Monday, May 23, 2011

އާދިލުގެ މައްސަލަ ޝަރީއަތަށް ފޮނުވައިފި




ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ސ. މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓުގައި މިއަދު ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އެހެންނަމަވެސް، އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ބައިގަޑިއިރެއްހާއިރު ފަހުން ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އާދިލް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހު އެވެ. އަދި ތަހީގުގަށް ބަންދުގައި ބެހެއްޓުމަށް ފަހު މިހާރު ވަނީ ގޭބަންދަށް ދޫކޮށްލައިފަ އެވެ. ނަމަވެސް، އެންމެ ފަހުން ދިން ގޭބަންދުގެ 10 ދުވަހުގެ މުއްދަތު މާދަމާ އަށް ހަމަވާނެ އެވެ.

އާދިލްގެ މައްޗަށް ދައުވާކޮށްފައިވަނީ ފުލުހުން އެ މައްސަލަ ޕީޖީ އަށް ފޮނުވިތާ ގާތްގަނޑަކަށް 40 އަކަށް ދުވަސް ފަހުންނެވެ. އެ މައްސަލަ ކޯޓަށް ނުފޮނުވާ ލަސްވުމާ ގުޅިގެން އަންހެން ކުއްޖާގެ އާއިލާއިން ވަނީ ޕީޖީ އޮފީހަށް ގޮސް ޝަކުވާވެސް ކޮށްފަ އެވެ.

އާދިލް މަޖިލީހަށް ހޮވިވަޑައިގަތީ ގައުމީ ޕާޓީގެ ޓިކެޓުގަ އެވެ. އެހެންނަމަވެސް، އެޕާޓީން ވަކިވުމަށްފަހު ވަނީ އެމްޑީޕީއަށް މިދިޔަ އަހަރު ސޮއިކުރައްވައިފަ އެވެ.

No comments:

Post a Comment