Wednesday, May 18, 2011

މައުމޫން ސިޔާސީ ޕާޓީގެ ނިޒާމް ގަޑުބަޑުކުރައްވަނީ: ޕްރެސް ސެކްރެޓަރީ

ޒެޑް ފެކްޝަނު އުފައްދަވައިގެން ކުރީގެ ރައީސް އަދި ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް ގެންދަވަނީ ސިޔާސީ ޕާޓީގެ ނިޒާމް "ގަޑުބަޑު" ކުރައްވަމުން ކަމުގައި ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވެއްޖެ އެވެ.

ޒުހެއިރު މިއަދު ވިދާޅުވީ، ޑީއާރްޕީގެ ޒައީމްގެ މަގާމީ އެޕާޓީ "ހިންގުމުގެ ވިއުގައާ ގުޅުމެއް ހުރި މަގާމެއް ނޫން" ކަމަށެވެ. ނަމަވެސް، އެ މަގާމު ބޭނުންކުރައްވައިގެން، އެމަނިކުފާނު ޕާޓީގެ ނިޒާމް ގަޑުބަޑުކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، ޒުހެއިރު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"ޕާޓީގެ ފްލޯ ޗާޓާއި ނުވަތަ އަމުރު މައުރޫފް ހިންގަން ހުރި މަގު ނުވަތަ ވިއުގައާ ގުޅިފައިހުރި މަގާމެއް ނޫން ޒައީމްކަމުގެ މަގާމު އެއީ. އެހެންނަމަވެސް، ހަމަ އެމަގާމުގެ ބޭނުންކުރައްވައިގެން އެޕާޓީގެ ހިންގުމުގެ އޮނގިނޑުން ބޭރުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ހިތްވަރުދެއްވާ އެކިއެކި ކަންތައްތައް ހިނގަވަމުން ގެންދަވާތީ އަޅުގަނޑު މި ދަންނަވަނީ މިހެން. އެމަނިކުފާނު ހުންނެވި މަގާމަކީ ޕާޓީގެ މައްޗަށް އަމުރުތައް ހިންގުމާ ވެސް ގުޅިފައި ހުރި މަގާމެއް ނޫނޭ، މައުމޫން އެ ހަމަ ގަޑުބަޑު ކުރައްވަނީއޭ ސިޔާސީ ޕާޓީގެ ނިޒާމް،" ޒުހެއިރު ވިދާޅުވި އެވެ.

އަދި މިހާރު އަނެއްކާ ވެސް ޑީއާރްޕީ ތެރެއިން ފެންނަމުންދަނީ ކުރީގެ ވެރިކަމުގައި މައުމޫން ގެންގުޅުއްވި ހުދުމުހުތާރު ސިފަތައް ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.

ޒުހެއިރުގެ ވާހަކަތަކާ ގުޅިގެން ޒެޑް ފެކްޝަނުގެ ވަގުތީ ރައީސް އުމަރު ނަސީރު ވިދާޅުވީ، ޑީއާރްޕީން ހިނގަންޖެހޭ ގޮތެއް ނުވަތަ ހިންގަންވީ މީހެއް، އެމްޑީޕީއަކަށް ނުވަތަ ސަރުކާރަކަށް ނޭގޭނެ ކަމަށެވެ.

"އެއީ ޑީއާރްޕީގެ އާއްމު މެމްބަރުންގެ ނިންމުމެއް. ޑީއާރްޕީގެ އާއްމު މެމްބަރުންގެ ނިންމުމަކީ ޒައީމް މައުމޫނުގެ ފަހަތުގައޭ ޑީއާރްޕީ އޮންނާނީ. އެހެންވީމަ އެމްޑީޕީއަކަށް، ޖުހާ އަކަށް، މުހައްމަދު ނަޝީދަކަށެއް ނޭގޭނެ ޑީއާރްޕީ ހިނގަންވީ ގޮތެއް، ހިންގަންވީ ގޮތެއް." އުމަރު ނަސީރު ވިދާޅުވި އެވެ.

No comments:

Post a Comment