Sunday, May 29, 2011

އުމަރު ޑީއާރްޕީގެ ލޯގޯ އާއި ލެޓާހެޑް ބޭނުން ކުރައްވަނީ ހުއްދަ ނެތި ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅައިފި


ޑީއާރުޕީން ވަކިކޮށްފައިވާ، ޒެޑް ޑީއާރްޕީގެ ހިންގާ ކޮމިޓީގެ ޗެއާމަން އުމަރު ނަސީރު ޑީއާރްޕީގެ ލޯގޯ އާއި ލެޓަހެޑް ބޭނުން ކުރައްވަނީ ހުއްދަ ނެތި، ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެ ޕާޓީން ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

ޑީއާރްޕީގެ މީޑިއާ އޮފިޝަލް އަލީ ސޯލިހު މިއަދު ވިދާޅުވީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއްގެ ހުއްދަނެތި ޑީއާރްޕީގެ މެންބަރަކު ނަމަވެސް ޕާޓީގެ ނަމާއި ލޯގޯ ބޭނުންކޮށްގެން އެއްވެސް ހަރަކާތެއް ހިންގައިގެން ނުވާނެ ކަމަށް ޑީއާރްޕީ ކައުންސިލުން ފާސްކޮށްފައިވާ ގަރާރާއި ޕާޓީން ނެރެފައިވާ ގާނޫނީ ނޯޓިސް އާ ހިލާފަށް އުމަރު ނަސީރު އަމަލު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އުމަރުގެ އެ އަމަލަކީ ސިޔާސީ ޕާޓީތަކުގެ ގަވާއިދާ ހިލާފަށް އަމަލު ނުކުރުމަށް އިލްތިމާސްކޮށް އާއްމު ކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ ސާކިއުލާއަށް ބެލުމެއްނެތި ހިންގަވަމުން އަންނަ އަމަލެއް ކަމަށް ވެސް ޑީއާރްޕީން ހުށަހަޅާފައިވާ މައްސަލައިގައިވެ އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ޑީއާރްޕީން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެ ޕާޓީގެ ކުރީގެ ޑިޕިއުޓީ ލީޑަރަކީ އެ ޕާޓީގެ ދަފްތަރުގައި ވެސް ނެތް މީހެއް ކަމަށެވެ. ނަމަވެސް އެ ޕާޓީގެ ނަމުގައި މިމަހު 23 ވަނަ ދުވަހު ވެސް އުމަރު ފުލުހުންނަށް ސިޓީއެއް ފޮނުވިކަން އެނގޭ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

ޑީއާރްޕީގެ ލެޓަ ހެޑްގައި އެ ޕާޓީގެ ޑިޕިއުޓީ ލީޑަރެއްގެ ގޮތުން ސޮއިކޮށް، މި މަހު 23 ވަނަ ދުވަހު ފުލުހުންނަށް އުމަރު ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ޒުވާނުންގެ ނަމުގައި ކުރި މުޒާހަރާ ފުލުހުން ހުއްޓުވާފައިވާ އިރު މި މަހު 23 ގައި އެމްޑީޕީ އެކްޓިވިސްޓުން ކުރި މުޒާހަރާ ހުއްޓުވަން ފުލުހުން އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައި ނުވަނީ އެކަމަކީ ހުއްދަ ދީގެން ކުރިއަށްގެން ދިޔަ ކަމަކަށްވާތީތޯ އޮޅުން ފިލުވަން ބޭނުންވާ ކަމަށެވެ. އަދި މުޒާހަރާ ކުރުމުގައި ވަކި ޕާޓީއަކަށް ނުވަތަ ވަކި ބަޔަކަށް ބެލުމެއްނެވި ހަމަހަމަ ކަމާއި އިންސާފާ އެކު ފުރުސަތު ދިނުމަށް ވެސް އުމަރުގެ އެ ސިޓީގައި ފުލުހުންނަށް ވަނީ ގޮވާލައިފަ އެވެ.

އެ މައްސަލައާ ގުޅިގެން އުމަރުގެ ބަހެއް ހޯދައިލުމަށް ގުޅި ނަމަވެސް ފޯނު ނުނެންގެވުމުގެ ސަބަބުން އުމަރުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ޑީއާރުޕީން އުމަރު ކަނޑާލީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އޭނާ ވަނީ ކޯޓުގައި އެ މައްސަލަ ވައްދާފަ އެވެ. އުމަރުގެ ޝަކުވާއަކީ ޕާޓީގެ އާންމު މެންބަރުން އިންތިހާބު ކުރި މަގާމަކުން ވަކިކުރެވޭނީ އާންމު މެންބަރުންނަށް ކަމަށެވެ.

ކޯޓުން ބަލަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ކުރިއަށް ގޮތް ނުކިޔުމަށް އުމަރަށް ސުޕްރީމް ކޯޓުން އަންގައިފި


ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ މައްޗަށް ސުޕްރީމް ކޯޓްގައި ކުރާ ދައުވާއާ ގުޅުވައި ޝަރީއަތުގައި މައްސަލައެއް ނިންމާނެ ގޮތެއް ކުރިއަށް ލަފާކޮށް، ޒެޑް-ޑީއާރްޕީގެ ވަގުތީ ހިންގާ ކޮމެޓީގެ ރައީސް އުމަރު ނަސީރު ވާހަކަފުޅު ދައްކަވާފައި ވާތީ، އެ ވާހަކަފުޅަކީ އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅިދާނެ އަމަލެއް ކަމަށް ސްޕްރީމް ކޯޓުން ބުނެފި އެވެ.

ތިމަރަފުށީ މުސްތަފާ އާއި މަރަދޫ ދާއިރާގެ ހަސަން އާދިލުގެ މައްޗަށް ކޯޓްގައި ހިގަމުންދާ ދެ މައްސަލައިގެ ޝަރީއަތް ނިމޭ ގޮތަކުން އެ ބޭފުޅުންގެ ގޮނޑި ރައްޔިތުންގެ މަޖިލީހުން ގެއްލޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވެ، ޒެޑް ފެކްޝަންގެ ޖަލްސާއެއްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ އުމަރު ނަސީރު ވާހަކަފުޅު ދައްކަވާފައި ވާތީ ސުޕްރީން ކޯޓުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއް ނިންމާނެ ގޮތް ކުރިން ލަފާކޮށް މައްސަލައިގެ ހަސްމަކު ނުވަތަ އެހެންވެސް ފަރާތަކުން ވާހަކަ ދެއްކުމަކީ ޝަރީއަތަށް ނުރޫފު ފޯރާފާނެ ކަމެއް ކަމަށެވެ.

ޝަރީއަތަށް ނުފޫޒު ފޯރާފާނެ އެފަދަ ކޮންމެ އަމަލެއް ހުއްޓުވުމަކީ ގާނުނު އަސާސީގެ ދަށުން ސުޕްރީމް ކޯޓަށް ލިބިގެންވާ ދުސްތޫރީ ގާނޫނުގެ ބެލެނިވެރިކަމުގެ ބާރުގެ ދަށުން މާނާކުރެވެން ޖެހޭ ކަންތައްތަކެއް ކަމަށް އެ ނޫސްބަޔާބުގައި ބުނެފައިވެ އެވެ. އަދި ފަނޑިޔާރުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާ އާއި އާއްމު ގަވާއިދާ ބެގޭ ގާނޫނުގެ ދަށުން ބާރުލިބިފައިވާ ކޯޓްގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގާވައިދުގެ ދަށުން އަމިއްލަ ފަރުދަކު ވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ޝަރުއީ ދާއިރާގެ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

