Wednesday, May 18, 2011

ބުދުތަކަށް ހަދާނެ ގޮތެއް ނިންމަން ކަސްޓަމްސް އިން އިސްލާމިކް މިނިސްޓްރީއާ މަޝްވަރާ ކުރަން ފަށައިފި







ރާއްޖޭގައި ހިންގާ ސްޕާތަކަށް ވިއްކަން ރާއްޖެ އެތެރެ ކުރި ބުދުތަކާ މެދު ގޮތެއް ނިންމުމަށް އިސްލާމިކް މިނިސްޓްރީއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ހިފެހެއްޓި ބުދުތަކާ މެދު އަދި ގޮތެއް ނިންމާފައިނުވާ ކަމަށާއި އެކަމާ ގުޅިގެން މިހާރު އަންނަނީ އިސްލާމިކް މިނިސްޓްރީއާ އެކު މަޝްވަރާ ކުރަމުން ކަމަށެވެ. އަދި އެ އެއްޗެހި އަދިވެސް ހުރީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ކަމަށާއި ނަމަވެސް އެ އެ ބުދުތައް ދޫ ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އިންޑޮނޭޝިއާގެ ބާލީން ރާއްޖެ އަށް ވިއްކަން އެ ބުދުތައް އެތެރެ ކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ހޮޓެލް ސަޕްލަޔާސް ކިޔާ ކުންފުންޏަކުން ނެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ އަހުމަދު އިއްޔެ ވިދާޅުވީ އެ އެއްޗިއްސަކީ އިސްލާމް ދީނާ އެއްވެސް ގުޅުމެއް ހުރި އެއްޗެއްކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އަދި އެފަދަ އެއްޗެއް އެ ކުންފުނިން އެތެރެ ކުރި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެއީ ދީނާ ގުޅޭ އެއްޗެހިތަކެއް ނަމަ ރާއްޖެ އެތެރެ ކުރަން ބޭނުން ނުވާ ކަމަށާއި އެ އެއްޗެހިތައް ފުނޑު ފުނޑު ކޮށްލިއަސް މައްސަލައެއް ނެތް ކަމަށް ވެސް އަލީ ވަނީ ވިދާޅުވެފަ އެވެ.

އާންމުކޮށް ރިސޯޓްތަކުގެ ސްޕާތަކާއި ބާ ފަދަ ތަންތަނުގައި ބަހައްޓާފައި ހުންނަ ޒާތުގެ ހަތަރު ބުދެއް ވަނީ ކަސްޓަމްސް އިން އިއްޔެ ހިފަހައްޓާފަ އެވެ. ތަފާތު ޑިޒައިންތަކަށް ހިލައިން ހަދާފައި ހުރި އެކި ސައިޒުގެ ހަތަރު ބުދު ވެސް އޮތީ ލަކުޑި ފުރޭމްގަނޑެއްގެ ތެރޭގައި ވަރަށް ރީއްޗަށް ބަންދުކޮށްފަ އެވެ.

No comments:

Post a Comment