Monday, May 23, 2011

ގައިދީންނާ މެދު އިންސާނިއްޔަތާ ހިލާފު ޖަރީމާ ހިންގާފައި ނުވާނެ ކަމަށް އިސްތިފާ ވިދާޅުވެއް




ރާއްޖޭގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނަށް ޖަލު ބަންދުގައި ތިބި މުއްދަތުގެ ތެރޭގައި އޭގެ ތެރެއިން ބައެއް މީހުންނާ މެދު އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގައިފާ ކަމަށް ބުނާ މައްސަލައިގާ ފުލުހުން ކުރަމުންދާ ތަހުގީގުގައި އިސްތަފާ އިބުރާހިމް މަނިކު އެއްބަސްވެފައިވާ ކަމަށް ބުނާ ހަބަރުތައް ދޮގުކުރައްވައި އޭނާ މިއަދު ބަޔާނެއް ނެރުއްވައިފި އެވެ.

އިސްތަފާ މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ "ރާއްޖޭގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި މީހުންނާ މެދު އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާ، މިގޮތަށް ބަންދުކޮށްފައި ތިބޭ މީހުންގެ މައްޗަށް ޝަރީއަތުގެ ހުކުމުގެ ބޭރުން އިތުރު އަދަބު ދިނުމާއި ލާއިންސާނީ އަދި އަނިޔާވެރި އަދަބުތައް ދީފައިވާ ކަމަށާއި އެމީހުންނާ މެދު އިހާނެތިކޮށް ހިތާފައިވާ ކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސާވިސް އިން މިހާރު ބަލަމުން ދާ މައްސަލައިގާ އޭނާ އެކަމަށް އެއްބަސްވެފައިވާ ކަމަށް ނުވަތަ އިއުތިރާފްވެފައިވާ ކަމަށް ފަތުރަމުންދާ ދޮގު ވާހަކަތައް" އޭނާ ކުށްވެރިކުރައްވާ ކަމަށެވެ.

އިސްތަފާގެ ބަޔާނުގައިވެ އެވެ.

"އިސްވެ ދެންނެވުނު މައްސަލަ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ގާނޫނުން ކަނޑައެޅިފައިވާ އިމުގެ ތެރެއިން ތަހުގީގު ކުރުމަކީ އަޅުގަނޑު މަރުހަބާ ކިޔާ ކަމެވެ. އަދި އެކަމުގައި އަޅުގަނޑު މޯލްޑިވްސް ޕޮލިސް ސާވިސް އަށް އެއްބާރުލުން ދީފައިވާ ވަރު އެފަރާތަށް އެނގިވަޑައިގަންނަވާނެ އެވެ. ނަމަވެސް ގާނޫނުގެ އިމުން ބޭރުވެ، މޯލްޑިވްސް ޕޮލިސް ސާވިސް އިން އަޅުގަނޑު ހައްޔަރުކޮށްފައިވާކަން ހިތާމައާ އެކު ފާހަގަ ކުރަމެވެ."

އިސްތަފާގެ ބަޔާނުގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލައިގާ ދިވެހި ރާއްޖޭގެ ހައި ކޯޓުން އިއްޔެ އިއްވެވި ހުކުމުން، ފުލުހުން އޭނާ ހައްޔަރުކުރެއްވީ ގާނޫނާ ހިލާފަށް ކަން ވަރަށް ސާފުކޮށް ހާމަވެގެން ހިނގައްޖެ ކަމުގައި އޭނާ ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.

އިސްތަފާގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ފުލުހުން ތަހުގީކުރާ ކަމަށް ބުނާ ކަންކަމަކީ އެތަކެއް އަހަރުތަކެއްގެ ތެރޭގައި ހިނގާފައިވާ ކަމަށް ބުނާ ކަންތައްތަކެއް ކަމަށް ދައުލަތުގެ ފަރާތުން ވިދާޅުވާ އިރު އޭނާ ޖަލުތައް ބެލެހެއްޓުމާ ހަވާލުވެ ހުންނެވީ މެދުކެނޑެމުން ގޮސް 8 އަހަރު ދުވަހު އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އޭނާ މަސައްކަތްކުރައްވާފައި ވާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އެއްވެސް އިރެއްގައި އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަށް ނުވަތަ ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރުމަށް އެންމެ ފަހަރަކު ވެސް އަމުރުކޮށްފައި ނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރުމަށް އޭނާގެ ވެރިޔަކު އޭނާ އަށް ވެސް އަންގަވާފައި ނުވާ ކަމަށް ވެސް އިސްތަފާގެ ބަޔާނުގައި އޭނާ ވިދާޅުވެފައިވެ އެވެ.

ޕްރިޒަންސް ޑިވިޝަންގެ ވަޒީފާގައި ހުންނެވި ދުވަސްވަރު ވަޒީފާ އަދާކުރައްވާފައިވާ ގޮތާއި އަޅާފައިވާ ފިޔަވަޅުތައް އެ އިދާރާގައިވާ ލިއުންތަކުން އެނގޭނެ ކަމަށް ވިދާޅުވެ، އެލިއުންތައް ރައްކާތެރިކޮށް ބަލަހައްޓައި ދިނުމަށް އެ އިދާރާއާ މިހާރު ހަވާލުވެފައިވާ މުއައްސަސާއަށް އިސްތަފާ ވަނީ ގޮވާލައްވާފަ އެވެ.

No comments:

Post a Comment