މިނިވަން ޑިމޮކްރަޓިކް ނިޒާމުތަކުގައި ވެސް "ސަބް ޖުޑީސް ރޫލް" ދަށުން އެފަދަ ވާހަކަތައް އާންމުގެ ތެރޭގައި ދެއްކުމަށް ޖާގަ ނުދޭތީ ކޯޓެއްގައި ބަލަމުންދާ މައްސަލައެއްގައި ހުކުމްހުރާނެ ގޮތާބެހޭ ގޮތުން ކުރިއަށް ލަފާކުރެވޭ ކަންކަމުގައި ވާހަކަ އާންމުންގެ ތެރޭގައި ނުދެއްކުމަށް އަންގާ ކަމަށް ސުޕްރީމް ކޯޓްގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ޒައީމް މައުމޫން ބައިވެރިވެވަޑައިގެންނެވި ޒެޑް ފެކްޝަންގެ ޖަލްސާގައި އުމަރު ވިދާޅުވެފައި ވަނީ "އެމްޑީޕީން ދެ ގޮނޑި ގެއްލެން ތައްޔާރުވާށޭ. ފުރަތަމަ ގޮނޑިއަކީ ތިމަރަފުށީ ދާއިރާގެ މުސްތަފާގެ ގޮނޑި. ހަނދުމަފުޅު ހުންނާނެ ސުޕްރީމް ކޯޓްގައި އޮންނާނެ މިހާރު މައްސަލައެއް، އަޅުގަނޑުލާފައި އޮތް މައްސަލައެއް. އެ މައްސަލަ މިހާރު އޮތީ ނިމި، ބަޔާންތަކުގައި ސޮއިކޮށް، ހުކުމާ ހަމައަށް އައިސްފައި. އަޅުގަނޑަށް ޔަގީން މުސްތަފާ އަށް އެ ގޮނޑި ގެއްލޭނެ ކަން. ދެ ވަނަ ގޮނޑިއަކީ ކުޑަކުދިންނާ ބަދުއަހުލާގީ އަމަލް ހިންގި ]ކަމަށް ތުހުމަތުކުރާ[ އާދިލްގެ ގޮނޑި،" ކަމަށެވެ.

ސިކުނޑި ހަމަނުޖެހޭ ކުޑަކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތަށް ބިދޭސީއަކު ގަމުން ހައްޔަރުކޮށްފި



ސިކުނޑި ހަމަނުޖެހޭ ކުޑަކުއްޖަކާމެދު އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތުގައި ލ. ގަމުން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ގަމުން އިއްޔެ ރޭ ކުޑައްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގި ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ބިދޭސީ މީހާގެ މައްސަލަ ތަހުގީގުކުރަމުންދާތީ އިތުރު ތަފްސީލު އަދި ދެވެން ނެތްކަމަށް ވެސް ބުންޏެވެ.

ލ. ގަމުން ސަންއަށް މައުލޫމާތު ދިން މީހަކު ބުނީ ފުލުހުން ހައްޔަރު ކުރި މީހާއަކީ އެ ރަށުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހެއް ކަމަށެވެ. އެމީހާ އެއްޖިންސުން ގުޅުން ހިންގާފައި ވަނީ ސިކުނޑީގެ އުނިކަމެއް ހުންނަ އުމުރުން 16 އަހަރުގެ ކުއްޖަކާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެ ބަންގްލަދޭޝް މީހާއަކީ އެކި އިރު އެކި މަސައްކަތްކޮށްގެން މިރަށުގައި އަމިއްލައަށް އުޅޭ މީހެއް. އޭނާ މިރަށަށް ގެނައި މީހެއް ހަވާލުވެގެން އުޅޭ މީހެއް ވެސް ނޭނގޭ،" ގަމުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ ގަމުން ވާހަކަ ދެއްކި މީހާ ބުނީ ބަންގްލަދޭޝް މީހާ ފިރިހެން ކުއްޖާއާއެކު އެއް ޖިންސުން ގުޅުން ހިންގީ ސިނގިރޭޓްދިނުމަށް ފަހު ކުޑަ ފިރިހެން ކުއްޖާ ހައްލާލައިގެން ކަމަށާއި އެ އަމަލު ހިންގީ އެ ރަށު ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ގެއެއްގެ ތެރޭގައި ކަމަށެވެ. އަދި އަމަލު ހިނގި އިރު ބައެއް މީހުން ބަލާފައި ފުލުހުނަށް ރިޕޯޓް ކުރީ ކަމަށް ވެސް އޭނާ ބުންޏެވެ.

ގަމުގައި އަމިއްލައަށް އެކި މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދައިގެން އުޅޭ ގަވައިދާ ހިލާފު ބިދޭސީން ވަރަށް ގިނަ ކަމަށް ވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ގާބިލު ކަމާމެދު ސުވާލު އުފެދިފައި!


ބަންޑާރަ ނައިބުގެ އޮފީހަކީ ސަރުކާރަށް އެންމެ މުހިންމު މުއައްސަސާ އެވެ. ސަރުކާރުގެ "ބޯހަރުކަމުގެ" ސަބަބުން ސިޔާސީ ގޮތުން ބޮޑު ބަހުސަކަށްވާ ކޮންމެ މައްސަލައެއްގައި ފަހުބަސް ބުނުން ޝަރުއީ ކޯޓުތަކާ ހަމައަށްދާއިރު، ދައުލަތް ދިފާއުކުރަން ނުކުންނަން ޖެހެނީ ބަންޑާރަ ނައިބާއި އެ އޮފީހުގެ ވަކީލުންނަށެވެ. ނަމަވެސް، އެތައް މައްސަލައެއްގައި މިހާތަނަށް ފަނޑިޔާރު މުގުރު ޖައްސަވާފައިވަނީ ސަރުކާރާ ދެކޮޅަށް ކަމަށްވާތީ، ބަންޑާރަ ނައިބު އޮފީހުގެ ގާބިލުކަމާމެދު މިއަދު ވަނީ ސުވާލުއުފެދިފަ އެވެ.

ސިވިލް ސާވަންޓުންގެ މުސާރާގެ މައްސަލައާއި އެމްއެންބީސީގެ މައްސަލަ ސަރުކާރާ ދެކޮޅަށް ކޯޓުތަކުގައި ނިމުނުތާ ގިނަ ދުވަސްތަކެއް ނުވަނީސް ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ވިދާޅުވެފައިވަނީ، އެ އޮފީހުގެ ވަކީލުންގެ ފެންވަރު މަތިކުރަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އޮފީހުގެ ގާނޫނީ ވަކީލުންގެ ފެންވަރު ވަރަށް ބޮޑަށް މަތިކުރަން ޖެހޭ ކަމަށް ފެނޭ. އޮފީހުގައި ތިބި ގިނަ ވަކީލުންނަކީ ތަޖުރިބާގެ ގޮތުން ވަރަށް ހަގު ކުދިން. އެހެންނަމަވެސް، މިއަދު ދައުލަތުގެ މައްޗަށް ހުށަހެޅޭ މައްސަލަތަކުގައި ގާނޫނީ ވަކީލުންގެ ގޮތުގައި ވަޑައިގަންނަވަނީ މި ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރައްވައިފަ ތިއްބެވި ވަރަށް ތަޖުރިބާ ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުން،" މިދިޔަ ހަފްތާގައި "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވި އެވެ.

ތަޖުރިބާ ނެތް ވަކީލުން މަދުވުމުގެ ސަބަބުން އެ އޮފީހުގެ އިތުރު މަސައްކަތްތަކަށް ވެސް ވަނީ ހުރަސް އެޅިފަ އެވެ. އެގޮތުން 150 އަށް ވުރެ ގިނަ ގާނޫނީ ބިލު އެކުލަވާލަން ޖެހޭއިރު، އެ މަސައްކަތް ކުރައްވަން ތިއްބެވީ އެންމެ ދެ ވަކީލުންނެވެ. އެހެންކަމުން، ގާނޫނީ ބިލު ޑްރާފްޓް ކުރުމަށް އިތުރު ވަކީލުން ތަމްރީނުކުރަން ޖެހޭ ކަމަށާއި އަދި މުއައްސަސާތަކަށް އޭޖީ އޮފީހުން ދޭން ޖެހޭ ގާނޫނީ ލަފާ ދިނުމަށް ލޯޔަރުން ތަމްރީނު ކުރަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އެ އޮފީހަށް ހަމައެކަނި ކުރިމަތިވެފައިވަނީ "ތަޖުރިބާގެ ގޮތުން ހަގު" ވަކީލުންގެ މައްސަލައެއް ނޫނެވެ. އެ އޮފީހުގައި ވަކީލުން ހަރުނުލާ މައްސަލަވެސް އެހާ ބޮޑެވެ. ކޯޓުތަކުގައި ސަރުކާރާ ދެކޮޅަށް ހައްސާސަ މައްސަލަތަކެއް ހިނގަމުންދާއިރު، މިހާރުވެސް ހަ ވަކީލަކު އެ އޮފީހުން ވަކިވުމަށް ވަނީ ހުށަހަޅައިފަ އެވެ. ހުސްވާ މަގާމުތަކަށް ގާބިލު ވަކީލުން ހޯދުމަކީ ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް، ވަކީލުން ވަކިވާ މައްސަލަވެސް ބަލަން ޖެހެ އެވެ.

