ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުގ އުމަރު ނަސީރު އެ ޕާޓީން ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އޭނާ ޑީއާރްޕީއާ ދެކޮޅަށް ކުރައްވާ ދައުވާއަށް ޖަވާބުދާރީވުމަށް ސިވިލް ކޯޓުން ޑީއާރްޕީއަށް މިއަދު ފުރުސަތު ދީފި އެވެ.
އުމަރުގެ ދައުވާ މިއަދު ސިވިލް ކޯޓުގެ ޝަރީއަތުގެ އިއްވުމުން ޑީއާރްޕީގެ ވަކީލު އަނަސް އަބްދުއްސާރު ވިދާޅުވީ އެ ދައުވާއަށް ލިޔުމަކުން ޖަވާބުދާރީވުމަށް ފުރުސަތެއް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. ގާޒީ އަލީ ރަޝީދު ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނީ މެއި 31، ގައި ކަމަށާއި އެ ދުވަހު ޖަވާބުދާރީވާންޖެހޭނެ ކަމަށެވެ.
އުމަރުގެ ފަރާތުން ދައުވާ ހުށަހަޅުއްވަމުން އޭނާގެ ވަކީލު މުހައްމަދު އިބްރާހިމް ވިދާޅުވީ، ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި އުމަރު ހުންނަވަނިކޮށް އޭނާގެ މައްސަލައެއް މެންބަރުންގެ ސުލޫކީ މިންގަނޑު ބަލާ ޑިސިޕްލިނަރީ ކޮމެޓީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ކޮމެޓީން މައްސަލަ ބެލުމަށްފަހު ޑިސެމްބަރު 2، 2010 ގައި އުމަރު ޕާޓީން ވަކިކޮށްފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ އުމަރުގެ ޕާޓީން ވަކިކޮށްފައި ވަނީ އަސާސީ ގަވާއިދުގެ 83 ވަނަ މާއްދާ އާއި 84 ވަނަ މާއްދާ އާއި 110 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމު ހިމެނޭ ގޮތަށް ފަސް މަގާމަކުން މީހުން ވަކިކުރާ ނަމަ އަމަލު ކުރަންޖެހޭ ވަކި ގޮތެއް އަސާސީ ގަވާއިދުގައި ބުނެފައިވާއިރު އުމަރު ވަކިކޮށްފައި ވަނީ އެއާ ހިލާފަށް ކަމަށެވެ.
އުމަރުގެ ފަރާތުން ޝަރީއަތުގައި ބުނީ ޑިސިޕްލިނަރީ ކޮމެޓީން މެންބަރަކު ވަކި ކުރެވޭނެ ކަމަށް ބުނެފައިވާ ނުވާ ކަމަށެވެ. އަދި އުމަރު ވަކި ކުރުމަށް ބޭއްވި ޖަލްސާގައި ރިޔާސަތުން ވޯޓު ދީފައި ވަނީ ވޯޓު ހަމަހަމަވެފައި ނުވަނީސް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އެކަމަކު އަސާސީ ގަވާއިދު ބުނާ ގޮތުން ރިޔާސަތަށް ވޯޓު ދެވޭނީ ހަމައެކަނި ވޯޓު ހަމަހަމަވާ ހާލަތްތަކުގައި ކަމަށް އަސާސީ ގަވާއިދުގައި ބުނެފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ އަސާސީ ގަވާއިދާ ހިލާފަށް އުމަރު ޕާޓީން ވަކިކޮށްފައިވާތީ އޭނާއަށް ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ހ. އިން ލިބިދޭ ހައްގުން މަހްރޫމްވެފައިވާ ކަމަށެވެ. އަދި ޑީއާރްޕީން އޭނާ ވަކިކުރުމަށް ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް ވެސް އުމަރުގެ ފަރާތުން ކޯޓުގައި އެދިވަޑައިގަތެވެ.
އެ މައްސަލަ ސާބިތު ކުރުމަށް އުމަރު ނަސީރުގެ ފަރާތުން މިއަދު ވަނީ ޝަރީއަތަށް ފަސް ހެއްކެއް ހުށަހަޅައިފަ އެވެ. އެއީ މުހައްމަދު ނަދީމާއި ޑިސިޕްލިނަރީ ކޮމެޓީގެ މެންބަރުން ކަމަށްވާ އަބްދުﷲ ލަތީފާއި އަހުމަދު ޝަރީފާއި ޝާހު އިސްމާއިލާއި އަހުމަދު ޒިޔާދެވެ.
މީގެ އިތުރުން ވަކީލު ޝަރީއަތުގައި ވިދާޅުވީ އުމަރު ވަކި ކުރުމާ ހަމައަށް އަސާސީ ގަވާއިދު އޮތް ގޮތާއި އެ ދުވަހާ ހަމައަށް ޑިސިޕްލިނަރީ ކޮމެޓީގައި ތިބި މެންބަރުން ޝަރީއަތުން ބަލައިދިނުމަށެވެ.
No comments:
Post a Comment