Monday, May 23, 2011

މަރާލައި ވިލިމާލޭ ވަލަށް އެއްލާލައިފައި އޮތް ކުއްޖާގެ މަންމަ އާއި ވިއްސި މީހާ ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި


މަރާލައި ކޯސްޓް ދަޅަކަށްލުމަށްފަހު ވިލިމާލޭ ވަލު ތެރެއަށް އެއްލާލާފައި އޮއްވައި މިދިއަ ހުކުރު ދުވަހުގެ ރޭ ފެނުނު ހަމަހުގެ ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގައި ކުއްޖާގެ މަންމަ ކަމަށް ތުހުމަތު ކުރާ މީހާއާ ކުއްޖާ ވިއްސި ކަމަށް ތުހުމަތު ކުރާ މީހާ މިއަދު މާލޭން ހައްޔަރު ކޮށްފި އެވެ.

ފަހަކަށް އައިސް މަރާލުމަށްފަހު އެއްލާލައި ކުދިންގެ އަދަދު އިތުރުވަމުންދާތީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންސްޕެކްޓަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު މިއަދު ވިދާޅުވީ ވިލިމާލޭ ގައި މަރާލައި ކޯސްޓް ދަޅެއްގައި ބަންދުކޮށް އެއްލާލާފައި އޮއްވައި ފެނުނު ފިރިހެން ކުއްޖާގެ މަރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ކުއްޖާ ވިހެއި މީހާ ކަމަށް ތުހުމަތު ކުރާ ނ. މަނަދޫ ފިނޮޅު، އައިމިނަތު ޝާއިރާ 30، އާއި ކުއްޖާ ވިއްސި ކަމަށް ތުހުމަތު ކުރާ ކ. ހުރާ ސަކީނާ މަންޒިލް ފާތުމަތު އާނިޔާ 24، ކަމަށެވެ. އަދި އެ ދެ މީހުން އުޅެމުން ދަނީ މ. ގޮލްޑަންލީފް ކިޔާ ގެއެއްގައި ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށް ސުވާލު ކުރަމުން އަންނައިރު ޝައިރާ މީގެ ދެ ދުވަހެއް ކުރިން ވިހެއި ކަމަށް ތަހުގީގު ބުނެފައިވާ ކަމަށެވެ. އަދި ދަރިފުޅު ކޮބައިތޯ ސުވާލު ކުރުމުން ދަރިފުޅު ވީ ތަނެއް ނޭންގޭ ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ. ޝާއިރާގެ އިތުރު ތަހުލީލުތައް ޑޮކަޓަރުން މެދުވެރިކޮށް އަންނަނީ ކުރަމުން ނެވެ.

"މިމައްސަލައިގައި އެހީތެރިވި ކަމަށް ބެލެވޭ ފާތުމަތު އާނިޔާ އާ ސުވާލު ކުރުމުން އޭނާ މިކަމުގައި ކުއްޖާ ވިއްސުމުގައި އަދި ކަންތައްތައް ކުރުމުގައި އެހީތެރިވެ ދީފައިވާ ކަމަށް ބުނެ ތަހުގީގަށް އެއްބާރުލުން ދެމުން ދަނީ،" ނަވާޒު އިތުރަށް ވިދާޅުވި އެވެ.

ވިހާފައި އެއްލާލާފައި އޮއްވާ ފެނުނު ހަތަރު ކުދިންގެ މައްސަލަ ވެސް ފުލުހުން އަންނަނީ ވަރަށް ސީރިއަސް ކޮށް ބަލަމުން ކަމަށާއި މީގެ ދެ ހަފްތާ ކުރިން ޓްރެކް ސަރަހައްދަށް އެއްލާލާފައި އޮއްވާ ނެގި އަންހެން ކުއްޖާގެ މަރާ ގުޅިގެން މުހިންމު މަޢުލޫމާތު ތަކެއް ލިބި އެ މައުލޫމާތު ތައް ވެރިފައި ކުރަމުން އަންނަ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.

އެ މައްސަލަ ތަކާ ގުޅިގެން ބައެއް ފަރާތްތަކުގެ ޑީއެންއޭ ނަގާފައިވާއިރު ގިނަ މައްސަލަ ތަކާ ގުޅޭ ސީދާ މައުލޫމާތު ނުލިބޭތީ މީހުން ހައްޔަރު ނުކުރެވޭ ކަމަށް ނަވާޒު ވިދާޅުވި އެވެ.

No comments:

Post a Comment