ދާދިފަހުން އެ އޮފީހުން ވަކިވި ވަކީލަކު ވިދާޅުވެފައިވަނީ، އޮފީސް ތެރޭ ތަފާތު ކުރުން ހައްދު ފަހަނައަޅާ ގޮސްފައިވާ ކަމަށެވެ. މަސައްކަތް ހަމަހަމަ އުސޫލަކުން ބެހިފައި ނެތުމުގެ ސަބަބުން ބައެއް ވަކީލުން ތިބެން ޖެހެނީ "ބާކީ" ވެފައި ކަމަށާއި އަނެއް ބަޔެއްގެ ވޯކް ލޯޑް ވަރަށް ބޮޑުވެެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވަކީލުންނަށް މިހާރު ލިބޭ 15،000ރ. އާއި 18،000ރ. ދެމެދުގެ މުސާރައާ މެދުވެސް ބައެއް ވަކީލުން ހިތްހަމަނުޖެހޭ ކަމުގައި އޭނާ ވިދާޅުވި އެވެ؛ "އެއަށްވުރެ މާ ރަނގަޅު އާމްދަނީއެއް އެބަލިބޭ އަމިއްލަ ލޯފާމަކާ ގުޅިގެން މަސައްކަތްކުރީމަ."

މީގެ އިތުރުން، "ތަމްރީނު ލިބިފައިވާ ވަކީލުން މަދުވުމުން އޭޖީ އޮފީހުގެ މަސައްކަތްތަކަށް ހުރަސްއެޅިފައި" މި ސުރުހީގެ ދަށުން ސަންގައި ޝާއިއުކުރި ހަބަރަށް ކިޔުންތެރިން ފޮނުވާފައިވާ ކޮމެންޓްތަކަށް ބަލާއިރުވެސް، އެ އޮފީހުގައި މައްސަލަތަކެއް އުޅޭކަން އެނގެ އެވެ. އެގޮތުން "ތިބި ވަކީލުން އެކަކު އަނެކަކާ ހިތާވެ، އޮފީސް މަސައްކަތަށް ވުރެ ގިނައިން ކުރަނީ އަމިއްލަ ލޯ ފާމްގެ މަސައްކަތް" ކަމަށާއި "މަސައްކަތް ނުކުރެވެނީ ލޯބީގެ އުދާސްތައް ގިނަކަމުން" ކަމަށް ބުނެ، ބަންޑާރަ ނައިބު އޮފީހުގެ ލޯޔަރުންނަށް ފާޑުކިޔައިފައިވެ އެވެ. އަދި ބަންޑާރަ ނައިބު އޮފީހަކީ "ތަފާތު ކުރުމުގެ އެއްވަނާގެ ތަނެއް" ކަމަށާއި އެތަނުގެ "ވެރިން ބަދަލު ކޮށްގެން ނޫނީ މުވައްޒިފުން ހަރެއް ނުލާނެ" ކަމަށް ބުނެ ވެސް ކޮމެންޓް ކޮށްފައިވެ އެވެ.

ސަރުކާރާ ދެކޮޅަށް ގިނަ މައްސަލަތަކެއް ކާމިޔާބުކުރައްވާފައިވާ މަޝްހޫރު ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި، ސީދާ ގާނޫނު އަސާސީއާ ގަނޫނުތަކާ ސަރުކާރުން ހިލާފުވާ މައްސަލަތަކުގައި އޭޖީ އޮފީހުގެ ވަކީލުން "ޓައިމް ވޭސްޓް" ކުރަން ޖެހުމަކީ ވެސް މައްސަލައެއް ކަމަށެވެ. އަދި ކިތަންމެ "ގާބިލު، ގިނަދުވަސްވީ ތަޖުރިބާކާރު ވަކީލަކަސް އަދި ނުވިޔަސް" ގާނޫނު އަސާސީއާ ގަނޫނުތަކާ ދެކޮޅަށް މައްސަލަތައް ކާމިޔާބު ނުކުރެވޭނެ ކަމަށާއި އޭގެ މާނައަކީ އެ ވަކީލުންގެ "ފެންވަރު ނެތީއެއް ނޫން" ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެއަކަސް، ސަރުކާރު ދިފާއުކުރުމަކީ ބަންޑާރަނައިބުގެ މަސްއޫލިއްޔަތެއްކަން މިހާރު އެމަގާމުގައި ހުންނެވި އަބްދުﷲ މުއިއްޒު ގަބޫލުކުރައްވަ އެވެ. އޭގެ މާނައަކީ ސަރުކާރުގެ ބޮޑެތި ނިންމުންތަކާ މެދު ގާނޫނީ ސުވާލުތައް އުފެދިގެން އަންނައިރު، އެ ނިންމުންތައް ދެމެހެއްޓުމަށްޓަކައި ބޭނުންވާ ޝަރުއީ ހުކުމް ހޯދަން ޖެހޭނީ އޭޖީ އޮފީހަށެވެ. ނަމަވެސް، ސަރުކާރާ ދެކޮޅަށް ކޮންމެ މައްސަލައެއް ނިމިގެންދަންޏާ އެ މަސްއޫލިއްޔަތު އަދާނުކުރެވެނީ އެވެ. އެހެންކަމުން، އިތުރު ނާކާމިޔާބީގެ ލަދުން ސަލާމަތްވުމަށްޓަކައި މިހާރު އޭޖީ އޮފީހުގައި ހުރި މައްސަލަތައް ހައްލުކުރަން ވަނީ ޖެހިފަ އެވެ.

wallpaper

http://www.hdwallpapers.net/
http://wallpaperstock.net


Tuesday, May 24, 2011

ރާއްޖެ ހުދުމުޚުތާރު ވެރިކަމަކާދިމާލަށް!

މީގެ އަހަރުތަކެއް ކުރިން ރާއްޖެ އަށް ޑިމޮކްރަސީ ތައާރަފްވާން ފެށި އެވެ. ވެރިމީހާއޭ ހަމަ ބުނާއިރަށް ޖަލަށް ދިޔަ ދުވަސް ނިމުނެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުން ވެރިޔާ ނޭދޭ ގޮތަކަށް އަތް ނެންގެވޭ ކޮންމެ ފަހަރަކު ގޮނޑި ގެއްލުނު ދުވަސް ވެސް ހަމަ އެއާ އެކު މާޒީގެ ސޮފުހާތަކަކަށް ވެގެން ދިޔަ އެވެ.

ޑިމޮކްރަސީ ދޮންވެ ފައްކާވެގެން އައި އިރު ރީނދޫ ކުލަ އަރަމުން ދިޔަ ޖައްވުން ފާއްދާލި ޑިމޮކްރަސީގެ ތަރިއެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރަމުން ދިޔަ އެއް ބޭފުޅަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި އިރު އެންމެ ގިނައިން ދެއްކެވި އެއް ވާހަކަފުޅަކީ ހުރިހާ ބާރުތަކެއް އެކެއްގެ އަތުގައި އޮތުމުން ޚުދުމުޚުތާރު ވާނެ ވާހަކަ އެވެ.

ރައީސް ނަޝީދުގެ އެ ވާހަކަ ފުޅާއި ރާއްޖޭގެ މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން އިބުރަތް ހާސިލްކޮށް، ރައީސް ނަޝީދަށް ރައީސްކަން ހަވާލުކުރެއްވުމަށް ފަހު ދިވެހި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދެއްވީ އިދިކޮޅު ފަރާތްތަކަށެވެ. އެއީ ރައީސް ނަޝީދަކީ ޑިމޮކްރެޓިކް ހަމަތައް ގަބޫލުކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވިއަސް، ހުރިހާ ބާރެއް އެމަނިކުފާނަށް އެރުވުމުގެ ސަބަބުން އެމަނިކުފާނުގެ ވެރިކަން ތަބީއީ ގޮތުން ހުދުމުހުތާރު ވެދާނެތީ އެކަން އެގޮތަށް ވިޔަ ނުދިނުމަށް ކަމަށް ބެލެވެ އެވެ.

