Tuesday, June 28, 2011

ޤައްޒާފީ ހައްޔަރު ކޮށްދިނުމަށް ނޭޓޯގައި ނޭދޭނެ ކަމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓާ ވިދާޅުވެއްޖެ


ލީބިޔާގެ ޒަޢީމް މުޢައްމަރުލްގައްޒާފީ ހައްޔަރު ކުރުމުގެ އަމުރު ނެރުނު ނަމަވެސް އޭނާ ހައްޔަރުކޮށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓާ ޙަވާލުކޮށްދިނުމަށް ނޭޓޯގެ ކިބައިން ނޭދޭނެ ކަމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރ ލުއިސް މޮރިނޯ އޮކަމްބޯ ވިދާޅުވެއްޖެވެ.

އޮކަމްބޯ ވިދާޅުވީ ގައްޒާފީ ހައްޔަރުކުރާނީ ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިން ކަމަށާ ގައްޒާފީގެ ސިފައިން ބަލިކޮށް އޭނާ ހައްޔަރުކުރާނެ ކަމުގެ ޔަގީންކަން ލީބިޔާގެ އިދިކޮޅު ލީޑަރުން ދީފައިވާ ކަމުގައެވެ.

ގައްޒާފީ ހައްޔަރު ކުރުމަށްފަހު ގައްޒާފީގެ މައްޗަށް ޝަރީޢަތް ހިންގާނީ ލީބިޔާގެ ފަނޑިޔާރުން ލީބިޔާގެ ކޯޓުތަކުގައިކަން ނުވަތަ އޭނާ ބައިނަލްއަޤްވާމީ ޖިނާއީ ޖިނާއީ ކޯޓާ ޙަވާލުކުރާނެކަން އޮކަމްބޯ ހާމައެއް ނުކުރައްވައެވެ.

އޮކަމްބޯވަނީ ބައިނަލްއަޤްވާމީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ސޫދާނުގެ ރައީސް ޢުމަރުލްބަޝީރުވެސް ސޫދާނުން ފުރާވަޑައިގަންނަވާއިރަށް ދުނިޔޭގެ ޤައުމުތަކުން އޭނާ ހައްޔަރުކުރާނެ ކަމަށް 2008 ވަނަ އަހަރުގައާއި 2009 ވަނަ އަހަރު ވިދާޅުވެފައެވެ.

އެއަށްފަހު ދުނިޔޭގެ އެކިޤައުމުތަކަށް އެތަށް ދަތުރުފުޅެއް އަލްބަޝީރު ކުރައްވާފައިވެއެވެ. އަދި މިހާރުވެސް އޭނާ އުޅުއްވަނީ ޗައިނާއަށް ކުރައްވާ ދަތުރުފުޅެއްގައެވެ. ނަމަވެސް އެއްވެސް ޤައުމަކުން އަލްބަޝީރު ހައްޔަރުކޮށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓާ ޙަވާލުކޮށްފައެއް ނުވެއެވެ.

ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ޤައްޒާފީ ހައްޔަރު ކުރުމުގެ އަމުރެއް ނެރުމަކީ ކަންބޮޑުވާ ކަމެއްނޫން ކަމަށް ލީބިޔާ ސަރުކާރުން ވަނީ ބުނެފައެވެ. ލީބިޔާގެ ޖަސްޓިސް މިނިސްޓަރ ވިދާޅުވީ ލީބިޔާއަކީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ މުޢާހަދާގައި ބައިވެރިވާ ޤައުމެއް ނޫންކަމަށާ އެހެންކަމުން އެކޯޓުގެ އަމުރުތަކަށް ތަބާވުމަކީ ލީބިޔާގެ ޒިންމާއެއް ނޫންކަމުގައެވެ. އަދި ދުނިޔޭގެ ގިނަ ޤައުމުތަކުން އެކޯޓުގެ އަމުރުތަކަށް ތަބާނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓްރިޕޮލީގައި އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި، ލީބިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ޚާލިދް ކަޢީމް ވިދާޅުވީ ޢިރާޤާއި އަފްޣާނިސްތާނާއި ގުއަންޓެނާމޯ ޖަލުގައި އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގުމުގެ ފަހަތުގައިވާ އެެމެރިކާގެ ވެރިންނާއި ފަލަސްތީނުގެ ރައްޔިތުން މެރުމުގެ ފަހަތުގައިވާ އިސްރާއީލުގެ ވެރިންގެ މައްސަލަތައް ނުބެލޭކަމީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ އިންސާފެއްނެތްކަން ހާމަވާ ކަމެއްކަމުގައެވެ.

ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުގައި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ިދިޔަ ހޯމަދުވަހުވަނީ ގައްޒާފީއާއި އޭނާގެ ދަރިކަލުން ސައިފުލްއިސްލާމް އާއި ލިބިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާ ޢަބްދުﷲ ސުނޫސީ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެެވެ.

ލީބިޔާގެ އިދިކޮޅު ފަރާތްތަކުންވަނީ ބައިނަލްއަޤްވާމީ ކޯޓުގެ މިއަމުރަށް މަރްޙަބާ ކިޔާފައެވެ. އަދި ގައްޒާފީގެ ފަރާތުން އަނިޔާލިބިފައިވާ ލީބިޔާގެ ޢާންމުން މިކަމާ އުފާކުރަމުން ގެންދާ ކަމަށްވެސް ޚަބަރުލިބެއެވެ. -- އަލްޖަޒީރާ

No comments:

Post a Comment