Monday, June 6, 2011
ބޫން ބޫން ލާފައި އަދިވެސް މަޖިލިސް މެންބަރުން އެމްޑީޕީ ސަރުކާރާ ގުޅުވާނަން: އަލީ ވަހީދު
ބޫން ބޫން ލާފައި އަދިވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމްޑީޕީ ސަރުކާރާ ގުޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ އެމްޑީޕީއާ ގުޅިވަޑައިގެންނެވި ފަހުން ސަރުކާރުގެ ދިފާއުގައި ފުރަތަމަ ފަހަރަށް މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅުދައްކަވަމުން އަލީ ވަހީދު މިއަދު ވިދާޅުވީ މަޖިލީހުގެ މެންބަރުން ސަރުކާރަށް ގެންދިއުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި ދެން އެންމެ އަވަހަށް އެމްޑީޕީއާ ގުޅިވަޑައިގަންނަވާނީ ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު )އަލިބެ( ކަމަށެވެ. އަދި "ބޫން ބޫން" ލާފައި ސަރުކާރު މެކުހަށް ޖަހޭނެ ކަން މަޖިލީހުގެ ހުރިހައި އިދިކޮޅު މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި މި ސަރުކާރު ވެސް ހުދުމުހުތާރު ވެއްޖެއްޔާ ބަދަލުގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ބަދަލު ގެންނާނެ ކަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އެތެރޭގެ ޑިމޮކްރަސީން އެގިވަޑައިގަންނަވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޫން ބޫން ލާފައި މި ސަރުކާރު މެކުހަށް ޖަހާނެ ކަމަކީ މިއަދު މި މަޖިލީހުގެ އިދިކޮޅު ހުރިހައި މެންބަރުންނަށް އިނގޭ ހަގީގަތެއް. މާދަމާ ބޫން ބޫން ލާފައި އަދިވެސް އެމްޑީޕީގެ ސަރުކާރާ މެންބަރުން ގުޅުވާނަން އިނގޭތޯ އިތްޒަތްތެރި ރައީސް. އެންމެ އަވަހަށް އިރާދަ ކުރެއްވިއްޔާ މަނިކުފާނު ވެސް )ރިޔާސަތުގައި އިންނެވި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު( އެމްޑީޕީއާ ގުޅޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން." އަލީ ވަހީދު މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅުގައި ތިބެގެން ބޭކާރު ޒުވާބުކޮށް ރައްޔިތުންގެ މުސްތަގުބަލް ނަގާލެވެން ނެތް ކަމަށާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އެއްބާރުލުމާއެކު ވިޔަފާރިއާ ގުޅުންހުރި ބިލްތައް މަޖިލީހުން ފާސްކުރާނެ ކަމަށެވެ. އަދި 2014 ވަނަ އަހަރަކީ ރާއްޖެ ބައިތުލްމާލު މުއްސަނދިވާނެ އަހަރަކަން ހަދާނެ ކަމަށާއި އެ އުންމީދު އެމްޑީޕީ ސަރުކާރު މެކުހަށް ޖަހާފައިވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ސަރުކާރަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް އިޝާރާތް ކުރައްވާ އަލީ ވަހީދު ވިދާޅުވީ ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުގެ ނަތީޖާ ފެންނަން ފަށާނީ 2012 ވަނަ އަހަރާއި 2014 އަހަރާ ދެމެދުގައި ކަމަށެވެ. އަދި އެ ނަތީޖާއާއެކު ގައުމުގެ އިގްތިސާދަށް ބަދަލު ނާންނަ ނަމަ ރައްޔިތުން ނުކުމެ މި ސަރުކާރު ބަދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ މަޖިލީހުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި އަލީ ވަހީދު ވަނީ އޭނާ ކުރިން އުޅުއްވި ޑީއާރްޕީއަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެފަ އެވެ. އެ ގޮތުން ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި އެ ޕާޓީގެ ޒައީމް އަލްއުސްތާޒު މައުމުން އަބްދުލް ގައްޔޫމަށް ވެސް އޭނާ ވަނީ ނުސީދާ ގޮތެއްގައި ރައްދުދެއްވައި ވާހަކަފުޅު ދައްކަވާފަ އެވެ.
Subscribe to:
Post Comments (Atom)
No comments:
Post a Comment