ރައީސް ނަޝީދު މުޒާހަރާތައް ކުރެއްވި ދުވަސްވަރުން ފެށިގެން ދާދި މިދާކަށް ދުވަހާ ހަމައަށް ވެސް އެމަނިކުފާނަށް ތާއީދު ކުރާ މޫސަބޭ ކުރަނީ މިސުވާލެވެ. މިހާރު ވެސް ގިނަ ނިންމުންތަކެއް އަމިއްލަ ފުޅަށް ފެނިވަޑައިގަންނަވާ ގޮތަށް ރައީސް ނަޝީދު ނިންމަވާ އިރު، ރައްޔިތުންގެ މަޖިލީހުން ނުވަތަ ކޯޓުތަކުން ނިންމަވާ ކަންތައްތަކަށް އިހްތިރާމް ނުކުރައްވަނީ ކީއްވެތޯ ކުރައްވާ ސުވާލެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ކޯޓްތަކުގެ "ތަޅުދަނޑި" ރަސްމީކޮށް އެމަނިކުފާނަށް ލިބިވަޑައިގަތުމުން ދެން ކަންތައްތައް ކުރައްވާނީ ކިހާ ހުދުމުހުތާރުކޮށްތޯ ކުރެވޭ ސުވާލެވެ.

ރައީސް ނަޝީދާއި އެމްޑީޕީގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ވެސް މިހާރު ވިދާޅުވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވަރަށް އަވަހަށް އެމްޑީޕީއަށް ލިބޭނެ ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ ބައެއް މަސްދަރުތައް ބުނާ ގޮތުން މިހާރު ވެސް އެމްޑީޕީ އަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިފަ އެވެ.
ރައީސް ނަޝީދު ވިދާޅު ވަނީ އެމްޑީޕީ އަށް މެޖޯރިޓީ ލިބުނަސް ބޮޑާކަން އިސްކޮށްގެން ނުވާނެ ކަމަކަށެވެ.
ނަމަވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުން އެގޮތަށް ކަން ކުރައްވާނެކަން އެއީ އަދި ޔަގީންވާ ކަމެއް ނޫނެވެ.
މެޖޯރިޓީ ލިބުމާ މެދު ވާހަކަ ދައްކާލި އެމްޑީޕީގެ ގިނަ އާއްމު މެމްބަރުން ވެސް ދެކެނީ އެއީ މިހާރު ހުރި މައްސަލަތަކަށް ހައްލެއް ލިބުނަސް އެކަމުގެ ސަބަބުން ބޮޑު ނުބައެއް ވެސް އުފެދިދާނެ ކަމެއްގެ ގޮތުގަ އެވެ.
ވެރިކަން ކުރާ ޕާޓީ އަށް މަޖިލިސްގެ މެޖޯރިޓީ ލިބުމަކީ އެކަކަށް ހުރިހާ ބާރުތަކެއް ލިބުން ކަމުގައި ނުބެލެވޭނެތޯ އެވެ؟ އަދި އެގޮތަށް އެކަކަށް ހުރިހާ ބާރެއް ލިބިމުން ހުދުމުހުތާރުކަމަށް މަގު ފަހި ނުވާނެތޯ އެވެ؟ އަދި ރައީސް ނަޝީދަކީ އެގޮތަށް ލިބިވަޑައިގަންނަވާ ބާރުތަކެއް ހުދުމުހުތާރު ގޮތެއްގައި ބޭނުންފުޅު ނުކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ބޭފުޅެއްތޯ އެވެ؟

މިއީ އެމްޑީޕީ އަށް ލިބޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވާ މަޖިލިސްގެ މެޖޯރިޓީ ލިބުމަށް ފަހު އުފެދޭނެ ސުވާލުތަކެވެ. މިސުވާލުތަކަށް ވަނީ ރާއްޖޭގެ ގާނޫނީ އަދި ސިޔާސީ ބޭފުޅުން ކޮޅެއް ޖަވާބު ދެއްވައިފަ އެވެ.
ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރުގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވަނީ ވެރިކަން ކުރާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުނަސް ރާއްޖޭގައި ޚުދުމުހުތާރު ވެރިކަމަކަށް ޖާގަ ނުލިބޭނެ ކަމަށެވެ.

"ރާއްގައި ޚުދުމުހުތާރު ވެރިކަމަކަށް އެންމެ ބޮޑަށް ހުރަސްއަޅާ އެއްކަމަކީ މުސްތަގިއްލު ޝަރުއީ ނިޒާމް. އަދި ރާއްޖޭގެ ގާނޫނު އަސާސީ އަކީ ވެސް އެފަދަ ވެރިކަމަކަށް ހުރަސްއަޅާ ގާނޫނު އަސާސީއެއް." ވެރިކަން ކުރާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާނެ ކަން ވެސް އިއުލާން ކުރައްވާފައިވާ ޑރ. ޝަހީދު ވިދާޅުވި އެވެ.
ގާނޫ އަސާސީން ޚުދު މުހުތާރު ވެރިކަމަށް ހުރަސް އެޅިޔަސް، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން ގާނޫނު އަސާސީއަށް ބަދަލުތައް ގެނެވިދާނެ ނޫންތޯ ދެންނެވުމުން ޝަހީދު ވިދާޅުވީ އެފަދަ ކަމެއް ކުރުމަކީ މަޖިލީހުގެ މެޖޯރިޓީ ލިބުނަސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މަޖިލީހުގެ މެޖޯރިޓީ ލިބުނަސް އެފަދަ ކަމެއް ނުކުރެވޭނެ، ގާނޫނު އަސާސީއަށް ބަދަލެއް ގެނައުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި ވޯޓް ބޭނުންވޭ." އޭނާ ވިދާޅުވި އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ މިހާރު ކަންތައްތައް ހިނގަމުންދާ ގޮތަށް ބަލާއިރު މަޖިލީހުގެ ތިންބައި ކުޅަ ދެބައި ވެރިކަން ކުރާ އެމްޑީޕީ އަށް ނުލިބޭނެ ކަމަކަށް ވެސް ކަނޑައަޅައި ބުނެވިދާނެތޯ އެވެ؟ އެހެން ކަމުން އެފަދަ ދުވަހެއް އަތުވެއްޖެ ނަމަ ގާނޫނު އަސާސީ އަށް ވެސް ބަދަލު ނުގެނެވޭނެތޯ އެވެ؟

ކުރީގެ ސަރުކާރުގެ ޖަސްޓިސް މިނިސްޓަރުކަން ކުރައްވާފައިވާ އަދި އެ ސަރުކާރު ވެރިކަމަށް އައުމަށްޓަކައި އިންތިހާބުގެ ދެ ވަނަ ބުރުގައި އިއްތިހާދުވި އެއްޕާޓީ ކަމަށްވާ ގައުމީ ޕާޓީގެ ނައިބު ލީޑަރު ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ވެރިކަން ކުރާ އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބުނަސް އިތުރަށް ގޯސްވެދާނެ ކަމެއް ނެތްކަމަށެވެ.
"މިސަރުކާރުގެ އަމަލުތައް ހުރި ގޮތަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން އިތުރަށް ގޯސްވާނެ ކަމެއް ނެތް. މަޖިލީހުގެ މެޖޯރިޓީ ނެތިވެސް ވަނީ ޚުދުމުހުތާރު އެތައް ކަމެއް ކުރައްވާފައި. ގާނޫނުތައް ފާސްކުރީމާ ތަސްދީގު ނުކުރައްވައި ހިފަހައްޓަވާ. ކޯޓްތަކުން ކުރައްވާ ހުކުމަތަކަށް ވެސް ހައްދަވަނީ އެފަދަ ގޮތެއް." ޑރ. ޖަމީލް ވިދާޅުވި އެވެ.

