ޝީރީންގެ މަރުގެ ދައުވާ ލިބޭ އޭނާގެ ލޯބިވެރިޔާ މަސްތުވާތަކެތީގެ މައްސަލައެއްގައި 10 އަހަރަށް ޖަލަށް
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހަދަމުންދިޔަ އިމާރަތެއްގެ ކުނިތަކެއްގެ ތެރޭގައި އޮއްވާ ފެނުނު މަރިޔަމް ޝީރީން މަރާލި ކަމުގެ ދައުވާ ލިބޭ އޭނާގެ ލޯބިވެރިޔާ ލ. ކަޅައިދޫ، އޯޝަންވިލާ، މުހައްމަދު ނަޖާހު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި ހުކުމް ކުރައްވަމުން ގާޒީ ސައީދު އިބްރާހިމް ވިދާޅުވީ ނަޖާހުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް [ޕީޖީ] ކުރި މަސްތުވާއެއްޗެއް ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ދައުވާއަށް ބެލިއިރު، ހެކިންގެ ހެކި ބަހުންނާއި ގުޅިފައިވާ ގަރީނާތަކަށް ބެލުމުން އޭނަގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.
އެއީ ނަޖާހުގެ މައްޗަށް މިފަދަ މައްސަލައެއް ސާބިތުވި ފުރަތަމަ ފަހަރު ކަމުން މަސްތުވާއެއްޗެއް ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ އުގޫބާތެއްގެ ގޮތުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ބ. ގެ ދަށުން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ކުށުގެ އުގޫބާތެއްގެ ގޮތުން ވެސް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ބ. ގެ ދަށުން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ކަމަށް ގާޒީ ވިދާޅުވި އެވެ.
މީގެ އިތުރުން ނަޖާހުގެ މައްޗަށް ދައުލަތުން މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ދައުވާ ވެސް އުފުލާފައިވެ އެވެ. އެކަމަކު އެ މައްސަލަ ސާބިތެއް ނުވި އެވެ. ގާޒީ ވިދާޅުވީ އެ މައްސަލަ ސާބިތު ނުވީ ނަޖާހުގެ ކުޑަކަމުދާ ތަކެތި ޕޮޒިޓިވްވެފައި ވަނީ އޯޕިއޭޓްސް އަށް ކަމަށްވެފައި ބޭހުގެ ގޮތުގައި ބޭނުން ކުރާ މަސްތުވާއެއްޗެއް ބޭނުންކޮށްގެން ވެސް އޯޕިއޭޓްސްއަށް ޕޮޒިޓިވްވެދާނެ ކަމަށް މާހިރުން ބުނެފައިވާތީ ކަމަށެވެ.
ޝީރީންގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާއިރު ޝަރީއަތުގައި ނަޖާހު ބުނެފައި ވަނީ އެންމެ ދެ ބަހެއް ވަރެވެ. އެކަމަކު މިއަދު ސަން އޮންލައިންގެ ފޮޓޯ ޖާނަލިސްޓް ނަޖާހުގެ ފޮޓޯ ނެގުމުން އޭނާ ވަނީ ފޮޓޯގްރާފަރާ ދިމާލަށް ވަރަށް ހުތުރު ބަސްތަކެއް ކިޔައިފަ އެވެ.
No comments:
Post a Comment