައި ޖެހި ވިއްސައިގެންގޮސް ކަމަށްވެ އެވެ.
މުހްސިން އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު ވަރަށް ސީރިއަސް އެވެ. ވިއްސައިގެން ގޮސް ބިންމައްޗަށް ވެއްޓުނު ވަގުތު ބޯފަޅައިގެން ގޮސް، އެނާގެ ސިކުނޑިއަށް ވަނީ ލޭފޭދިފައި ކަމަށް އެ ރަށުން މައުލޫމާތު ލިބިފައިވެ އެވެ.
ޑޮކްޓަރުން ދަނީ އޭނާގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރަމުން ކަމަށާއި އާއިލާ މީހުންނާއި ރައްޓެހި ދަނީ ހޮސްޕިޓަލަށް އެއްވަމުން ކަމަށް އެތަނުގައި ހުރި މީހަކު ކިޔައިނެވެ. އެމީހުން ބުނާ ގޮތުގައި އެކްސިޑެންޓުގެ ޒިންމާ ނަގަން ޖެހޭނީ މަގު ހެދުމުގެ މަސައްކަތްކުރަމުންދާ ސަދަން ޔުޓިލިޓީސް އިންނެވެ،.
"ސަދަން ޔުޓިލިޓީސް އިން މަގު ކޮނެފައި އެތަނަށް ފަސް އަޅައިފަ ބަމްޕަރެެއް ހެން ހުރީ. އެ ސަރަހައްދު އޮންނާނީ އެހާ އަނދިރިކޮށް. އެއްވެސް ބޯޑެއް، ކޯނެއް އެކެއްޗެއްވެސް ބަހައްޓާފައެއް ނެތް. ބާރަށް ދުއްވައިފަ އަންނަ މީހަކަށް އެތަނެއް ނުފެންނާނެ. އެ ބަމްޕަރުގައި ޖެހިފައި އެކުއްޖާ ވިއްސާގެން ގޮސް 155 ފޫޓު ދުރަށް ވެއްޓުނީ. ޑޮކްޓަރުން ބުނަނީ އަދިވެސް ލޭފަބަމުންނޭ ދަނީ. ކޮންމެއިރަކުވެސް ކޮލަޕްސްވެދާނޭ،" ހިތަދޫ ހޮސްޕިޓަލުގައި ހުރެ ވާހަކަދެއްކި މީހަކު ބުންޏެވެ.
މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި، އޭނާ ސައިކަލް ދުއްވައިފަ ދަނިކޮށް މަތިން އެއްޗެއް ދިޔަހެން ހީވެގެން ބެލި އިރު، އޭނާގެ ސައިކަލް މަތިން ގޮސް، އެތަނުގައި ހުރި އިންޖީނުގޭގެ ފާރުގައި ޖެހި މަގުމައްޗަށް "އެއްޗެއް ވެއްޓުނުތަން" ފެނުނެވެ. ނަމަވެސް، ކައިިރިއަށް ގޮސް ބެލިއިރު އެއީ ކުއްޖެއް ކަމަށާއި އޭރުވެސް އޭނާގެ ބޮލުން ގިނަ އަދަދަކަށް ލޭފައިބަމުން ދިޔަ ކަމަށް އެމީހާ ބުންޏެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ މިހާރު ތަހުގީގުކުރަމުންނެވެ. އަދި އާއިލާއިން މިހާރު ގެންދަނީ މުހްސިން މާލެ ގެނެވޭތޯ މަސައްކަތްކުރަމުންނެވެ.
No comments:
Post a Comment