Thursday, May 19, 2011

އިންސާފު ނުލިބި އެނބުރި ގެއަށް


ލިބިފައިވާ އަނިޔާތަކަށް ސަރުކާރަށް އިންސާފު ހޯދައި ނުދެވުނު ކަމަށް ވިދާޅުވެ، ރީކޯ މޫސަ މަނިކު އެމްޑީޕީގެ ޖަލްސާއެއް ދޫކުރައްވައި ވަޑައިގެންނެވި ހަބަރު ބޮޑުވެ، ސުރުހީތަކަށް އެރިއެވެ. މީހުންގެ ސަމާލުކަން ވެސް އެކަމަށް ހުއްޓުނެވެ. މިއަދު ގައުމު "ސިޔާސީން" ވަށައި އެނބުރެމުން ދާއިރު، ކޮންމެ ދުވަހަކު އިންސާފު ނުލިބިދާ އާދައިގެ
ރައްޔިތުން މަތިން ހަނދާން ނެތޭ ގޮތް އަވަހެވެ.

ޝަރީފާ ޚާނީ އާއި އަހުމަދު ނަޒީފަކީ ކޮން ބަޔެއްކަން މިއަދު ހަނދާން ހުރީ ކިތައް މީހުން ހެއްޔެވެ؟ އެއީ މީގެ ދެ މަސް ކުރިން އައިޖީއެޗުގައި ބޯބުރިކޮށްލައިގެން ނެގި ކުއްޖާގެ ބަދުނަސީބު މައިންބަފައިންނެވެ. އެ ހިތާމަވެރި ހާދިސާއަށް ފަހު އިންސާފު ހޯދުމަށް އެދެމަފިރިން ފުލުހުންނަށް މައްސަލަ ހުށަހެޅި އެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މައްސަލަ ބަލަން ފެށި އެވެ. ހޮސްޕިޓަލުން ވެސް ތަހުގީގު ފެށި އެވެ. ނަމަވެސް، ހާދިސާއަށް ދެމަހަށްވުރެ ގިނަ ދުވަސްވީ އެވެ. މުޅި ގައުމު ސިއްސުވައިލި އެ ހާދިސާއާ ގުޅިގެން އުފެދުނު ސުވާލުތަކަށް ޖަވާބެއް ނުލިބުނެވެ. އިންސާފު ނުލިބި އެ ދެމަފިރިން އެނބުރި ދިޔައީ ރަށަށެވެ.

މިއީ ހަމައެކަނި އެއް ވާހަކަ އެވެ. ކޮންމެ ދުވަހަކު ކޮންމެވެސް މީހެއްގެ ދަރިއަކަށް ޖިސްމާނީ އަދި ޖިންސީ ގޯނާ ކުރުމުގެ ހިތާމަވެރި ހަބަރެވެ. މުސްކުޅިދުވަހު މައިމީހާ އަނިޔާވެރި ފިރިހެނެއްގެ، ޝިކާރައަކަށް ހަދައިފި
އެވެ. އެތަކެއް ފޮނު އުއްމީދުތަކާއެކު ބޮޑުކުރަމުންދިޔަ ޒުވާން ދަރިިން ވަޅިތަކުން ކަތިލައި، އެތައް މައިންބަފައިނެއްގެ
ހުވަންފެންތައް ފުނޑުފުނޑު ކޮށްލައިފި އެވެ. މީގެ ތެރެއިން އިންސާފު ލިބުނީ ކިތައް މީހުންނަށްތޯ އެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 17000 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވީ ނަމަވެސް އޭގެ ތެރެއިން ހުކުމަކާ ހަމަ އަށް ގޮސްފައިވަނީ އެންމެ 75 މައްސަލަ އެވެ. އިޖުތިމާއީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި ހުކުމާ ހަމައަށް ގޮސްފައިވާ
މައްސަލަތައް މަދުވުމަކީ ކަންބޮޑުވާން ޖެހޭ މައްސަލަ އެކެވެ.

"ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެބުނަނީ ހުކުމާ ހަމައަށް ދިޔައީ އެންމެ 75 މައްސަލައޭ. އެ އަދަދާމެދު ސީރިއަސް ކޮށް ސުވާލު އުފެދޭ. ގައުމުގައި ވައްކަމާއި ފޭރުމާއި ކުޑަކުދިންނަށް އެކިކަހަލަ އަނިޔާކުރުން މިއޮތީ ކޮޅުން ލައިގެން ގޮސްފައި. އެހެން ކަން އޮއްވާ މީހުން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އެހާ މަދު އަދަދެއް
ހުކުމާ ހަމައަށް ދަންޏާ ސުވާލަކީ ބާކީ ތިބި މީހުންނަށް ލިބެންޖެހޭ ޖަސްޓިސް [އިންސާފު] ކޮބައިހޭ؟،" އޭނާ ވިދާޅުވި އެވެ.

