Thursday, May 19, 2011
އަލީ ވަހީދާއި އިތުރު މެމްބަރުންނަށް ފައިސާދީގެން އެމްޑީޕީއަށް ބަދަލު ކުރަން އުޅޭ ކަމަށް ބުނެ ޒެޑް ފެކްޝަނުން އޭސީސީއަށް މައްސަލަ ހުށަހަޅައިފި
ސަރުކާރުން ފައިސާ ދީގެން ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި މަޖިލީހުގެ އެހެން މެމްބަރުންތަކެއް ވެރިކަންކުރާ ޕާޓީ، އެމްޑީޕީއަށް ބަދަލުކުރަން އުޅޭ ކަމަށް ބުނެ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ޒެޑް-ޑީއާރްޕީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.
ޒެޑް-ފެކްޝަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އުމަރު ނަސީރު އެންޓި ކޮރަޕްޝަނަށް މިއަދު ހުށަހަޅުއްވާފައިވާ މައްސަލައިގައި ބުނެފައި ވަނީ، "ފައިސާ ދީގެން އެއް ޕާޓީން އަނެއް ޕާޓީއަށް މެމްބަރުން ގެންދިއުމަކީ ކޮރަޕްޝަނުގެ އަމަލަށް ނޫނީ ނުވާނެ" ކަމަށެވެ. އަދި "ފައިސާ އާއި މަގާމް އަދި ރިސޯޓް، ފަޅު ރަށް ފަދަ މުދާ ހަދިޔާ"ގެ ގޮތުގައި ދީގެން ޕާޓީ ބަދަލުކުރާ ކުރުން އެއީ ހުއްދަ ކަމެއް ކަމުގައި ނުވަތަ ރީތި ކަމެއް ކަމުގައި ބެލެވޭ ހިސާބަށް ކޮރަޕްޝަންގެ އެ އަމަލު ގޮސްފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
އަދި އަލީ ވަހީދާއި އެފަދަ އެހެނިހެން ބޭފުޅުންތަކަކަށް ފައިސާދޭ ކަމަށް ވާހަކަދެކެވޭއިރު، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން އަމަލުތައް ތަހުގީގު ކޮށް ދިނުމަށް އެ ސިޓީގައި ވަނީ ބުނެފަ އެވެ.
".. މި ވާހަކަ ދެކެވޭ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުގެ އަމަލުތައް ތަހުގީގު ކޮށްދެއްވާ ޕާޓީ ބަދަލުކުރާ ބޭފުޅުންގެ އެކައުންޓް ތަކަށް އަދި އެބޭބޭފުޅުންގެ އެކުވެރިން، ތިމާގެ މީހުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭތޯ ބައްލަވާ ކޮރަޕްޝަނުގެ އެ އަމަލު ހުއްޓުވޭތޯ ބައްލަވާ ދެއްކުން އެދި ދެންނެވީމެވެ،" އެ ސިޓީގައިވެ އެވެ.
އެ ސިޓީގައި އިތުރަށް ބުނެފައިވަނީ، ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ވަކި ގޮތަކަށް ވައުދުވެ، ވާހަކަ ދައްކާ ވޯޓު ހޯދައިގެން އިންތިހާބު ވުމަށް ފަހު އެ މީހެއްގެ ނަފްސު ބަދަލުކޮށް، އެ މީހެއްގެ ފިކުރު ފައިސާ އަށް ވިއްކާ، ވޯޓުދިން މީހުންގެ އިހްސާސްތަކުގައި ކޮޅުފައިން ޖެހުމަކީ މަކަރާއި، ހީލަތާއި ކޮރަޕްޝަންގެ އަމަލެއް ކަމުގައި ނޫނީ ނުވާނެ ކަމަށެވެ. އަދި ސިޓީގައި ބުނެފައިވެ އެވެ؛ "މި ފަދަ އަމަލްތަކަކީ އެއްވެސް ކަމެއް ނޫން ކަމަށް މުޖުތަމައަށް ބެލެވެން ފަށައިފި ނަމަ އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން ވީދި ޑިމޮކޮރެސީ ކިނލަބުވެ ރަނގަޅާއި ނުބައި އޮޅިގެން ހިނގައިދާނެ ކަމަށް ދެކެމެވެ."
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ވަނީ އެ ޕާޓީން މިއަދު ވަކިވެވަޑައިގެންފަ އެވެ. އަދި އޭނާ ފައިސާގެ ބޮޑު އަދަދަކުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ. އަދި މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުންތަކެއް ވެސް ވެރިކަންކުރާ ޕާޓީއާ ގުޅެން އުޅޭ ކަމަށް ވަނީ ބެލެވިފަ އެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވެވި އަދި ރައީސް މައުމޫނާ ގާތް ކަމެއް އޮންނަ ޝައިހު މުހައްމަދު ގުބާދު އަބޫބަކުރާއި ޑީއާރްޕީގައި އިސްކޮށް އުޅުއްވި ހަސަން ސުޖާއު އެމްޑީޕީއާ ގުޅުވަޑައިގެންނެވިތާ ގިނަ ދުވަހެއް ނުވެ ވަނީ، ސަރުކާރުގެ އިސް މަގާމުތަކަށް މިހާރު އައްޔަންކުރައްވައިފަ އެވެ
Subscribe to:
Post Comments (Atom)
No comments:
Post a Comment