ސަރުކާރުން ކޯޓްތަކުގެ ހުކުމްތަކަށް އަމަލުނުކުރައްވާ ކަމުގެ ހެއްކެއް ކަމަށް ޖަމީލް ދެއްކެވީ ކުރީގެ ޓީވީމޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑުގެ މުދާތައް އެމްބީސީއާ ހަވާލުނުކުރައްވާ އޮތް އޮތުމެވެ. އޭނާ ވިދާޅުވީ ލޯކައުންސިލްތައް އިންތިހާބުވެފައި ވަނިކޮށް ގައުމީ އިދާރާތައް އުފެއްދެވުމަކީ ވެސް އެފަދަ ކަމެއް ކަމަށެވެ.
"މިހިރީ ކުރައްވާފައި ހުރި ކަންތައްތައް އެހެން ވީމާ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން އިތުރަށް ގޯސްވާނެ ކަމެއް ނެތް." ޖަމީލު ވިދާޅުވި އެވެ.


ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވި އިންތިހާބުގެ ދެވަނަ ބުރުގައި އުފެދުނު ކޯލިޝަންގައި ހިމެނޭ އަދި މިހާރު ވެސް ސަރުކާރާ އެކު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީގެ ތަރުޖަމާން އައްޝައިޚު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ވެރިކަން ކުރާ ޕާޓީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ހުދުމުހުތާރު ވެރިކަމަކަށް މަގުފަހި ވެދާނެ ކަމެއް ކަމަށެވެ.

"ވެރިކަން ކުރާ ޕާޓީ އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ހުދުމުހުތާރު ވެރިކަމަކަށް މަގު ފަހި ވެދާނެ ކަމެއް. ނަމަވެސް އެކަން ބިނާވެފައި އޮންނާނީ ވެރިކަން ކުރާ ޕާޓީގެ އިހުލާސްތެރިކަން އޮތް މިންވަރެއްގެ މައްޗަށް." އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާފައިވާ ޝަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާތަނަށް ކަންތައްތައް ހިނގަމުން އައި ގޮތަށް ބަލާއިރު ވެރިކަން ކުރާ ޕާޓީ އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ރައްޔިތުން ވިސްނާލަން ޖެހޭނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މޫސަބޭ ބުނަނީ ވެރިކަން ކުރާ އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން ހުދު މުހުތާރުވާނީ ރައީސް ނަޝީދު ނޫން ކަމަށެވެ. ނަމަވެސް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް އިސް ފަރާތްތަކުގެ ސަބަބުން އެކަން އެގޮތަށް ކުރައްވަން ނަޝީދަށް ވެސް މަޖުބޫރު ވެދާނެ ކަމަށް މޫސަބޭ ދެކެ އެވެ.

މާބައިދޫގައި ފަސް މީހުން ވެގެން އަންހެންކުއްޖަކު ރޭޕްކޮށްލައިފި ކަމަށް ރަށު ކައުންސިލުން ބުނެފި

ލ. މާބައިދޫގައި ރޭ ފަސް މީހުން ވެގެން އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްލައިފި ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

އެ އަންހެންކުއްޖާގެ އާއިލާއާ ހަވާލާދީ މާބައިދޫ ރަށު ކައުންސިލްގެ ރައީސް އިބުރާހީމް މުހައްމަދު މިއަދު ވިދާޅުވީ އެ ހާދިސާ ހިނގިކަމަށް ބެލެވެނީ އިރުއޮއްސި 6.30 އެހާކަންހާއިރު ކަމަށެވެ.

"އަންހެން ކުއްޖާ ވަހަކަ ދައްކާ. އޭނާ ބުނީ އޭނާ އަށް ހަމަލާދިން މީހުން އެނގޭ ކަމަށް،" އިބުރާހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އަންހެން ކުއްޖާ ގެއްލިގެން އޭނާގެ އާއިލާގެ މީހުން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ރޭ 8.30 އެހާކަންހާއިރު ކަމަށެވެ. އަދި އާއިލާ އިން އެކަން ރަށު ކައުންސިލަށް އެންގީ އަންހެން ކުއްޖާ ފެނުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަންހެން ކުއްޖާ ދިޔަ ކަމަށް ވަނީ ފޯނުން ވާހަކަ ދައްކަމުން ފުއްޓަރަށް ދާން އޮންނަ މަގުން ވަކި ހިސާބަކަށް. އެއީ ބޯކޮށް ހެދިފައިވާ ރުއްގަނޑެއްގެ ތެރެއިން ހަދާފައިވާ މަގެއް. އެމަގުން ދަނިކޮށް އޭނާގެ އަނގަމަތީގައި އަތްއަޅައިގެން ގެންދިޔައީ،" އަންހެން ކުއްޖާ ދިން މައުލޫމާތާ ހަވާލާދީ އިބްރާހީމް ވިދާޅުވި އެވެ.

އިބްރާހީމް ވިދާޅުވި ގޮތުގައި އަންހެން ކުއްޖާގެ ހެދުން ވަނީ ވީދާލައިފަ އެވެ. އަދި ބުރުގާ އެހާހިސާބުގައި ވެސް ނެތް ކަމަށާއި އަދި އޭނާ އަށް ނުވެސް ހިނގޭ ކަމަށެވެ.

އަންހެން ކުއްޖާ ރަށުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދިނުމަށް ފަހު މިހާރު އިނީ ގޭގައި ކަމަށާއި އޭނާ އަށް ތަފާތު ހާނީއްކަތައް ވެފައިވާ ކަމަށް ބެލެވޭ ކަމަށް އިބްރާހީމް ވިދާޅުވި އެވެ. ނަމަވެސް ފުލުހުންގެ ހާޒިރުގައި ނޫނީ ޑޮކްޓަރުގެ ރިޕޯޓް ނުބައްލަވަންވެގެން އަދި ބާއްވާފައި އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރޭ 8.30 ހާކަންހާއިރު ގަމުގައި ތިބޭ ފުލުހުންނަށް އަޅުގަނޑުމެން ވާނީ މިމައްސަލަ ރިޕޯޓްކޮށްފައި، ނަމަވެސް ފުލުހުން އަދި ވެސް ނާދޭ،" މިއަދު ހެނދުނު 9.15 ހާކަންހާއިރު ވާހަކަ ދައްކަވަމުން އިބްރާހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ރޭ ނައީ ވިއްސާރަވީމާ ކަމަށް ބުނެ އެވެ. އަދި ކުއްޖާ ލައިގެން ހުރި ހެދުން ރައްކާކޮށްފައި ބޭއްވުމަށާއި ކުއްޖާ ޑޮކްޓަރަށް ދައްކައިގެން ރިޕޯޓް ހެދުމަށް ވެސް ފުލުން ރަށު ކައުންސިލްގައި ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ 18 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްލި ކަމުގެ ރިޕޯޓެއް ރޭ ލިބިފައިވާ ކަމަށާއި މިހާރު ފުލުހުން ގެންދަވަނީ އެ މައްސަލަ ތަހުގީގު ކުރައްވަމުން ކަމަށެވެ.

"ފުލުހުން މިހާރު އެ ރަށުގައި ހަރަކާތްތެރި ވަމުން ދަނީ." ޝިޔާމް ވިދާޅުވި އެވެ.

Monday, May 23, 2011

Abdula Abdul Raheem Sign MDP - foto Album
















Ali waheedh ,adubarey ,suja sign MDP - foto file




















ޔޫރަޕް އަޅީގެ ތެރޭގައި ފޮރުވެނީ!