އަނިޔާ ލިބޭ އެތައް ބަޔެއްގެ އުއްމީދަކީ ކޯޓު މެދުވެރިކޮށް އިންސާފު ހޯދުމެވެ. ނަމަވެސް، ކޯޓު މެދުވެރިކޮށް އިންސާފު ނުލިބުމުން ޝަރުއީ ދާއިރާއާ މެދު ބަޔެއް މީހުންގެ އިތުބާރު ދަނީ ގެއްލެމުންނެވެ.

"އަޅުގަނޑުމެންނަށް ބައެއް ފަހަރު މީހުންގެ ފަރާތުން އަންނަ ފީޑްބެކް އަކީ ކީއްކުރަންހޭ މައްސަލަ ހުށަހަޅަނީ. ކޯޓުތަކަށް ގޮސްގެން ކޮން ކަމެއްހޭ ވަނީ. ނެގަޓިވްކޮށް ދެކޭ މީހުން ވަރަށް ގިނަ މިހާރަކަށް
އައިސް،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ހޭލުންތެރިކަން ކުޑަވުމުގެ އިތުރަށް މާލީ ގޮންޖެހުންތަކުގެ ސަބަބުން ވެސް އިންސާފު ހޯދުމަށް މީހުން ކުރާ މަސައްކަތުގައި ފަސް ޖެހެ އެވެ. އެމީހުންނަށް ހިތްވަރުދީ، އެމްޕަވާ ކުރުމުގައި މީޑިއާއާއި އަމިއްލަ ޖަމިއްޔާތަކަށް މުހިންމު ދައުރެއް އަދާކުރަން ޖެހޭ ކަމުގައި ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
އެވެ.

"ގިނަ ފަހަރު މީޑިއާގަ ވެސް ރިޕޯޓްކުރާނެ ކޭސްތައް. އެކަމަކު ކުޑަ ދުވަސްކޮޅެއް ފަހުން އެ މައްސަލަތައް ހިނދެނީ. ކޮންމެ ފަހަރަކު ކަމެއް ހިނގާއިރު އެކަން ކުށްވެރިވެސް ކުރާނެ. އެކަމަކު އެކަމެއް ދިމާވާ ފެމިލީއަކަށް އެހީވާން ނޫނީ އަސްލު ސަޕޯޓް ނުދެވޭ. އަޅުގަނޑުމެން އެބަޖެހޭ އެ އާދަ ބަދަލުކުރަން. އަސްލު ޖަމިއްޔާތަކަށް ވަރަށް ބޮޑު ދައުރެއް އަދާކުރެވޭނެ އެކަހަލަ މައްސަލަތައް އައިޑެންޓިފައިކޮށްގެން އެހީވާން. މީޑިއާ މެދުވެރިކޮށްވެސް ހޭލުންތެރިކަން އިތުރުކުރެވޭނެ." އޭނާ ވިދާޅުވި އެވެ.

މާރާމާރީއާއި ވައްކަން ފަދަ ނުރައްކާތެރި ކުށްތަކުން ފެށިގެން އަހުލާގީ މައްސަލަތަކުގެ ތެރެއަށް ގައުމު އަރަގުވެގެންދާއިރު، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި އެހީވާން އެބަޖެހެ އެވެ. އެމީހުންނަށް ހިތްވަރުދީ، ކުށްވެރިން ތޭރިތަކުގެ ބިއްދޮށަށް ލާން ޖެހެ އެވެ. ކޮންމެ ހާދިސާއެއް، ކޮންމެ މައްސަލައެއް ފެންމަތިވާއިރު ސިޔާސީ ފައިދާއަށްޓަކައި "ބްލޭމް ގޭމް" ކުޅުމުގެ ބަދަލުގައި، ހާލަތު ބަދަލުކުރަން ވަނީ ޖެހިފަ އެވެ. އެހެންނޫން ނަމަ އިންސާފު ނުލިބި އެނބުރި ގެއަށް ދާން ޖެހޭ މީހުން ދާނީ އިތުރުވަމުންނެވެ.

No comments:

Post a Comment