Wednesday, June 22, 2011

މާލޭގެ ބަހުގެ ހިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ މިއަދު އިފުތިތާހުކޮށްދެއްވައިފި

މާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދިނުމަށް މާލޭ ސިޓީ ކައުންސިލާއި އެމްވީކޭ ގުޅިގެން ފެއްޓި ބަހުގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހެނދުނު ރަސްމީކޮށް އިފުތިތާހުކޮށްދެއްވައިފި އެވެ.

ބަހުގެ ހިދުމަތް ރަސްމީކޮށް ފެއްޓުމަށްޓަކައި މިއަދު ހެނދުނު އަލިމަސްކާނިވާ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެއިން ބަހެއްގައި ދަތުރުކުރައްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ބަސް އަލިމަސްކާނިވަލުގެ ދެކުނުން ބޮޑުތަކުރުފާނުމަގުން ގޮސް މަޖީދީމަގުން ސޯސަންމަގުގެ އިރަށް ގޮސް، މެދުޒިޔާރަތްމަގުން، ފަރީދީމަގުން ދަތުރުކޮށްފައިވެ އެވެ. އެ އަށް ފަހު އެބަސް ފަރީދީމަގުން ނަލަހިޔާ ކައިރިން ގޮސް މަޖީދީމަގުން ހުޅަނގަށް ގޮސް ހާބަރު އެއް ނަމްބަރުގެ ކަޑައާ ހަމައިން ވަނީ މަޑުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ބަސް ދަތުރު ނިންމާލެއްވީ ހާބަރު އެއްނަމްބަރު "ކަޑަ"އިން ހެނދުނުގެ ނާސްތާއަށް ފަހު ބަސް ދަތުރު ފެއްޓެވި ހިސާބުން ނެވެ.

ރައީސުލްޖުމްހޫރިއްޔާއާ އެކު އެބަސް ދަތުރުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސަރަނގު އާދަމް މަނިކާއި އެމްވީކޭގެ އިސް ފަރާތްތަކުގެ އިތުރުން އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މާލޭގައި ބަހުގެ ހިދުމަތް ދިނުމަށްޓަަކައި ޖުމްލަ 10 ބަހެއް ބޭނުން ކުރާނެ ކަމަށާއި އެހިދުމަތް އަދި ދެމުންގެންދާނީ އެންމެ ރޫޓަކުން ކަމަށް އެމްވީކޭއިން ބުންޏެވެ. ފަސް ރުފިޔާ އަށް ޓިކެޓެއް ވިއްކައިގެން ދިނުމަށް ހަމަޖެހިފައިވާ ބަހުގެ ހިދުމަތް މިއަދު ދެމުންގެންދާނީ ހިލޭ ކަމަށް ވެސް އެމްވީކޭއިން ބުންޏެވެ.

ބަހުގެ ހިދުމަތް ދިނުމަށް މާލޭގެ އެކިއެކި ސަރަހައްދުތަކުގައި މިހާރު ވަނީ "ބަސްހުއްޓި" ބޯޑު ޖަހައިފަ އެވެ.

No comments:

Post a Comment