އައިސްލޭންޑްގެ ސްނޯތަކުގެ ތެރޭގައި ހުރި ބިޔަ އަލިފާން ފަރުބަދައެއް ގޮވައި އެސަރަހައްދަށް އަޅީގެ ވިލާގަނޑެއްގެ ހިޔަނި އެޅެމުން އެބަދެ އެވެ. އެކަމުގެ ސަބަބުން އައިސްލޭންޑާއި އަޔަލެންޑްގެ އިތުރުން އިނގިރޭސިވލާތުގެ މަތިންދާބޯޓްތަކުގެ ދަތުރުތައް ހުއްޓާލާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ޓެބްލޮއިޑް ނޫހެއް ކަމަށްވާ ޑެއިލީ މެއިލް ބުނެއެވެ.
އައިސްލޭންޑްގެ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ބޭރުވި، އަޅި އާއި ދުމާއި އާވި ރޭ ވަނީ އަޔަލޭންޑާއި ސްކޮޓްލޭންޑްގެ މައްޗަށް ފެތުރިފަ އެވެ. އެހެންވެ އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ ބްރިޓިޝް އެއާވޭސްގެ ހުރިހާ ދަތުރެއް ވަނީ ކެންސަލްކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ ހީތްރޯ އެއާޕޯޓާއި ގޭޓްވިކް އަދި ގްލާސްގޯ އެއާޕޯޓުން ފުރުމަށާއި އެއާޕޯޓްތަކަށް ދިއުމަށް ހަމަޖެހިފައިވާ ބްރިޓިޝް އެއާވޭސްގެ 30 ނުވަތަ 40 ފްލައިޓް ވަނީ ކެންސަލްކޮށްފަ އެވެ. މީގެ އިތުރުން އެބާޑީން އަށާއި އެޑިންބާފް، ގްލާސްގޯ އަދި ގްލާސްގޯ އަށް ގޮސްއައިސް ވުމަށް ހަމަޖެހިފައިވާ ރޯޔަލް ޑަޗް އެއާލައިންގެ 16 ފްލައިޓް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އަޅީގެ ވިލާގަނޑު ދެކުނަށް ޖެހި އިނގިރޭސިވިލާތާއި ވޭލްސްގެ އެކި ސަރަހައްދުތަކަށް އެކި މިންވަރަށް އަޅީގެ އަސަރުކުރާނެ އެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު އައިސްލޭންޑް އެޖަފްޖަލަޖޮކުލް ނަމަކަށް ކިޔާ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން މުޅި ޔޫރަޕްގެ ވައިގެ ސަރަހައްދު ބަންދުވެގެން ދިޔަ އެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ވައިގެ ދަތުރުތަކާ ބެހޭ އިދާރާ އިން ބުނެފައި ވަނީ މިފަހަރު އެގޮތަށް ވައިގެ ދަތުރުތައް މުޅިން ހުއްޓާލަން ޖެހޭނެ ކަމަކަށް ނުފެނެ އެވެ. އެއީ މިދިޔަ އަހަރު އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ފެތުރުނު އަޅީގެ ސަބަބުން ހަ ދުވަސް ވަންދެން ވައިގެ ދަތުރުތައް ހުއްޓާލާފައި އޮތް ނަމަވެސް އަޅީގެ އަސަރު ކުޑަ ދުވަސް ދުވަހު ބައެއް ދަތުރުތައް ކުރެވޭވަރު ވެފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ ކަމަށް އެއިދާރާ އިން ބުނެ އެވެ.

އައިސްލޭންޑްގެ އަލިފާން ފަރުބަދަ ގޮވައި މުޅި ޔޫރަޕްގެ ވައިގެ ދަތުރުތައް ހުއްޓުމަކަށް އައިތާ ބަރާބަރު 13 މަސް ދުވަސް ފަހުން މިފަހަރު މިގޮވި ގޮވުމުގެ ސަބަބުން ކުރީ ފަހަރަށް ވުރެ ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް ބައެއް ސައިންސްވެރިން ދަނީ ލަފާކުރަމުންނެވެ.

އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އަޅީގެ ވިލާގަނޑެއް ފެތުރިފައިވާތީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަޔަލޭންޑަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ކުރައްވާނެ ކަމަށް ކުރިން ބެލެވިފައި ވީނަމަވެސް އޮބާމާ ވަނީ އިއްޔެގެ ފަހުގެ ވަގުތެއްގައި އެދަތުރު ކުރައްވައިފަ އެވެ.

ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލީހުގެ ހުރިހާ ނިންމުމެއް އަނބުރާލާނަން: މޫސަ

23:03 ދުއާ އަށް ފަހު، ޖަލްސާ ނިންމައިލައިފި.































މިރޭގެ ޖަލްސާގައި ޑީއާރްޕީން އެންމެ ފަހުން ވަކިވެވަޑައިގެންނެވި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް އެމްޑީޕީއަށް ސޮއިކުރައްވާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
22:56 އަބްދުއްރަހީމްއަށް މަރުހަބާ ވިދާޅުވެ، ޅެން ބައިތެއް ވިދާޅުވުމަށްފަހު ރައީސް ސްޓޭޖުން ފައިބައިވަޑައިގެންފި. 22:55 ރައީސް ނަޝީދުގެ ވާހަކަފުޅު ފައްޓަވައިފި. 22:51 އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބޭ ދުވަހަކީ [39 މެމްބަރުން ހަމަވާ ދުވަހަކީ] މިނިވަން މުއައްސަސާތަކާ ފަނޑިޔާރުން "ވިސްނަން" ޖެހޭނެ ދުވަހެއް ކަމަށް މޫސަ ވިދާޅުވި. 22:50 ސަރުކާރުން ބޭނުންވި ގޮތާ ހިލާފަށް މަޖިލީހުން ނިންމައިފައިވާ ތަފާތު ނިންމުންތައް ސަރުކާރުން ބޭނުންވާ ގޮތަށް ބަދަލުކުރާނެ ކަމުގެ އިންޒާރު މޫސަ ދެއްވަމުން އެބަދޭ. އެގޮތުން ސަރުކާރުން ބޭނުންވާ ގޮތަށް މާލިއްޔަތާ ބެހޭ ގާނޫނު އަނބުރާ ގެންނާނެ ކަމަށާއި ލާމަރުކަޒީ އުސޫލުން ހިންގުމަށް ހަތް ސަރަހައްދަކަށް ރާއްޖެ ބަހާލާނެ ކަމަށް ވެސް ވިދާޅުވެއްޖެ. 22:44 މައުމޫނަށް ދޭ ހުރިހާ އިނާޔަތެއް ހުއްޓުވާލާނެ ކަމަށް މޫސަ ވިދާޅުވި. 22:41 ރީކޯ މޫސަ ވާހަކަދައްކަވަނީ: ސަރުކާރުގެ ވަޒީރަކު ދެން ވަކުކުރާކަށް ލާހިކައެއް ނޫން.. މިފަހަރު ދާނީ ގަވަރުނަރޭ. މިނިސްޓަރުން ތިއްވަބާނީ އަތްޖަހާށޭ. 22:30 އެމްޑީޕީ ދޫކޮށްފައި އެއްވެސް މެމްބަރަކު ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ގޮންޖައްސަވައިފި. 22:26 އެމްޑީޕީގައި ހުންނެވުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން އުޅުއްވާ ކަމަށް އިއުލާންކުރައްވައިފައިފާ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު ޝިފާގު މުފީދުވެސް ވާހަކަދައްކަވައިފި. 22:06 "އަޅުގަނޑު މިހިރީ ހިތާ ރޫހުން އެމްޑީޕީއާ ގުޅިފައި" އަބްދުއްރަހީމް ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވި. އެއްވެސް މީހަކަށް ދެން އެނިންމުން ބަދަލުނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި. 22:06 އަބްދުއްރަހީމް އެމްޑީޕީއަށް ސޮއިކުރައްވައިފި. އެބްދުއްރަހީމް އެމްޑީޕީއަށް ސޮއިކުރެއްވުމުން އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންގެ އަދަދު ވަނީ 34ށް އަރައިފަ. 22:05 އަބްދުއް ރަހީމް ޖަލްސާއަށް ވަޑައިގެންފި. 21:58 އެމްޑީޕީއަށް މިރޭ ލިބޭ މެޖޯރިޓީއާއެކު މަޖިލީހުގެ 11 ވަރަކަށް ކޮމިޓީގެ އަޣުލައްބިއްޔަތު ލިބޭނެ ކަމަށް ކާނަލު ވިދާޅުވި. މާލިއްޔަތު ކޮމިޓީގެ އަޣުލަބިއްޔަތު ވެސް ލިބޭނެ ކަމަށް ވިދާޅުވި. ކާނަލް ވިދާޅުވީ، ސަރުކާރަށް އުނދަގޫ ކުރުމަށް ހަދައިފަ ހުރި ހުރިހާ ގާނޫނުތަކެއް ކޮޅާލާނެކަމަށް. އެގޮތުން މާލިއްޔަތު ގާނޫނުވެސް އަލުން އިސްލާހު ކުރާނެ ކަން ފާހަގަކުރެއްވި. 21:55 ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު )ކާނަލް( ވާހަކަދައްކަވަނީ. މިރޭ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑާ ރީކޯ މޫސަ މަނިކު މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ވެގެންދާނެ ކަމަށް ކާނަލް ވިދާޅުވި. 21:42 އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވާހަކަދައްކަވަނީ. ހިދުމަތް ހޯދުމުގައި ދިމާވާ އިދާރީ ދަތިތައް ހައްލުކޮށްދޭން ޕާޓީން މަސައްކަތްކުރާނެ ކަމަށް ޑރ. ޑީޑީ ވިދާޅުވި. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޕާޓީގެ ގޮތްޕެއް ނުވަތަ އޮފީހެއް ގާއިމްކުރާނެ ކަމަށް ވެސް ވިދާޅުވި. 21:34 "ވައުދުތައް މެކުހަށް" މި ނަމުގައި އެމްޑީޕީން ބާއްވާ ޖަލްސާ ދެންމެ ފަށައިފި އެވެ. ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އަބްދުﷲ އަބްދުއްރަހީމް ވެސް އެންމެފަހުން އެމްޑީޕީއަށް

