ޑީއާރްޕީގެ އެތެރޭގައި އުފެދިގެން އުޅޭ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހިޔާލު ނުގެންގުޅުއްވާ ކަމަށާއި އެކަން ކުރަން ޖެހޭނީ ހިޔާލުތަފާތުވާ ބަޔަކު ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރްޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެން ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޒައީމް މައުމޫން ވިދާޅުވީ ޑީއާރްޕީ ކާމިޔާބުކަމާ އެކު ވޭތުވެ ދިޔަ ފަސް އަހަރު ހިންގަވާފައިވާނެ ކަމަށާއި އެކަމުގެ ސަބަބުން ޕާޓީގެ ވަރަށް ގިނަ އާންމު މެންބަރުންގެ ތާއިދު ލިބިވަޑައިގެންފައި ވާނީ އެ މަނިކުފާނަށް ކަމަށެވެ. އަދި ޕާޓީ އުފެއްދުމުގެ އަސްލު މަގްސަދުތަކާ އެއްގޮތަށް ހަރަކާތްތައް ހިންގަމުންދަނީ ޒައީމް ޑީއާރްޕީ ނުވަތަ ޒެޑް-ޑީއާރްޕީން ކަމަށާއި އެ ހަރަކާތަކީ އިސްލާހީ ހަރަކާތެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އެއަކީ ]ޒެޑް-ޑީއާރްޕީއަކީ[ ޑީއާރްޕީ އަސްލު އުފެދުމުގެ މަގްސަދުތައް ހާސިލް ކުރުމަށް މިހާރު އަލަށް ފެށުނު ހަރަކާތެއް. އެހެން މިދެންނެވީ ޑީއާރްޕީ މިދޭތެރެއިން އެހެން ގޮތަކަށް ހިނގައްޖެ. ޑީއާރްޕީގެ އަސާސީ ގަވާއިދާ ހިލާފަށް ފިޔަވަޅުތަކެއް އެޅިއްޖެ. އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް އޮތް ވާޖިބު އޭގެ ފުރިހަމަ އަށް އަދާކުރަމުން ނުދާތަން ދިވެހި ރައްޔިތުން ދެކެފި... އެހެންވީމާ ޒައީމް ޑީއާރްޕީއަކީ އަސްލު ޑީއާރްޕީ. ޑީއާރްޕީ އިސްލާހުގެ މަގުން އުފެދުގެ އަސްލު މަގުސަދުތައް ސިޔާސީ ފިކުރުގެ ކުރިއަށް ގެންދިއުމަށް އުފެދިފައިވާ އިސްލާހީ ހަރަކާތެއް،" އަނބިކަބަލުން ނަސްރީނާ އިބްރާހިމްގެ ބޭސްފަރުވާއަކަށް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމަލާވެއްލުމަށް ފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވި އެވެ.
ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ޕާޓީ ހިންގަވަމުން ގެންދަވާ ގޮތާ މެދު ހިތްހަމަނުޖެހިގެން ވަކި ސިޔާސީ ފިކުރެއްގައި މައޫމޫންގެ ފަހަތްޕުޅުގައި ތިއްބަވައިގެން ފަށާފައިވާ އިސްލާހީ ހަރަކާތާ އެކު ޒެޑް-ޑީއާރްޕީން ސިޔާސީ ޕާޓީއެއް އުފެއްދަވާފާނެތޯ ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މައުމޫން ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމަކީ ހިޔާލުތަފާތުވާ ބަޔަކު ކުރަން ޖެހޭ ކަމެއް ކަމަށާޢި އެއީ އެ މަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
"ވަކި ޕާޓީއެއް އުފެއްދުމުގެ ހިޔާލެއް އަޅުގަނޑު ނުކުރަން. އަދި އެހެން ބަޔަކު ހިޔާލު ތަފާތުވެގެން ވަކިވެގެންދާކަމުގައި ވަންޏާ ޕާޓީއެއް އުފެއްދުމަކީ އެބަޔަކު ކުރަން ޖެހޭނެ ކަމެއް. އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން... ހިޔާލުތަފާތުވާ ބަޔަކު ވަކިވެގެން އެހެން ޕާޓީއެއް އުފެއްދުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ވެސް ނޫން. އެކަމަކު އެބަޔަކު އެގޮތަށް ބޭނުންވެއްޖެއްޔާ ކުރެވިދާނެ ކަމެއް. އެހެންވީމަ އެދާން ޖެހޭނީ އެހެން ބަޔަކު، އަޅުގަނޑެއް ނޫން،" ޑީއާރްޕީގެ ޒައީމް މައުމޫން މިއަދު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ 2013ގެ ރިޔާސީ އިންތިހާބަށް ޒެޑް-ޑީއާރްޕީން ވަކި ކެނޑިޑޭޓެއް ނެރެން ނިންމާފައި ވީނަމަވެސް އަދި އެކަމަށް ގޮތެއް ނިންމާފައި ނުވާ ކަމަށާއި ނަމަވެސް 2013ގެ ކުރިން އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
ޑީއާރުޕީގެ ޒައީމް މައުމޫން ރާއްޖެ ވަޑައިގެންފައި މިވަނީ އެ މަނިކުފާނަށް ރާއްޖެ ވަޑައިނުގަންނެވޭނެ ކަމަށް އެމްޑީޕީގެ ޕަލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު އިންޒާރު ދެއްވާފައި ވަނިކޮށެވެ. މޫސަ މައުމޫނަށް ދެއްވި އިންޒާރާ ގުޅިގެން، މައުމޫން މިއަދު ވިދާޅުވި ކޮންމެ ދިވެއްސަކަށް ރާއްޖެ އައުމާއި ދިއުމުގެ މިނިވަންކަން ގާނޫނު އަސާސީން ލިބިދީފައިވާ ކަމަށެވެ. އަދި އެކަމަށް އެއްވެސް މީހަކަށް ހުރަސް ނޭޅޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން މިއަދު މާލެ ވަޑައިގަތުގެމާ އެކު އެމަނިކުފާނުގެ އިސްތިގުބާލުގައި ކުރީގެ ވަޒީރުންނާއި ޒެޑް-ޑީއާރްޕީގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުންގެ އިތުރުން މައުމޫނަށް ތާއިދު ކުރާ ގިނަ ބަޔަކު އެއް ނަންބަރު ފާލަން ސަރަހައްދަށް ޖަމާވެ، އެ މަނިކުފާނަށް ތާއިދުކޮށް އަޑު އުފުލި އެވެ. އަދި މައުމޫން މިހާރު ދިރިއުލުއްވާ މ. އެންދެރިމާގެ ގެއަށް އެމަނިކުފާނު ވަޑައިގަތުމުން، އެ ސަރަހައްދަށް ވެސް ބަޔަކު ޖަމާވެ، މައުމޫނަށް ރީކޯ މޫސަ ދެއްވި އިންޒާރު ކުއްވެރިކޮށް އަޑު އުފުލި އެވެ.
No comments:
Post a Comment