Wednesday, May 11, 2011

ކަސްޓަމްސްގެ 700 މުވައްޒަފުން ހުވާކޮށްފި

ކަސްޓަމްސްގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ތަސްދީޤު ކުރެއްވުމާ ގުޅިގެން ކަސްޓަމްސްގެ 700 މުވައްޒަފުން މިއަދު ހުވާކޮށްފި އެވެ.

ކަސްޓަމްސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކަސްޓަމްގެ ޤާނޫނު ތަސްދީގު ކުރެއްވުމާ ގުޅިގެން މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކަސްޓަމްސް އޮފިސަރުން ހުވާކުރަން ފަށާފައިވަނީ މިއަދު ހެނދުނު ކަމަށެވެ. ތިން ބުރަކަށް ބަލާލައިގެން ކުރިއަށް ގެންދިޔަ ހުވާކުރުމުގެ ރަސްމިއްޔާތުގެ ފަހު ބުރު ބާއްވާފައިވަނީ މިއަދު ހަވީރެވެ. ރަށްރަށުގައި ހުވާކޮށްފައިވަނީ އެ ރަށެއްގަ ހުންނަ ކަސްޓަމްސް އޮފީހުގައި ކަމަށާއި ކަސްޓަމްސްގެ ހެޑް އޮފީހުގައި ހުވާކޮށްފައިވަނީ ތިލަފުއްޓާއި ހުޅުލެއާއި ހުޅުމާލޭގައި މަސައްކަތްކުރާ ކަސްޓަމްސް އޮފިސަރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ރަށުން ބޭރުގައާއި ޗުއްޓީގައި ތިބި ކަސްޓަމްސްގެ މުވައްޒަފުން ނޫން އެހެން ހުރިހާ މުވައްޒަފުން މިއަދު ވަނީ ހުވާކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

ކަސްޓަމްސް ޤާނޫނަށް އަމަލުކުރަން ފެށުމާއެކު، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި ކަސްޓަމްސްގެ ހިދްމަތްދީ، ކަމާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ކަސްޓަމްސްގެ ނަމުގައި ޔުނިފޯމް އެޅި މުއައްސަސާއެއް އުފެދޭނެ ކަމަށް އެގާނޫނުގައިވެ އެވެ. އަދި ކަސްޓަމްސްއަކީ ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ، މަދަނީ ހިދްމަތެއް ކަމުގައި ހަމަޖެހިގެންދާނެ އެވެ.

ކަސްޓަމްސް ޤާނޫނަށް އަމަލްކުރަން ފެށުމާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސް ހިނގަމުންދާނީ، މިނިސްޓަރު އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަހްމަދު އިނާޒްގެ ބެއްލެމުގެ ދަށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވަނީ ކަނޑައަޅުއްވާފަ އެވެ. އަދި ކަސްޓަމްސްގެ ވާޖިބުތަކާއި، މަސްއޫލިއްޔަތުތައް އަދާކުރުމުގެ އެންމެހާ ކަންތައްތައް ރާވައި، ކަސްޓަމްސްގެ ކަންކަން ދުވަހުން ދުވަހަށް ހިންގައި ބަލަހައްޓާނެ އެންމެ އިސް ފަރާތަކީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ކަމުގައިވާތީ ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އެމަގާމަށް މުހައްމަދު އަސްވާން އައްޔަން ކުރައްވާފަ އެވެ

No comments:

Post a Comment