ޑީއާރްޕީން ދާދި ފަހުން ވަކިވެވަޑައިގެންނެވި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބުއްރަހީމް ވެސް އެމްޑީޕީއަށް މިރޭ ސޮއިކުރައްވައިފި އެވެ.

އޭނާ އެމްޑީޕީއާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ ހަބަރު މީގެ ކުރިން ވެސް ވަނީ ފެތުރިފަ އެވެ. އަދި މިދިޔަ ހަފްތާތެރޭ އެމްޑީޕީއަށް އަބްދުއްރަހީމް ސޮއިކުރެއްވިކަން ވެސް ވަރަށް މުއުތަބަރު ފަރާތަކުން ސަން އަށް ކަށަވަރުކޮށްދީފައިވެ އެވެ.

"އެމްޑީޕީ މެކުހަށް" މި ނަމުގައި މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު އަބްދުއްރަހީމް ވިދާޅުވީ، "މިހިރީ ހިތާ ރޫހުން އެމްޑީޕީއާ ގުޅިފައި" ކަމަށެވެ. އަދި އެނިންމުން އެކަކަށް ވެސް ބަދަލެއް ދެން ނުކުރެވޭނެ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް އެމްޑީޕީއާ ގުޅުމުން އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕް މެމްބަރުންގެ އަދަދު ވަނީ 34ށް އަރައިފަ އެވެ. އެހެންކަމުން، ޑީއާރްޕީ/ޕީއޭ ކޯލިޝަނުގެ މައްޗަށް އެމްޑީޕީން މިހާރު ވަނީ އެއް ގޮނޑީގެ ކުރި ހޯއްދަވައިފަ އެވެ. އިދިކޮޅު ކޯލިޝަނުގައި ހިމެނޭ 33 ގޮނޑި ބެހިފައިވަނީ، ޕީއޭގެ ހަތް މެމްބަރުންނާއި ޑީއާރްޕީގެ 26 މެމްބަރުންގެ މައްޗަށެވެ.

އެމްޑީޕީން މިރޭ ބުނެފައިވަނީ، އަބްދުއްރަހީމް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕާ ގުޅިވަޑައިގަތުމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު ކަމަށް އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕް ލީޑާ ރީކޯ މޫސަ މަނިކު ބަދަލުވާނެ ކަމަށެވެ. އަދި އެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން ބޭނުން ނުވާ ގޮތަށް މަޖިލީހުން ނިންމައިފައިވާ ނިންމުންތައް އަނބުރާލާނެ ކަމަށް ވެސް އެޕާޓީން ބުންޏެވެ.

މަރާލައި ވިލިމާލޭ ވަލަށް އެއްލާލައިފައި އޮތް ކުއްޖާގެ މަންމަ އާއި ވިއްސި މީހާ ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި


މަރާލައި ކޯސްޓް ދަޅަކަށްލުމަށްފަހު ވިލިމާލޭ ވަލު ތެރެއަށް އެއްލާލާފައި އޮއްވައި މިދިއަ ހުކުރު ދުވަހުގެ ރޭ ފެނުނު ހަމަހުގެ ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގައި ކުއްޖާގެ މަންމަ ކަމަށް ތުހުމަތު ކުރާ މީހާއާ ކުއްޖާ ވިއްސި ކަމަށް ތުހުމަތު ކުރާ މީހާ މިއަދު މާލޭން ހައްޔަރު ކޮށްފި އެވެ.

ފަހަކަށް އައިސް މަރާލުމަށްފަހު އެއްލާލައި ކުދިންގެ އަދަދު އިތުރުވަމުންދާތީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންސްޕެކްޓަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު މިއަދު ވިދާޅުވީ ވިލިމާލޭ ގައި މަރާލައި ކޯސްޓް ދަޅެއްގައި ބަންދުކޮށް އެއްލާލާފައި އޮއްވައި ފެނުނު ފިރިހެން ކުއްޖާގެ މަރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ކުއްޖާ ވިހެއި މީހާ ކަމަށް ތުހުމަތު ކުރާ ނ. މަނަދޫ ފިނޮޅު، އައިމިނަތު ޝާއިރާ 30، އާއި ކުއްޖާ ވިއްސި ކަމަށް ތުހުމަތު ކުރާ ކ. ހުރާ ސަކީނާ މަންޒިލް ފާތުމަތު އާނިޔާ 24، ކަމަށެވެ. އަދި އެ ދެ މީހުން އުޅެމުން ދަނީ މ. ގޮލްޑަންލީފް ކިޔާ ގެއެއްގައި ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށް ސުވާލު ކުރަމުން އަންނައިރު ޝައިރާ މީގެ ދެ ދުވަހެއް ކުރިން ވިހެއި ކަމަށް ތަހުގީގު ބުނެފައިވާ ކަމަށެވެ. އަދި ދަރިފުޅު ކޮބައިތޯ ސުވާލު ކުރުމުން ދަރިފުޅު ވީ ތަނެއް ނޭންގޭ ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ. ޝާއިރާގެ އިތުރު ތަހުލީލުތައް ޑޮކަޓަރުން މެދުވެރިކޮށް އަންނަނީ ކުރަމުން ނެވެ.

"މިމައްސަލައިގައި އެހީތެރިވި ކަމަށް ބެލެވޭ ފާތުމަތު އާނިޔާ އާ ސުވާލު ކުރުމުން އޭނާ މިކަމުގައި ކުއްޖާ ވިއްސުމުގައި އަދި ކަންތައްތައް ކުރުމުގައި އެހީތެރިވެ ދީފައިވާ ކަމަށް ބުނެ ތަހުގީގަށް އެއްބާރުލުން ދެމުން ދަނީ،" ނަވާޒު އިތުރަށް ވިދާޅުވި އެވެ.

ވިހާފައި އެއްލާލާފައި އޮއްވާ ފެނުނު ހަތަރު ކުދިންގެ މައްސަލަ ވެސް ފުލުހުން އަންނަނީ ވަރަށް ސީރިއަސް ކޮށް ބަލަމުން ކަމަށާއި މީގެ ދެ ހަފްތާ ކުރިން ޓްރެކް ސަރަހައްދަށް އެއްލާލާފައި އޮއްވާ ނެގި އަންހެން ކުއްޖާގެ މަރާ ގުޅިގެން މުހިންމު މަޢުލޫމާތު ތަކެއް ލިބި އެ މައުލޫމާތު ތައް ވެރިފައި ކުރަމުން އަންނަ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.

އެ މައްސަލަ ތަކާ ގުޅިގެން ބައެއް ފަރާތްތަކުގެ ޑީއެންއޭ ނަގާފައިވާއިރު ގިނަ މައްސަލަ ތަކާ ގުޅޭ ސީދާ މައުލޫމާތު ނުލިބޭތީ މީހުން ހައްޔަރު ނުކުރެވޭ ކަމަށް ނަވާޒު ވިދާޅުވި އެވެ.

