Tuesday, May 10, 2011

ހޮޓަލެއްގެ ތެރެއިން ޝަހުމް ހަމަލާދިން ކަމަށް ބުނަނީ އޭނާއާއެކު އިމާމް ކޯހަށް ދިޔަ ދަރިވަރަކަށް

ހޮޓަލެއްގެ ތެރެއިން ޝަހުމް ހަމަލާދިން ކަމަށް ބުނަނީ އޭނާއާއެކު އިމާމް ކޯހަށް ދިޔަ ދަރިވަރަކަށް

މުޖްތަމައަށް ނުރައްކާތެރި ކަމަށް ފުލުހުން ހާމަކޮށްފައިވާ ގ. ކޯޒީ، އިބްރާހިމް ޝަހުމް އާދަމް ހޮޓަލެއްގެ ތެރޭގައި ލަކުޑި ބުރިއަކުން ހަމަލާދިން ކަމަށް ބުނަނީ އޭނާއާއެކު އިމާމް ކޯހަށް ދިޔަ ދަރިވަރަކަށް ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު ހިންގި ޝަރީއަތުން އެނގިއްޖެ އެވެ.

ޝަހުމް އަނިޔާ ކުރި ކަމަށް ބުނާ އއ. ތޮއްޑޫ، ކާނޭޝަންމާގޭ، އަހުމަދު ނައީމް ފޯން ކޮންފަރެންސް މެދުވެރިކޮށް ޝަހުމާ ދެކޮޅަށް ހެކިބަސް ދެމުން ބުނީ ޝަހުމަކީ އޭނާއާއެކު 2009 ވަނަ އަހަރު އިމާމް ކޯހަށް ދިޔަ މީހެއް ކަމަށެވެ. ހެންވޭރު ކޮޅު ހޮޓަލެއްގައި ހިނގައިދިޔަ އެ ހާދިސާ ކިޔައިދެމުން އޭނާ ބުނީ މާޗް 31، 2010 ގައި އޭނާ ރައްޓެހިންތަކަކާއެކު ސައި ބޯން ހޮޓަލުގައި ތިއްބާ ޝަހުމް ވެސް އެތަނަށް ދިޔަ ކަމަށެވެ. ޝަހުމް ވެސް އިނީ އޭނާގެ ރައްޓެހިންތަކަކާއެކު ކަމަށް ނައީމް ބުންޏެވެ.

ނައީމް ބުނީ އެ ދުވަހު ޝަހުމާއެކު ސައި ބުއިމަށް އޭނާ ގާތަށް އައުމަށް ޝަހުމް ބުނަމުންދިޔަ ކަމަށެވެ. އަދި އެކަމަށް އިންކާރު ކުރުމުން ފަހަތުން ގޮސް ގައިގައި ހިފައި އޭނާ ނަގަން އުޅުނު ކަމަށް ވެސް ނައީމް ބުންޏެވެ. އަދި ބުނީ އެވަރުންވެސް އޭނާ އިންކާރު ކުރުމުން ޝަހުމް އޭނާގެ ލޯ މަތީގައި ޖަހައި އަނިޔާ ކުރަން ފެށި ކަމަށެވެ. އެފަހަރު އޭނާ ސަލާމަތްކުރީ އެވަގުތު ހޮޓަލުގައި ތިބި މީހުން ކަމަށް ވެސް ނައީމް ބުންޏެވެ.

ނައީމް ބުނީ ހޮޓަލުގެ ތިބި މީހުން ޝަހުމް ދުރުކުރުމުން ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާ ބޭރަށް ގޮސްފައިވާ ކަމަށެވެ. އަދި ފަހުން ލަކުޑި ފަތިބުރިއެއް ހިފައިގެން ހޮޓަލަށްވަދެ ނައީމަށް، ލަކުޑި ބުރިން ހަމަލާދޭން ފެށީ ކަމަށެވެ.
ނައީމް ބުނީ ޝަހުމް އޭނާއަށް އަނިޔާ ކުރުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ފަރުވާ ދިނުމަށް އޭޑީކޭ އާއި އައިޖީއެމްއެޗަށް ވެސް ގޮސްފައިވާނެ ކަމަށެވެ. އަދި ހޮޓަލުގައި ހިންގި މާރާމާރީއަށް ފަހު އެއް ދުވަހު މަގުތަމަތިން ފެނުމުން ވެސް ޝަހުމް އޭނާގެ ކަރުގައި ހިފައި ފިއްތާލާފައިވާ ކަމަށް ނައީމް ބުންޏެވެ.

އޭނާ ބުނީ އިމާމް ކޯސް އޭނާއަށް ފުރިހަމަ ނުކުރެވުނީ ވެސް ޝަހުމްގެ ސަބަބުން ކަމަށާއި އެކަމުގެ ބަދަލު ހޯދަން ބޭނުންވާ ކަމަށެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުވާއަށް އިންކާރު ކުރުމަށްފަހު ޝަހުމް ބުނެފައި ވަނީ ނައީމް ކިޔާ މީހެއްގެ ހަނދާން ނެތް ކަމަށެވެ. މައްސަލަ ބައްލަވާ ގާޒީ ނައީމް ހެކިބަސް މިއަދު ނެގުމަށް ފަހު ޝަހުމް އާއ ސުވާލު ކުރެއްވުމުން ވެސް ބުނީ ނައީމް ކިޔާ މީހެއްގެ މަތިން ހަނދާން ނުވާ ކަމަށެވެ.
ޝަހުމަކީ މ. ބިއުޓީފްލާވާ، މުހައްމަދު ހުސެއިންގެ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. މީގެ އިތުރުން މިދިޔަ މާޗް މަހު މަޖީދީމަގުގައި އަހުސަން ބަޝީރަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތު ވެސް ފުލުހުން ކުރަނީ ޝަހުމްގެ މައްޗަށެވެ.

ބަޝީރުގެ މަރުގެ މައްސަލައިގައި ފުލުހުން ޝަހުމް ހޯދަމުން ދަނިކޮށް އިތުރު ބަޔަކާ އެކު އޭނާ އަތުލައިގެންފައި ވަނީ ފަޅު ރަށެއްގައި ފިލައިގެން އުޅެނިކޮށެވެ.

No comments:

Post a Comment