Sunday, May 29, 2011

އުމަރު ޑީއާރްޕީގެ ލޯގޯ އާއި ލެޓާހެޑް ބޭނުން ކުރައްވަނީ ހުއްދަ ނެތި ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅައިފި


ޑީއާރުޕީން ވަކިކޮށްފައިވާ، ޒެޑް ޑީއާރްޕީގެ ހިންގާ ކޮމިޓީގެ ޗެއާމަން އުމަރު ނަސީރު ޑީއާރްޕީގެ ލޯގޯ އާއި ލެޓަހެޑް ބޭނުން ކުރައްވަނީ ހުއްދަ ނެތި، ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެ ޕާޓީން ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

ޑީއާރްޕީގެ މީޑިއާ އޮފިޝަލް އަލީ ސޯލިހު މިއަދު ވިދާޅުވީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއްގެ ހުއްދަނެތި ޑީއާރްޕީގެ މެންބަރަކު ނަމަވެސް ޕާޓީގެ ނަމާއި ލޯގޯ ބޭނުންކޮށްގެން އެއްވެސް ހަރަކާތެއް ހިންގައިގެން ނުވާނެ ކަމަށް ޑީއާރްޕީ ކައުންސިލުން ފާސްކޮށްފައިވާ ގަރާރާއި ޕާޓީން ނެރެފައިވާ ގާނޫނީ ނޯޓިސް އާ ހިލާފަށް އުމަރު ނަސީރު އަމަލު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އުމަރުގެ އެ އަމަލަކީ ސިޔާސީ ޕާޓީތަކުގެ ގަވާއިދާ ހިލާފަށް އަމަލު ނުކުރުމަށް އިލްތިމާސްކޮށް އާއްމު ކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ ސާކިއުލާއަށް ބެލުމެއްނެތި ހިންގަވަމުން އަންނަ އަމަލެއް ކަމަށް ވެސް ޑީއާރްޕީން ހުށަހަޅާފައިވާ މައްސަލައިގައިވެ އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ޑީއާރްޕީން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެ ޕާޓީގެ ކުރީގެ ޑިޕިއުޓީ ލީޑަރަކީ އެ ޕާޓީގެ ދަފްތަރުގައި ވެސް ނެތް މީހެއް ކަމަށެވެ. ނަމަވެސް އެ ޕާޓީގެ ނަމުގައި މިމަހު 23 ވަނަ ދުވަހު ވެސް އުމަރު ފުލުހުންނަށް ސިޓީއެއް ފޮނުވިކަން އެނގޭ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

ޑީއާރްޕީގެ ލެޓަ ހެޑްގައި އެ ޕާޓީގެ ޑިޕިއުޓީ ލީޑަރެއްގެ ގޮތުން ސޮއިކޮށް، މި މަހު 23 ވަނަ ދުވަހު ފުލުހުންނަށް އުމަރު ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ޒުވާނުންގެ ނަމުގައި ކުރި މުޒާހަރާ ފުލުހުން ހުއްޓުވާފައިވާ އިރު މި މަހު 23 ގައި އެމްޑީޕީ އެކްޓިވިސްޓުން ކުރި މުޒާހަރާ ހުއްޓުވަން ފުލުހުން އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައި ނުވަނީ އެކަމަކީ ހުއްދަ ދީގެން ކުރިއަށްގެން ދިޔަ ކަމަކަށްވާތީތޯ އޮޅުން ފިލުވަން ބޭނުންވާ ކަމަށެވެ. އަދި މުޒާހަރާ ކުރުމުގައި ވަކި ޕާޓީއަކަށް ނުވަތަ ވަކި ބަޔަކަށް ބެލުމެއްނެވި ހަމަހަމަ ކަމާއި އިންސާފާ އެކު ފުރުސަތު ދިނުމަށް ވެސް އުމަރުގެ އެ ސިޓީގައި ފުލުހުންނަށް ވަނީ ގޮވާލައިފަ އެވެ.

އެ މައްސަލައާ ގުޅިގެން އުމަރުގެ ބަހެއް ހޯދައިލުމަށް ގުޅި ނަމަވެސް ފޯނު ނުނެންގެވުމުގެ ސަބަބުން އުމަރުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ޑީއާރުޕީން އުމަރު ކަނޑާލީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އޭނާ ވަނީ ކޯޓުގައި އެ މައްސަލަ ވައްދާފަ އެވެ. އުމަރުގެ ޝަކުވާއަކީ ޕާޓީގެ އާންމު މެންބަރުން އިންތިހާބު ކުރި މަގާމަކުން ވަކިކުރެވޭނީ އާންމު މެންބަރުންނަށް ކަމަށެވެ.

No comments:

Post a Comment