* ފުރަތަމަ ސަފްހާ * ޚަބަރު * ކުޅިވަރު * ރިޕޯޓް * ދުނިޔެ * ވާހަކަ * ތާރީޚް * ޓެކްނޮލޮޖީ * ވިޔަފާރި * ކޮލަމް * ފޮޓޯ އިން * ޚަބަރާއި ފޮޓޯ ފޮނުވުމަށް * * ޚިޔާލެއް ފޮނުވާ * :މިދުވަސްވަރު * މާރާމާރީ * ބަދުއަހުލާގީ * ޑޮލަރު * ރައްޔިތުންގެ މަޖިލިސް * ޒުވާނުންގެ މުޒާހަރާ އައިޖީއެމްއެޗަށް ގެންދަން މާއިޝް އެމްބިއުލަންސަށް އަރުވަނީ: ނާއިޝްގެ ބޮލުގެ ތިން ތަނަކަށް ވަޅި ހެރި ކަމަށްވޭ-- ގްރޫޕަކުން 14 އަހަރުގެ ކުއްޖެއްގެ ބޮލަށް ވަޅިހަރައި ޒަހަމްކޮށްލައިފި



ގޫރޫޕަކުން ބިރުދައްކައި، ފޯނެއް ދިނުމަށް އިންކާރު ކުރި 14 އަހަރުގެ ކުޑަކުއްޖަކަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

މިއަދު ހަވީރު ރަތްދެބައިމަގުގައި ސީއެޗްއެސްސީ ކައިރިން ވަޅިން ހަމަލާދީ މިއަދު މެންދުރު ފަހު 3:50 އެހާކަންހާއިރު ޒަހަމްކޮށްލާފައި ވަނީ ހއ. ހޯރަފުއްޓަށް އުފަން އިބްރާހިމް މާއިޝް އެވެ. ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 8ގައި ކިޔަވަމުންދާ މާއިޝްގެ ބޮލުގެ ތިން ތަނަކަށް ވަޅި ހަރައި ޒަހަމްކޮށްލައިފައިވެ އެވެ. އެ ހަމަލައަށްފަހު އޭނާ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށް ނަމަވެސް، މިހާރު ވަނީ އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.

މާއިޝްގެ ބޮޑުދައިތަ އައިމިނަތު ޒުހުރިއްޔާ ސަން އަށް މައުލޫމާތު ދެމުން މިއަދު ބުނީ، ކޮށްކޮއަށް ހަމަލާދިނީ އޭނާގެ ރައްޓެއްސެއްގެ ގެޔަށް ފޮތެއް ބަލާ ދިޔަ މަގުމަތީގައި، އޭނާ އަތުގައި އޮތް ފޯނު ފޭރެން މަސައްކަތް ކުރި ގްރޫޕަކަށް އެ ފޯނު ދިނުމަށް އޭނާ ދެކޮޅު ހަދެމުން ކަމަށެވެ.

"ސްކޫލް ޓެސްޓް ދުވަސްވަރު ކަމުން، ރައްޓެއްސެއްގެ ގެޔަށް ފޮތެއްބަލާ ދިޔަވަގުތު ސީއެޗްއެސްސީ ކައިރިން ދިމާކުރި ބަޔަކު ތަޅާގަތީ. ބޮލުގެ ތިންތަނަކަށް ވަޅި ހެރިކަމަށް ވަނީ،" އޭޑީގޭގައި ހުރެ، ސަންގެ ނޫންވެރިންނާ ވާހަކަދައްކަމުން ޒުހުރިއްޔާ ބުންޏެވެ.

އާއިލާއިން ބުނީ އޭނާގެ ހާލު ސީރިއަސް ކަމަށާއި، އެކަން އަދި ކަށަވަރުވާނީ އައިޖީއެމްއެޗަށް ގޮސް ހަދަންޖެހޭ ޓެސްޓުތައް ހެދުމުން ކަމަށެވެ.

މާއިޝްއަށް މިއަދު ހަވީރު ގްރޫޕަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ، މާރާމާރީއާއި ވައްކަމާއި ފޭރުން މަދު ދުވަސްކޮޅަކަށް މެދުކެނޑިފައި ވަނިކޮށެވެ. އަދި މާރާމާރީއާއި ވައްކަމުގެ ބޮޑެތި ކުއްވެރިން ކަމަށް ތުހުމަތުކުރާ 17 ޒުވާނަކު ބަންދަކޮށް ތަހުގީގުތައް ކުރިއަށް ގެންދަމުންދަނިކޮށެވެ.
----------




މާއިޝް އަށް ހަމަލާ ދިނީ ސީއެޗްއެސްއީ ކައިރީ ހުރި ގެއަކަށް ފޮތެއް ބަލައި ދިޔަ ވަގުތު ކަމަށް އާއިލާއިން ބުނެ އެވެ. އޭނާ ހަމަލަދިނީ އަތުގައި އޮތް މޯބައިލް ފޯނު ނުދިނުމުން ކަމަށް ވެސް ވެ އެވެ.

މާއިޝްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ.
---
މާލޭގައި އުމުރުން 14 އަހަރުގެ ކުއްޖެއްގެ ގަޔަށް މިއަދު ހަރައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ފިރިހެން ކުއްޖާއަށް ހަމަލާދީފައިވަނީ ރަތްދެބައި މަގުގައި މިއަދު 4:00 ޖަހާއެކަންހާއިރު ކަމަށެވެ. އޭނާއަށް ފަރުވާ ދިނުމަށް މިހާރު އޭޑީކޭ އަށް ވަނީ ގެންގޮސްފަ އެވެ
17:47 ހަމަލާދީފައިވަނީ ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 8 ގައި ކިޔަވަމުންދަ ހއ. ހޯރަފުއްޓަށް އުފަން އިބްރާހިމް މާއިޝް އަށެވެ. އޭނާގެ ބޮލުގެ ތިން ތަނަކަށް ވަނީ ވަޅި ހަރައިފަ އެވެ. މިހާރު ފަރުވާދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދަނީ އެވެ. އާއިލާއާއި ރަހުމަތްތެރިން އޭޑީކޭ ހޮސްޕިޓަލުތެރެއަށް ޖަމާވަނީ އެވެ. .

މާފަންނު ގެއެއްގެ ތެރެއިން ވަޒަންތަކަކާއެކު މީހަކު ހައްޔަރުކޮށްފި


the foto is not real

މ. ޝާރިވަރުދީ ހިނގުމުގައި ހުރި ގެއެއްގެ ތެރެއިން އަސްލު ވަޒަން ތަކަކާއެކު ސިފައިންގެ މީހަކު ހައްޔަރުކޮށްފި އެވެ.

މަންޒަރުދުށް މީހަކު ސަން އަށް މައުލުމާތު ދެމުން ބުނީ، އެމީހާ ހައްޔަރުކުރީ އެމަގުގައި ހުރި ފަހިފަރު ގެއިން ކަމަށެވެ. ހައްޔަރުކުރި މީހާއަކީ ކ. ދިއްފުއްޓަން އުފަން އަހުމަދު ޝިޔާޒު ނަމަކަށް ކިޔާ މީހެއް ކަމަށާއި އޭނާ އުޅެނީ އެމްއެންޑީއެފްގެ ވަޒީފާއެއްގައި ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުންޏެވެ. ހައްޔަރުކުރިއިރު ވަޒަންތައް ފެނުނީ ޝިޔާޒް ދިރިއުޅޭ ކޮޓަރި ތެރޭ އޮތް ދަބަހެއްގެ ތެރެއިން ކަމަށްވެ އެވެ.

ނަމަވެސް، މިކަން ފުލުހުންނާއި އެމްއެންޑީއެފުން ވެސް ކަށަވަރުކޮށެއް ނުދެ އެވެ. އަދި މިހާތަނަށް އައިއިރު ދޮގުކޮށްފަ އެއް ވެސް ނުވެ އެވެ.

އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެކަމާބެހޭ މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށާއި، އެކަން ސާފު ކުރައްވާނެ ކަމަށެވެ.